އިސްލާމްދީނާމެދު ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ތައްޔާރުކޮށްފައިވާ ހިންދީ ފިލުމެއް ކަމުގައިވާ ސަމްރަތް ޕްރިތުވިރާޖު ދެއްކުން އިސްލާމީ ގިނަ ޤައުމުތަކެއްގައި މަނާކޮށްފައިވަނިކޮށް ރާއްޖޭގެ ސިނެމާތަކުގައި އެ ފިލްމު ދައްކަން ފަށައިފިއެވެ.
މި ފިލްމަކީ ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު މައިގަނޑު ރޯލެއް އަދާކުރާ ފިލްމެކެވެ. މި ފިލްމު މަނާކުރި އިސްލާމީ ޤައުމުތަކުގެ ތެރޭގައި އޮމާނާއި ކުވައިތުގެ އިތުރަށް ޤަޠަރު ހިމެނެއެވެ. އެ ޤައުމުތަކުގައި އެ ފިލްމު މަނާކުރީ އެއީ މުސްލިމުންނާމެދު ނަފުރަތު އުފައްދާ ފިލްމެއް ކަމަށްވާތީއެވެ.
ޑރ.ޗަންދުރަޕަކާޝް ޑްވިވެޑީ ޑައިރެކްޓުކޮށް ތައްޔާރުކުރާ މި ފިލްމުގައި ދައްކައިދެނީ އިންޑިއާގެ ހިންދޫ ރަސްކަލެއް ކަމުގައިވާ ސަމްރަތް ޕްރިތުވިރާޖު މުސްލިމު ރަސްކަލަކާ ދެކޮޅަށް ކުރި ހަނގުރާމައެއްގެ ވާހަކައެވެ.
މި ފިލްމުގައި މުސްލިމު ރަސްކަލެއް ކަމުގައިވާ ޣޯރުގެ މުހައްމަދަކީ ބޮޑު އަނިޔާވެރިއެއްގެ ގޮތުގައި ޞިފަކޮށް، މުސްލިމުންނަކީ އިންޑިއާއަށް ވެރިވެ އެ ޤައުމު ލޫޓުވި ބައެއް ކަމަށް ދައްކާފައިވެއެވެ.
މި ފިލްމު އިސްލާމީ ޤައުމުތަކުން މަނާކުރަމުން އަންނައިރު ރާއްޖޭގެ ސިނަމާތަކުގެ ތެރެއިން ޝްވެކް ސިނަމާގައި މި މަހުގެ 3 ވަނަ ދުވަހު އެ ފިލްމު ދެއްކުމަށް ތާވަލުކޮށްފައިވެއެވެ.
މި ފިލްމު ބައެއް އިސްލާމީ ޤައުމުތަކުން މަނާކޮށްފައިވާއިރު، ބީޖޭޕީގެ ތަރުޖަމާނު އަދި އެ ޕާޓީގެ އިތުރު ލީޑަރަކު އިސްލާމްދީނަށް ތައުހީނުކުރުމާ ގުޅިގެން އިންޑިއާގެ މުދަލާއި އުފެއްދުންތައް ބޮއިކޮޓްކުރަން ގޮވައިލާ އަރަބި ދުނިޔޭގައި އަންނަނީ ބޮޑު ކެމްޕޭނެއް ކުރަމުންނެވެ.