ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަމަލުކުރައްވާ ގޮތުން މިހާރު ގާނޫނު ހަދަން މަޖިލީހަށް ފޮނުވަންޖެހޭ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖަރުމަނުވިލާތައް ރާއްޖެއިން އާ ސަފީރަކު ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ މައްސަލައިގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން ޝިޔާމް ވިދާޅުވީ އެފަދަ މައްސަލަތަކުގައި މަޖިލީހުގެ އެޕްރޫވަލް ހޯދަން މިހާރު ރައީސުލްޖުމްހޫރިއްޔާ ފޮނުވަންޖެހޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
އަދި ރައީސުލްޖުމްހޫރިއްޔާގެ އަމަލުތައް ހުންނަގޮތުން ގާނޫނުތައް ހަދަންވެސް މިހާރު މަޖިލީހަށް ފޮނުވަންޖެހޭ ކަމަށް ނުފެންނަ ކަމަށެވެ.
".. ސަފީރުން އެޕްރޫވް ކުރަން، ގާނޫނު ހަދަން މިހާރު ފޮނުވަންޖެހޭ ކަމަކަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ ރައީސުލްޖުމްހޫރިއްޔާ އަމަލުކުރައްވާ ގޮތުން. ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ގަރާރެއް ނެރުއްވާފަ އަޅުގަނޑަށް ހީވަނީ މިކަންތައްތައް ކުރެއްވީމަ ހުންނާނީ ރަނގަޅަށްހެން އަޅުގަނޑަށް ހީވަނީ،" ޝިޔާމް ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ރާއްޖޭގައި ހަދަންޖެހޭ ހުރިހާ ގާނޫނެއް ހަދައި ދިވެހިރާއްޖެއިން ބޭރުގައި ތިބެންޖެހޭ ސަފީރުންތައް އައްޔަންކޮށް މި ހުރިހާ ކަމެއް ކުރެއްވީމަ އަޅުގަނޑަށް ހީވަނީ ރައީސުލް ޖުމްހޫރިއްޔާއަށް ރަނގަޅަށް ވެރިކަން ކުރެވިފަ ހުރިކަން ރައީސުލްޖުމްހޫރިއްޔާއަށް ގަބޫލުކުރެވޭނެހެން،"
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ތެރެއިން-- ފޮޓޯ/މަޖިލިސް
ޝިޔާމް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް ސޯލިހު ނެރުއްވި ގަރާރަކީ ގާނޫނުއަސާސީން ލިބިދީފައިހުރި ހައްގުތަކެއް ނިގުޅައިގަނެފައިވާ ގައިރު ގާނޫނީ ގަރާރެއް ކަން ދިވެހި ރައްޔިތުނަށް އެނގޭ ކަމަށެވެ.
މަޖިލީހުގެ ހައްގުތަކަށްވެސް އަރައިގަނެ އެފަދަ ގަރާރެއް ނެރުއްވާފައިވާއިރު، މަޖިލީހުން އެ މައްސަލައިގައި ބަހެއް ނުބުނާތީ އޭނާ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
".. އަޅުގަނޑު ހިތައް އަރާ މި އިއްޒަތްތެރި މަޖިލީހުން ކުރަނީ ކޮން ކަމެއްތޯ. މަޖިލީހުގެ ހައްގުތަކެއް އެ ގަރާރަކުން ނިގުޅައިގަނެފައި ހުރިއިރުގަިއވެސް މަޖިލީހަކުން އެ ގަރާރަކާ ދޭތެރޭގައި އެއްވެސް އެއްޗެއް މިއަދާ ހަމައަށް ވިދާޅު ނުވުމަކީ މީ އަޅުގަނޑުގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް،" ޝިޔާމް ވިދާޅުވި އެވެ.
މަޖިލީހުގެ ދައުރެއް ނެތި ރައީސުލްޖުމްހޫރިއްޔާ އަށް އެގޮތަށް ގަރާރު ނުނެރުއްވޭނެ ކަމަށާއި އެއީ ގާނޫނާ ހިލާފަށް ނެރެފައިވާ ގަރާރެއް ކަމަށް ރާއްޖޭގެ ފުންނައިބު އުސް ބައެއް ގާނޫނީ ވަކީލުން ދެކިލައްވާކަން އޭނާ ފާހަގަކުރެއްވި އެވެ.