އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކަށް ދިމާވާ ގޮންޖެހުންތައް ދެނެގަތުމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެކުލަވާލާ އިންކުއަރީއަށް އިނގިރޭސިވިލާތުގެ އެހީ ހޯދަން ފަށައިފި އެވެ.
މިއަދު އޮތް ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވިދާޅުވީ ޑަބްލިއުޑީސީތަކަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭ އިންކުއަރީއެއް ހެދުމަށް ފުރަތަމަ މަޝްވަރާކޮށް އިންކުއަރީ އެކުލަވާލުމުގެ މަސައްކަތް ފެށުމަށް މިދިޔަ ފެބްރުއަރީ މަހު ނިންމި ކަމަށެވެ.
އެގޮތުން މިދިޔަ ފެބްރުއަރީ 15 ގައި އިނގިރޭސިވިލާތުގެ މިނިސްޓަރު އޮފް ސްޓޭޓް ފޯ ސައުތު އޭޝިއާ އެންޑް ކޮމަންވެލްތް އެންޑް ދި ޕްރައިމް މިނިސްޓާސް ސްޕެޝަލް ރެޕްރެޒެންޓޭޓިވް އޮން ޕްރިވެންޓިން ސެކްޝުއަލް ވައިލެންސް އިން ކޮންފްލިކްޓް ޒޯންސް، ތޯރިގް އަހްމަދާއެކު ބޭއްވި ބައްދަލުވުމުގައި އެ އިންކުއަރީއަށް ސަޕޯޓު ބޭނުންވާކަން ކޮމިޓީން ހިއްސާކުރި ކަމަށެވެ.
އަދި 23 ފެބްރުއަރީގައި ވެސްޓު މިނިސްޓަރު ފައުންޑޭޝަން ފޯ ޑިމޮކްރަސީ ކޮންސަލްޓަންޓާ އެކު އެ ކޮމިޓީން ބޭއްވި ބައްދަލުވުމުގައިވެސް އެފަދަ އިންކުއަރީއެއް އެކުލަވާލުމަށް ސަޕޯޓު ބޭނުންވާ ވާހަކަ ހިއްސާކުރި ކަމަށް ޖީހާން ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރު ޖީހާން-- ފޮޓޯ/ މަޖިލިސް
އޭގެ ފަހުން މިދިޔަ 30 މާޗުގައި ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އިންކުއަރީގެ މަސައްކަތް ކޮމިޓީގެ ވޯކް ޕްލޭންގައި ހިމެނުމަށާއި، އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ގައުމީ ޔުނިވާސިޓީގެ އެހީތެރިކަން ހޯދުމަށް މަޝްވަރާ ކުރި އެވެ.
އޭނާ ވިދާޅުވީ މިދިޔަ އޭޕްރީލް މަހު ވެސްޓު މިނިސްޓަރު އިފް ފައުންޑޭޝަނާއެކު ބޭއްވި އިތުރު ބައްދަލުވުމެއްގައި އިންކުއަރީ އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
އަންހެން ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެމްބަރުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް ގޮވާލައި މަޖިލީޙުގެ ނައިބު ރައީސް އީވާ އަބްދުﷲވެސް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފަ އެވެ.
އެ ގަރާރު ލާމަރުކަޒީ ކޮމިޓީން ދިރާސާކުރާއިރު އިންކުއަރީގެ މަސައްކަތްތައް ހިއްސާކުރުމަށް މިއަދުގެ ޖެންޑާ ކޮމިޓީން ނިންމި އެވެ.