Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޙައްޖު ކޯޕަރޭޝަން

ޙައްޖަށް މީހުން ގެންދަން ލިބުނު 453 ކޯޓާ ހައްޖު ކޯޕަރޭޝަނަށް

މި އަހަރު ޙައްޖަށް މީހުން ގެންދިއުމަށް ދިވެހިރާއްޖެއަށް ސައުދީ ޢަރަބިއްޔާއިން ދޫކުރި 453 ކޯޓާވެސް ދައުލަތުގެ ޙައްޖު ކޯޕަރޭޝަނަށް ދޭން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނިންމައިފިއެވެ.

އާންމުކޮށް ރާއްޖެއަށް ސައުދީ އަރަބިއްޔާއިން 1،000 ހައްޖު ކޯޓާ ދޫކުރި ނަމަވެސް މި އަހަރު ރާއްޖެއަށް ސައުދީ ޢަރަބިއްޔާއިން ދޫކުރީ 453 ކޯޓާއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާޢަތްތަކަށް ހުޅުވާލައި، އެ ޖަމާޢަތްތަކުގެ ހުށަހެޅުންތައް ބަލައި ދިރާސާކުރުމަށް އެކަށީގެންވާ މުއްދަތެއް ނެތް ކަމަށެވެ.

އަދި އެކަމަށް ރިއާޔަތްކޮށް މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ސަރުކާރުން ކަނޑައެޅީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ކަމަށެވެ.

ލިބުނު ކޯޓާގެ ތެރެއިން އާންމުންނަށް ހުޅުވައިލަން ނިންމާފައިވަނީ އެންމެ 100 ކޯޓާއެވެ. އެ 100 ކޯޓާއަށް ކުރިމަތިލުމަށް ހުޅުވައިލާއިރު މިހާރު ޙައްޖު ކޯޕަރޭޝަނުގެ ކިއުގައި ތިބި ފަރާތްތަކަށްވެސް އެ ކޯޓާއަށް ކުރިމަތިލެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި 100 ކޯޓާއަށް އެދި ހުށަހެޅުމުގައި އަމަލުކުރަންޖެހޭ އުސޫލު އެކުލަވައިލާ އާންމުކުރާނީ ހައްޖު ކޯޕަރޭޝަނުންނެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މި އަހަރު ސައުދީ އަރަބިއްޔާއިން ދިން ކޯޓާގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މި ލިއުމާއި ގުޅޭ