Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެކްޓް ޗެކް

ފެކްޓް ޗެކް: ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމުގެ ބިލާމެދު ރައީސް ދެއްކެވި ވާހަކަފުޅު

އެމްޑަބްލިއުއެސްސީގެ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ އޮތް ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވަނީ ރިސޯޓު ބިމު ކުލި ކުޑަކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

އެ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޞާލިޙު ވިދާޅުވެފައިވަނީ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރަން ބިލެއް ހުށަހެޅީ މި އަހަރުގެ ކުރީކޮޅުގައި ކަމަށެވެ. އަދި ރަޝިޔާ ޔޫކުރެއިން ހަނގުރާމައާ ގުޅިގެން އެ ބިލު އަނބުރާ ގެނައުމަށް ސަރުކާރުން ނިންމީ ކަމަށާއި، ރާއްޖޭގެ އިޤުތިޞާދު ދަތި ހާލަތަކަށް ވެއްޓޭނެފަދަ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙު މިފަދައިން ވިދާޅުވި ނަމަވެސް މި ބިލު މަޖިލީހަށް ހުށަހަޅާފައިވަނީ މާޗު މަހުގެ 29 ވަނަ ދުވަހުގައެވެ. ރަޝިޔާއިން ޔޫކުރެއިނަށް އެރީ ފެބްރުއަރީ 24 ވަނަ ދުވަހުގައެވެ. ރަޝިޔާއިން ޔޫކުރެއިނަށް އެރުމާއެކު، ދުނިޔޭގެ އިޤުތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަނިކޮށް، އެ ހާދިސާއަށް 1 މަސް ފާއިތުވި ފަހުން މަޖިލީހަށް މި ބިލު ހުށަހެޅުމުން މި ބިލު ހުށަހެޅިއިރުވެސް ޔޫކުރެއިން ހަނގުރާމައިގެ ހިޔަނި ދުނިޔޭގެ އިޤުތިޞާދަށް އެޅިފައި އޮތްކަން ހާމަވެއެވެ.

އޭޕްރީލް މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އިދިކޮޅު މެންބަރުންނާއި މުސްތަޤިއްލު މެންބަރުން މި ބިލަށް ފާޑުވިދާޅުވުމުން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގެންދެވީ އެ ބިލު ދިފާއުކުރައްވަމުންނެވެ.

އޭގެ އިތުރަށް މި ބިލާ ގުޅޭ ގޮތުން ޓުއަރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމާ ސުވާލުކުރުމުން ރައްޔިތުންގެ މަޖިލީހުގައިވެސް އޭނާވަނީ މި ބިލު ދިފާއުކުރައްވާފައެވެ. މި ބިލުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް އުނިކަމެއް އަންނާނެކަމަށް މަޖިލީހުގެ މެންބަރުން ވިދާޅުވުމުން މައުސޫމު ވިދާޅުވެފައިވަނީ ދައުލަތަށް އާމްދަނީ ހޯދާ ގޮތަކީ ރިސޯޓުތަކުގެ ބިމު ކުލި ނޫން ކަމަށެވެ. އަދި ބިމު ކުލި އުނިކުރުމުން ފައިދާވާނެ ކަމަށެވެ.

މި ބިލު ދިރާސާކުރުމަށް މި މަހުގެ 23 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިޤުތިޞާދީ ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އެމްއެމްއޭއިން މި ބިލާމެދު ހުރި ކަންބޮޑުވުންތައް ފާހަގަކޮށް، މި ބިލު ފާސްކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫންކަމަށް ބުނިއިރު ސަރުކާރުގެ ފަރާތުން ކޮމިޓީއަށް ވަޑައިގެންނެވި ޓުއަރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމުވަނީ އެ ބިލު ދިފާއުކުރައްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި މި އިސްލާހަކީ އިންވެސްޓަރުންނަށް ފަހިވާނެ ކަމެކެވެ. އަދި މި ލުއި ދޭ ސަރަހައްދުތަކުގައި ހުރި ރިސޯޓުތަކަށް އިންވެސްޓުކޮށްފައިވާ ފަރާތްތަކަށް ލިބޭ އާމްދަނީއާއި ފައިދާ އިތުރުވުމުން އެހެން ސަރަހައްދުތަކަށް އެ ފަރާތްތަކުން އިންވެސްޓުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރިސޯޓު ހިންގާ ފަރާތްތައް އެންމެ ބޮޑަށް ރީއިންވެސްޓް ކުރަނީ. މާލެ އަތޮޅުގައި ހުރި ތަންތަން ވެސް ފައިދާ ބޮޑުވެގެން އެހެން ދިމަދިމާލުގައި އެބަ އިންވެސްޓް ކުރޭ. އެހެންވީމަ އިންވެސްޓް ކުރަން ވެސް ފަހިވާނެ މިހާރު ހުރި ތަންތަނަށް ލުޔެއް ލިބިއްޖެއްޔާ،" ޑރ.މައުސޫމު ވިދާޅުވިއެވެ.
މި ލިއުމާއި ގުޅޭ