ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ. މަނިކުފާނަކީ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލެވެ. އެއްވެސް ހާލެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ޤާނޫނީ ވަކީލެއް ނޫނެވެ.
މިފަދައިން މި ދަންނަވަންޖެހުނީ މިއަދު އޮންލައިން ނޫހަކަށް މަނިކުފާނު ދެއްވި ބަސްދީގަތުމަކާ ގުޅިގެންނެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ޤަރާރު ނަންބަރު 5/2022 ވަނަ ޤަރާރު ދިފާއުކުރައްވައި، ރައީސް ޤަރާރެއް ނެރުއްވުމުން އެ ޤަރާރެއް ބާތިލު ކަމުގައި ކަނޑަނާޅާ ހިނދަކު އެ ޤަރާރު ތަންފީޒުކުރައްވާނެކަމަށް މަނިކުފާނު ވިދާޅުވުމުންނެވެ.
މަނިކުފާނު މިއަދު ހުންނެވި މަޤާމަކީ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލްގެ މަޤާމެވެ. ތިޔަ މަޤާމަކީ ޤާނޫނު އަސާސީން ވުޖޫދުކޮށްފައިވާ މުސްތަޤިއްލު މިނިވަން މަޤާމެކެވެ. މާނައަކީ ޕްރޮސެކިއުޓާ ޖެނެރަލްއަކީ ރައީސުލްޖުމްހޫރިއްޔާ އަންގަވާ ގޮތެއްގެ މަތިން ކަންކަން ކުރެއްވުމުގެ ބަދަލުގައި މިނިވަންކަމާއެކު ޤާނޫނު އަސާސީގައި ބަޔާންކުރާ ޒިންމާތަކާއި މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ޒިންމާއާ ހަވާލުވެ ހުންނަވާ ބޭފުޅަކަށްވުމެވެ.
މަނިކުފާނު ޒިންމާތައް އަދާކުރައްވަންވީ ގޮތް ޤާނޫނު އަސާސީގައި ސާފު ސަރީހަކޮށް ބަޔާންކޮށްފައިވެއެވެ. ޤާނޫނު އަސާސީގެ 220 ވަނަ މާއްދާގެ (ހ)ގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސެކިއުޓާ ޖެނެރަލެއް ހުންނަންވާނެ ކަމަށެވެ. އަދި އެ މާއްދާގެ (ށ)ގައި ބުނެފައިިވަނީ، ޕްރޮސެކިއުޓާ ޖެނެރަލްގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންވާނީ ޤާނޫނުއަސާސއާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މި މާއްދާގެ (ށ) ވިދާޅުވާށެވެ. މަނިކުފާނުގެ ޒިންމާ އަދާކުރެއްވުމުގައި ރިޔާސީ ޤަރާރަކަށް ތަބާވުމުގެ ވާހަކަ ޤާނޫނު އަސާސީގައި އެބައޮތްތޯއެވެ. ނެތްކަމަށްވަނީނަމަ މަނިކުފާނު ރިޔާސީ ޤަރާރަށް ތަބާވެވަޑައިގަންނަވާނެ ކަމަށް އަދި އެ ޤަރާރު ނަގަހައްޓަވާނެކަމަށް ވިދާޅުވުމުގެ ޤާނޫނީ ޙުއްޖަތަކީ ކޮބައިތޯއެވެ؟
އިސްވެ ހަވާލާ ދިން މާއްދާގެ (ނ) މަނިކުފާނު ވިދާޅުވުން ރަނގަޅެވެ. އެ އަކުރުގައި ބުނަނީ "ޕްރޮސެކިއުޓާ ޖެނެރަލަކީ، އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައާއި އޭނާއަށް ލިބިފައިވާ ބާރުތައް ބޭނުންކުރުމުގައި، އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުވެފައިވާ މީހަކަށް ވެގެނެއްނުވާނެއެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ މަސްއޫލިއްޔަތުތައް އަދާކކުރާންވާނީ އަދި ބާރުތައް ބޭނުންކުރަންވާނީ އެއްވެސް ފަރާތަކަށް ޖެހިލުންވުމެއް ނެތި، ތައައްސުބުން އެއްކިބާވެހުރެ ބަންޑާރަނައިބު ކަނޑައަޅާ މައިގަނޑު ސިޔާސަތުތަކާ އެއްގޮތަށެވެ. އަދި އޭނާގެ މަސައްކަތުގެ އަސާސްތައް ބިނާކުރަންވާނީ ހަމަހަމަކަމާއި، ހާމަކަމާއި ޖަވާބުދާރީވުމުގެ މައްޗަށެވެ."
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކީ ވަކިކަމެއް ކުރަން ތަންފީޒީ ބާރުތަކަށް އަންގަވައި އެމަނިކުފާނު ނެރުއްވި ޤަރާރެކެވެ. އެމަނިކުފާނު އެންގެވި އެންގެވުމަކަށް މަނިކުފާނު ތަބާވެވަޑައިގަތުމަކީ މި މާއްދާގައި ބުނެފައިވާ، "އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަށް ކަންކުރާ" މީހަކަށް ޕީޖީ ވެގެންނުވާނެ ކަމަށް ބުނެފައިވާ ބުނުމާ ޚިލާފު ކަމަކަށްނުވަނީ ހެއްޔެވެ؟
މަނިކުފާނު ތިހުންނެވި މަޤާމުގެ ޒިންމާތަކާއި ބާރުތައްވެސް ޤާނޫނު އަސާސީގައި ވަނީ ސަރީހަކޮށް ބަޔާންކޮށްދީފައެވެ. ޖިނާއީ ދައުވާކުރުމާއި ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ގިނަ ޒިންމާތަކެއް ޕީޖީއާ މަތިވެފައިވީ ނަމަވެސް އެއަށްވުރެ މަނިކުފާނުގެ ޒިންމާގެ ދާއިރާ ޤާނޫނު އަސާސީގައި ތަނަވަސްވެފައި ފުޅަލެވެ.
ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ފ) ވިދާޅުވުމަށް މަނިކުފާނު އަރިހުގައި އެދި ދަންނަވަމެވެ. އެ އަކުރުގައި މަނިކުފާނުގެ ޒިންމާތަކުގެ ތެރޭގައި "ޤާނޫނު އަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ހައްގުތަކާއި މިނިވަކަން ނެގެހެއްޓުން" ހިމަނާފައިވެއެވެ.
މި މާއްދާއިން މަނިކުފާނާ މަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ދިފާއުކުރެއްވުމެއް ނޫނެވެ. އެ ޤަރާރަކީ ޤާނޫނު އަސާސީގެ ހަމަތަކާ ޚިލާފު ޤަރާރެއް ކަމުގައިވަނީނަމަ، އަދި އެ ޤަރާރުން ފަރުދުންގެ ހައްގުތަކާއި މިނިވަންކަމަށް އުނިކަމެއް އަންނަނަމަ މަނިކުފާނުގެ ޒިންމާއަކީ އެ މިނިވަންކަމާއި ޙައްޤުތައް ނެގެހުއްޓުމެވެ.
މި މާއްދާއިން މަތިކުރާ ޒިންމާ އަދާކުރާ ގޮތުގެ ދެތިން މިސާލެއް ދަންނަވައިލާނަމެވެ. ރައީސް މުޙައްްމަދު ނަޝީދުގެ ވެރިކަމުގައި ޤާނޫނުގައި ބަޔާންކުރާ އިޖުރާއާތާ ޚިލާފަށް ކުރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަޤާމުގައި އެއިރު ހުންނެވި ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރެއްވިއެވެ. އެއިރުގެ ޕީޖީ ނިންމެވީ އެކަން ދިފާއުކުރެއްވުމުގެ ބަދަލުގައި އެ މައްސަލާގައި ޤާޟީ ޢަބްދުﷲގެ ހައްގުތައް ކަށަވަރުކޮށްދެއްވަން މަސައްކަތްކުރައްވާށެވެ.
އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ރައީސް ނަޝީދުގެ ވެރިކަމުގައި ތަޅު އެޅުއްވުމުންވެސް އެއިރުގެ ޕީޖީ އަޙްމަދު މުޢިއްޒު އިސްކުރެއްވީ "ޤާނޫނުއަސާސީގެ ހަމަތައް" ހިފަހައްޓަވައި ނެގެހެއްޓެވުމެވެ. އެ މައްސަލާގައި ސަރުކާރާ ދެކޮޅަށް އެއިރުގެ ޕީޖީ ސިވިލް ކޯޓަށްވެސް ވަޑައިގަތެވެ. އަޅުގަނޑުގެ ހަނދާން ބަލިނޫންނަމަ މަނިކުފާނަކީ އެއިރު ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލެވެ. އެހެންވީމާ އެއިރު ކުރީގެ ޕީޖީ މުއިއްޒު އަމަލުކުރެއްވި ގޮތް މަނިކުފާނު ހަނދުމަފުޅު ހުންނާނެއެވެ.
މަނިކުފާނުގެ ވާހަކަފުޅަށް ބެލުމުން އެއްވެސް ތައައްސުބެއް ނެތި، ވަކި މީހާކު އަންގާހައި ގޮތަކަށް އަމަލުނުކޮށް، ޤާނޫނު އަސާސީގެ ހަމަތައް ނަގަހައްޓައި، ޙައްޤުތަކާއި މިނިވަންކަން ދިފާއުކުރާނެ ޕްރޮސެކިއުޓާ ޖެނެރަލެއް ނެތްކަން ޔަޤީންވެއްޖެއެވެ. އަޅުގަނޑުމެން ދިވެހިންނަށް ލިބުނު ޕީޖީއަކީ ރައީސް ޞާލިޙާއި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބުގެ ވަކީލެވެ. ކޯޓުގައި ދިފާއުކުރައްވަނީ ރައީސް ޞާލިޙުގެ ސިޔާސަތެވެ. ޤާނޫނު އަސާސީގެ 2020 ވަނަ މާއްދާގެ (ފ)ގައި ބަޔާންކުރާ ޒިންމާ އަދާކުރައްވާނެ ޕީޖީއެއް މިއަދަކު ނެތެވެ. އަޙްމަދު މުޢިއްޒެއް ޕީޖީ ކަމުގައި ނެތެވެ.