Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބޮރިސް ޖޯންސަން

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިތުބާރުނެތްކަމަށް ފާސްނުވި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ އިތުބާރު ނެތްކަމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާހެއް ނުވިއެވެ.

ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގައި ބޮރިސްއާމެދު ބޮޑެތި ހިތްހަމަނުޖެހުންތަކެއް ހުރި ނަމަވެސް އިތުބާރު ނެތްކަމަށް ކަނޑައެޅުމަށް ނެގި ވޯޓުގައި ބޮރިސްވަނީ 211 ވޯޓު ކާމިޔާބުކުރައްވައި އިތުބާރު ދަމަހައްޓަވާފައެވެ. އިތުބާރު ނެތްކަމަށް ފާސްކުރަން ވޯޓު ދެއްވީ ޤާނޫނު ހަދާ މަޖިލީހުގެ 148 މެންބަރުންނެވެ.

މި ވޯޓު ކާމިޔާބުކުރެއްވުމުގެ މާނައަކީ ވެރިކަމުން އޭނާ ވަކިކުރުމުގެ މަސައްކަތް އަހަރު ދުވަހުގެ މުއްދަތަށް ދެން ނުކުރެވޭނެ ކަމެވެ. ނަމަވެސް ކޮންޒަވޭޓިވް ޕާޓީގެ 358 މެންބަރުންގެ ތެރެއިން 148 މެންބަރުން އޭނާއާ ދެކޮޅަށް ވޯޓު ދެއްވުމަކީ ޖޯންސަންގެ ބާރަށް އައި ބޮޑު ހީނަރުކަމެކެވެ.

ބޮރިސްގެ ކާމިޔާބަށްފަހު އޭނާ ވިދާޅުވީ އޭނާއަށް ލިބުނު ޔަޤީން އަދި ނިހާއީ ކާމިޔާބާއެކު އިނގިރޭސިވިލާތަށް ކުރިއަށްދިއުމަށް މަގު ކޮށިގެން ގޮސްފައިވާ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި މި ނަތީޖާއަކީ ޤަބޫލުކުރެވޭ ނިހާއީ ނަތީޖާއެއް. އަދި އެ ނަތީޖާގެ މާނައަކީ ސަރުކާރަށް ކުރިއަށް ފިޔަވަޅުއަޅައި މީހުންނަށް ޙަޤީޤަތުގައިވެސް މުހިއްމުވާ ކަންކަމަށް ސަމާލުކަން ދިނުމުގެ ފުރުސަތު ފަހިވުން،" އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބުކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ބޮރިސް ވިދާޅުވިއެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ނަގާފައިވަނީ ކޮންޒަވޭޓިވް ޕާޓީގެ 54 މެންބަރަކު ބޮރިސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައިދިނުމަށް އެދިވަޑައިގެން ޕާޓީގެ މަސްއޫލުވެރިއެއް ކަމުގައިވާ ގްރަހާމް ބްރޭޑީއަށް ސިޓީ ފޮނުއްވުމާ ގުޅިގެން ހޯމަދުވަހުއެވެ.

ޖޯންސަންއަށް ބަރުލަމާނުގެ އާދައިގެ އަޣުލަބިއްޔަތު ކާމިޔާބުނުކުރެއްވުނުނަމަ، ކޮންޒަވޭޓިވް ޕާޓީއަށް އައު ލީޑަރަކު އިޚުތިޔާރުކުރަން މަޖުބޫރުވީހެވެ. އެއިރުން އިންތިޚާބަކާ ނުލައި އެ ޤައުމުގެ ބޮޑުވަޒީރު ބަދަލުވާނެއެވެ.

މި ލިއުމާއި ގުޅޭ