ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރިކަނބަލުންގެ ޙަޔާތްޕުޅުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ "ލޭޑީ އޮފް ހެވެން" ފިލްމު ނޭޅުވުމަށް އިނގިރޭސިވިލާތުގެ ސިނަމާ ޗެއިން ސައިންވޯލްޑް ކުންފުނިން ނިންމައިފިއެވެ.
އެ ކުންފުނިން ބުނީ މި ގޮތަށް ނިންމީ އެ ކުންފުނީގެ މުވައްޒަފުންނާއި އެ ކުންފުނީގެ ސިނަމާތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
މި ފިލްމު އިނގިރޭސިވިލާތުގެ ސިނަމާތަކުގައި ނުދެއްކުމަށް ގޮވައިލާ 120،000 މީހުންވަނީ ޕެޓިޝަނެއްގައި ސޮއިކޮށްފައިވެއެވެ. ވޮލްޓޮން ކައުންސިލް އޮފް މޮސްކްސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފިލްމަކީ ކުފުރުގެ މައްޗަށް ބިނާވެފައިވާ ފިލްމެއް ކަމަށެވެ.
އެ ފިލްމާ ގުޅޭ ގޮތުން ބޮލްޓަން ކައުންސިލް އޮފް މޮސްކްސްގެ ޗެއާމަން އާސިފް ޕަޓޭލް ވިދާޅުވީ އެ ފިލްމު އެކުލަވައިލާފައިވަނީ ދީނީ ޖަމާއަތެއްގެ ވަކި ވިސްނުމެއްގެ މައްޗަށް ކަމަށެވެ. އަދި އެ ފިލްމަކީ އާންމު އިސްލާމީ ތާރީޚާ ޚިލާފަށް އިސްލާމީ ތާރީޚުގެ އެންމެ ޤަދަރުވެރި ޝަޚުޞިއްޔަތުތަކަށް ކުޑައިމީސްކުރާ ފިލްމެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
މި ނިންމުން ސަައިންވޯލްޑުން ނިންމާފައިވަނީ އެ ކުންފުނީގެ ސިނަމާއެއް ކުރިމަތީގައި 100 އަށްވުރެ ގިނަ މީހުން އެއްވެ އިހުތިޖާޖުވެސްކޮށްފައިވަނިކޮށެވެ.
ސައިންވޯލްޑުގެ ބާމިންހަމް ގޮތްޕެއް ކުރިމަތީގައި 200 އަށްވުރެ ގިނަ މުސްލިމުން އިހުތިޖާޖުކުރާ މަންޒަރުގެ ފޮޓޯއެއް ޚަބަރު ގެނެސްދޭ ވެބްސައިޓެއް ކަމުގައިވާ 5ޕިލާސްއިންވަނީ ޓުވިޓާގައި ހިއްސާކޮށްފައެވެ.
މި ފިލްމު ދެއްކުން ހުއްޓައިލުމާ ގުޅިގެން ޓޯލްކްޓީވީގައި ވާހަކަދައްކަވަމުން އިނގިރޭސި ސިއްހީ ވަޒީރު ސާޖިދު ޖާވިދުވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ދީންތަކަށް ބަދުބަސް ރައްދުކުރުން މަނާކުރާ ޤާނޫނެއް އިނގިރޭސިވިލާތުގައި ނެތް ކަމަށެވެ. އަދި ކޮންމެ ޚިޔާލެއްވެސް ފާޅުކުރެވެންވާނެ ކަމަށެވެ.