Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މުޒާހަރާ

އެއްވެ އުޅުމުގެ ޙައްޤު ހަނިކުރާ މާއްދާ ބާތިލުކުރަން ހައިކޯޓަށް ހުށަހަޅައިފި

ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކުގެ ތެރެއިން އެއްވެއުޅުމުގެ މިނިވަންކަން ހަނިކުރުމަށް، ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ހައިކޯޓަށް ހުށަހަޅައިފިއެވެ.

ހައިކޯޓަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މާއްދާ ބާތިލުކުރަން ހުށަހަޅާފައިވަނީ "ދިޔަރެސް" ނޫހުގެ ތިން މުއައްސިސުންކަމުގައިވާ އަޙްމަދު އަޒާނާއި އަޙްމަދު އިބްރާހީމާއި، ޝިފްޒާން އަޙްމަދެވެ. މި މައްސަލަ ހުށަހެޅި ފަރާތްތަކުގެ ފަރާތުން ކޯޓުގައި ވަކާލާތުކުރައްވާނެ ޤާނޫނީ ވަކީލަކީ އިނގިރޭސިވިލާތުގެ މަޝްހޫރު އޮކްސްފޯޑް ޔުނިވާސިޓީން ފުރަތަމައަށް މާސްޓާސް ޑިގުރީ ޙާސިލުކުރެއްވި ދިވެހި ވަކީލު، އަދި މިހާރުވެސް އެ ޔުނިވާސިޓީން ޕީއެޗްޑީއަށް ކިޔަވައިވިދާޅުވާ އަލްއުސްތާޛު އަޙްމަދު ޝައްފާން މުޙައްމަދެވެ.

މި މައްސަލާގައި ބުނެފައިވަނީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތައް ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެފަދަ ހައްގެއް ހަނިކުރާ މިންވަރަށް ކަމުގައި ކަމަށް ބުނެފައިވާ ކަމަށެވެ. އަދި މަޖިލީހުން ފާސްކުރާ ޤާނޫނަކުން ޙައްޤެއް ހަނިކޮށްފައިވަނީ ޤާނޫނު އަސާސީގައި ބުނެފައިވާ މިންގަނޑަށް ފެތޭ ގޮތަށްކަން ކަށަވަރުކުރުމުގައި ކޯޓުން ބަލަންޖެހޭ ކަންކަމުގެ ތެރޭގައި އެ ޙައްޤެއް ހިފަހައްޓާފައިވާ ގޮތާއި މިންވަރަށް ރިއާޔަތްކުރަންޖެހޭ ކަމަށެވެ.

2013 ވަނަ އަހަރު ފާސްކުރި އެއްވެ އުޅުމުގެ ޙައްޤުގެ ޤާނޫނަށް 2016 ވަނަ އަހަރު އިތުރުކުރި އަކުރުގައި ބުނެފައިވަނީ ވެރިރަށް މާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވާނަމަ އެކަން ކުރެވޭނީ ލިޔުމަކުން ފުލުހުންގެ ހުއްދަ ހޯދައިގެން، ނުވަތަ މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ. އަދި އެ ޤާނޫނުގެ ދަށުން ހޯމް މިނިސްޓްރީން މާލޭގައި އެއްވެވޭނެ ތަންތަން ކަނޑައަޅައި ލިސްޓެއް ޝާއިއުކުރުން ލާޒިމުކޮށްފައިވެއެވެ.

މި އިސްލާހު ބާތިލުކުރަން އެދި ހުށަހެޅި މައްސަލާގައި ފާހަގަކޮށްފައިވަނީ އެއްވެއުޅެވޭނީ ވަކި ތަނެއްގައި ކަމަށް ކަނޑައެޅުމަކީ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެ ހައްގު ހަނިކުރާ އުސޫލާ ޚިލާފު ކަމެއް ކަމަށެވެ. އަދި މާލޭގައި އެއްވުމަށް ލިޔުމުން ހުއްދަ ހޯދުމާއި، މިނިސްޓްރީން ހުއްދަ ދޭ ވަކި ތަންތަނުގައި ނޫނީ އެއްވެ ނޫޅެވޭނެކަމަށް ކަނޑައެޅުމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤެއް މުޅިން ނައްތައިލުން ކަމަށެވެ.

މި އިސްލާހު ބާތިލުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްފަހު މި އިސްލާހު ބާތިލުކުރަން މަޖިލީހަށް ހުށަހަޅުއްވާފައިނުވެއެވެ. އަދި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވަނީ މި އިސްލާހު މިހާރު އޮތް ގޮތަށް ބޭއްވުމަކީ ބޭނުންތެރިކަމެއް ކަމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގައި ވާހަކަދައްކަވާފައެވެ.

މި ލިއުމާއި ގުޅޭ