ރަޝިޔާއިން އުފައްދާ ތެލުގެ ގިނަ އުފެއްދުންތަކެއް އެތެރެކުރުން ހުއްޓައިލަން ވިލާތުގެ އިއްތިހާދުގެ ލީޑަރުން އެއްބަސްވެވަޑައިގެންފިއެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ޔޫކުރެއިނުގައި ރަޝިޔާއިން ކުރަމުން އަންނަ ހަނގުރާމައަށް ޚަރަދުކުރަން ބޭނުންވާ އާމްދަނީ އެ ޤައުމަށް ނުލިބޭ ގޮތް ހެދުމެވެ.
ހަފުތާތަކަށް ދެމިގެންދިޔަ އުދަގޫ މަޝްވަރާތަކަށްފަހު އެއްބަސްވި މި ފިޔަވަޅުގެ ދަށުން ތެލާއި ޕެޓްރޯލިއަމްގެ އުފެއްދުންތައް އެތެރެކުރުން މަނާކުރި ނަމަވެސް ރަޝިޔާގެ ޕައިޕްލައިންތައް މެދުވެރިކޮށް އެތެރެކުރާ ތެޔޮ އިސްތިސްނާކޮށްފައިވެއެވެ. މި އިސްތިސްނާގެ ބޭނުމަކީ ހަންގޭރީއާއި ސްލޮވޭކިއާއާއި ޗެކް ރިޕަބްލިކް ފަދަ ޤައުމުތަކަށް ރަޝިޔާއިން ބޭރުކުރާ ސާފުނުކުރާ ތެޔޮ ނޫން އައު ޚިޔާރެއް ހޯދުމަށް ބޭނުންވާ ވަގުތާއި ޖާގަ ތަނަވަސްކުރުމެވެ.
ހޯމަދުވަހުގައި ސޮއިކުރި މި އެއްބަސްވުމާއެކު ރަޝިޔާގެ ބޭންކުތަކާއި ފަރުދުން ޝާމިލުވާ ގޮތަށް ހަވަނަ ދަތިކުރުމުގެ ފިޔަވަޅު ޕެކޭޖު ތަންފީޒުކުރުމަށް ވިލާތުގެ އިއްތިހާދަށް ފުރުސަތު ފަހިވާނެއެވެ.
އަދި މި އެއްބަސްވުމަކީ ހަންގޭރީއާއި ޔޫރަޕިއަން ކޮމިޝަނުގެ މެދުގައި އުފެދިފައިވާ ދެބަސްވުމަށްވެސް ހައްލު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އެއްބަސްވުމެކެވެ. ހަންގޭރީން ބުނަނީ ރަޝިޔާގެ ޑްރުޒްބާ ޕައިޕްލައިނުން ލިބޭ ތެލަށް އެ ޤައުމުން ބަރޯސާވާ މިންވަރަށް ބަލައި އެ ޤައުމުގެ ހަކަތައިގެ ސަލާމަތީ ބޭނުންތަކަށް ޔޫރަޕިއަން ކޮމިޝަނުން އެކަށީގެންވާ މިންވަރަށް ރިއާޔަތްނުކުރާ ކަމަށެވެ.
ޔޫރަޕިއަން ކައުންސިލުގެ ރައީސް ޗާލްސް މިޗެލް މި އެއްބަސްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި އެއްބަސްވުމާއެކު ރަޝިޔާގެ ހަނގުރާމައިގެ މެޝިނަށް ފަންޑުކުރަން ދަތިވާނެ ކަމަށެވެ. އަދި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރަޝިޔާއަށް، "އެންމެ ބޮޑުތަނުން ފިއްތުން" ކުރިމަތިވާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން އެތެރެކުރުން މަނާވާ ތެލުގެ އުފެއްދުންތަކުގެ ތެރޭގައި ކަނޑުމަގުން އެތެރެކުރާ ތެޔޮ ހިމެނޭނެއެވެ. ޔޫރަޕުން ރަޝިޔާއިން އެތެރެކުރާ ތެލުގެ 3 ބައިކުޅަ 2 ބައި އެތެރެކުރަނީ ކަނޑު މަގުންނެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ޑްރުޒްބާ ޕައިޕްލައިނުގެ އުތުރުފަޅިން ޖަރުމަނާ ޕޮލޭންޑުން ތެޔޮ ގަތުންވެސް އެކީހެން ހުއްޓިގެންދާނެއެވެ.
ޕައިޕްލައިންތައް މެދުވެރިކޮށް ރަޝިޔާއިން ތެޔޮ ގަތުމަށް ދީފައިވާ އިސްތިސްނާގެ މުހުލަތާމެދު ޔޫރަޕުގެ ލީޑަރުން އެއްބަސްވެވަޑައިގެންފައިނުވެއެވެ. އެ ބޭފުޅުން ވިދާޅުވެފައިވަނީ އެ އިސްތިސްނާއަކީ ވަގުތީ އިސްތިސްނާއެއް ކަމަށާއި، ވީހާވެސް އަވަހަށް އެ ބޭފުޅުން އެކަމާ މަޝްވަރާކުރައްވައި ގޮތެއް ނިންމަވާނެ ކަމަށެވެ.
ތެޔޮ ގަތުން މަނާކުރާ ކުރުމުގެ ތެރެއިން ޕައިޕްލައިންތައް މެދުވެރިކޮށް ތެޔޮ ގަތުން އިސްތިސްނާކުރުމަކީ ހަންގޭރީން ވަރަށް ބޮޑަށް އެދުނު ކަމެކެވެ. އެއީ ޕައިލައިން މެދުވެރިކޮށް ތެޔޮ ގަތުން ހުއްޓާލައިފިނަމަ އެކަމުގެ ސަބަބުން އެ ޤައުމުގެ އިޤުތިޞާދަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެކަމަށް އެ ޤައުމުން ދެކޭތީއެވެ.