Tuesday 26th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަހްމަދު ރިލްވާން

ދަރިފުޅު ހޯދައިދޭން ޖެހިދާނެތީ އެމްޑީޕީންވެސް ބާކީކޮށްފި، ހިތް ހުއްޓޭވަރު ވެއްޖެ: ރިލްވާންގެ ބައްޕަ

ދަރިފުޅު ހޯދައިދޭން ޖެހިދާނެތީ މިހާރު އެމްޑީޕީންވެސް ބާކީކޮށްފި ކަމަށާއި، އެކަމުގައި ދާނެ ފަރާތެއްވެސް ނެތްކަމަށް ބުނެ ގެއްލުވާލާފައިވާ މިނިވަން ނޫނުގެ ނޫސްވެރިޔާ އަހުމަދް ރިލްވާން އަބްދުﷲގެ ބައްޕަގެ އުދާސްތައް ބަންޑުން ކޮށްލައިފި އެވެ.

ރިލްވާން، ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ގެ ކައިރިން ވަގަށް ނަގައި ގެއްލުވާލާފައިވަނީ އޮގަސްޓް 8، 2014 ގަ އެވެ. އޭނާއަށް ވީގޮތެއް ނޭނގި ގިނަދުވަސްވެފައި ވަނިކޮށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރިލްވާންއަށް އިންސާފު ހޯދައިދޭނޭކަމަ ވައުދުވި އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެން އެކުލަވާލި މަރު ކޮމިޝަނުން 2019 ވަނަ އަހަރު އެ މައްސަލައިގައި ނެރުނު ރިޕޯޓުގައި ސިއްރު ހެކިވެރިއަކާ ހަވާލާދީ ބުނެފައިވަނީ ރިލްވާން ދޯންޏަކަށް އެރުވުމަށްފަހު އޭނާގެ ކަރު ބުރިކޮށްލައި، ކަނޑު ފައްތާފައިވާ ކަމަށެވެ.

ރިލްވާން ގެއްލުނުތާ ހަތް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، އަދިވެސް އިންސާފު ނުލިބޭ ކަމަށް ބުނެ ރިލްވާންގެ ބައްޕަ އަބްދުﷲ މޫސާ 'ޗެނަލް 13' އަށް ދިން އިންޓަވިއުއެއްގައި ބުނީ ރިލްވާން މަރާލާފައިވާ ކަމަށް ސަރުކާރުން ބުނި ހިސާބުން އެންމެ ބޭނުންވީ ދަރިފުޅުގެ ކަށުނަމާދުގެ ކަންތައްތައް ކުރަން ނަމަވެސް އިސްލާމީކް މިނިސްޓްރީން އެކަން ނުކޮށްދިން ކަމަށެވެ.

އަދި އެ މައްސަލައިގައި މަޖިލީހުގެ މި އަހަހަރުގެ ދައުރުގެ ކުރީކޮޅު ލީ ސިޓީއަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށައި މަޖިލީހުގެ އިދާރާއަށްވެސް ވިއްސަކަށް ތިރީހަކަށް ފަހަރު އެކަމުގައި ދިޔަ ކަމަށް ރިލްވާންގެ ބައްޕަ ބުންޏެވެ.

"ތިބޭފުޅުންނަށްވެސް ފެންނާނެ އަޅުގަނޑުގެ ދަރިފުޅު ހޯދާނަމޭ ކިޔާފަ ފޮތިގަނޑު ހިފައިގެން މި މީހުން ހަޅޭއްލެވި ވަރު. އެކަމަކު އެއްވެސް ޝަރީއަތަކާ ހަމައަށްވެސް އަޅުގަނޑު އަދިވެސް ނުގެންދޭ، އަޅުގަނޑުގެ ދަރިއެއް މަރުވެގެން އުޅޭއިރު." އަބްދުﷲ މޫސާ ބުންޏެވެ.

އޭނާ ބުނީ ރިލްވާން ކަނޑުފައްތައި މަރާލީކަމަށް ބުނެ ރިޕޯޓެއް ނެރުމަކީ އިންސާފު ލިބުނީ ކަމަށް ގަބޫލު ނުކުރާ ކަމަށާއި އަދިވެސް އިންސާފު ލިބޭނެ ކަމަށްވެސް ގަބޫލު ނުކުރާ ކަމަށެވެ.
"އެއީ ވޯޓު ހޯދަން ޖެއްސި މަޅިއެއް. އޭގެ ފަހުން އަންނިވެސް [އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު] ބައްދަލެއް ނުވޭ. އަޅުގަނޑު އެތަނަށް ދިޔައީމަ ސިފައިން ބުނަނީ ކީއްކުރަންހޭ އައީ. އަޅުގަނޑު ބުނިން ލައިފަ އޮތ ސިޓީގެ ޖަވާބު ހޯދާށޭ. އެކަމު އެމީހުންނެއް ނުފެނޭ. އަންނިއެއް ނުފެނޭ ވެރިކަމަށް އެރި ފަހުންނެއް." ރިލްވާންގެ ބައްޕަ ބުންޏެވެ.
އެމްޑީޕީއަށް 3000 މީހުން ހަމަކުރަން ސޮއިކުރި މީހުންގެ ތެރޭގައި އޭނާ ހިމެނޭކަން ފާހަގަކޮށް ރިލްވާންގެ ބައްޕަ ބުނީ ކުރިން ބައިވެެރިނުވާ އެ ޕާޓީގެ އެއްވެސް ހަރަކާތެއް އަދި މުޒާހަރާއެއްވެސް ނޯންނާނެ ކަމަށެވެ. އެކަމަކު އޭގެން ލިބުނު އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.

"... އަޅުގަނޑަށް ލިބުނީ ހިތާމައެއް. އަޅުގަނޑަށް ދަރިފުޅު ހޯދައެއް ނުދިން. އަޅުގަނޑު މި ތެޅެނީ ހަމަ އެކަކު ކައިރިއަށް ގޮސް އަނެކަކު ކައިރިއަށް ގޮސް، އާދޭސްކޮށް. ދަންނަ ބޭކަލުންނާވެސް ބައްދަލުކޮށް." އަބްދުﷲ މޫސާ ބުންޏެވެ.

ރިލްވާންހެ ބައްޕަ ބުނީ ދަރިފުޅު ހޯދައިދޭން ޖެހިދާނެތީ މިހާރު އެމްޑީޕީގެ ޖަގަހައިގައި ހިންގާ ހަރަކާތްތަކުންވެސް އޭނާ ބާކީކޮށްފައިވާ ކަމަށެވެ.

"ދަރި ހޯދައިދޭން ޖެހިދާނެތީ މިހާރު ބާކީކޮށްފި. އަޅުގަނޑު ވަންނާނެ އެއްވެސް ތަނެއް ނެތް. ކުރާނެ ކަމެއްވެސް ނެތް. ދާނެ ފަރާތެއްވެސް ނެތް. އަޅުގަނޑު މިހާރު ހިތް ހުއްޓޭވަރު ވެފަ މިހުރީ. އަޅުގަނޑު އާއިލާ މީހެއް ނެތް. އެއްބަނޑު އެއްބަފާ މީހެއް ނެތް. މަރުވެއްޖެ ހުރިހާ އެންމެންވެސް. އަޅުގަނޑު އެކަނި ހުރީ" އަސަރާއެކު ރޮމުން އަބްދުﷲ މޫސާ ކިޔައިދިނެވެ.

އެހެންކަމުން މިހާރު އެމްޑީޕީއަށް ސަޕޯޓު ކުރަންވެސް ބޭނުން ނުވާ ކަމަށާއި، އެ ޕާޓީއަށް ތާއީދުކޮށްގެން އޭނާއަށް އެއްވެސް އެހީއެއް ނުލިބުނު ކަމަށް ރިލްވާންގެ ބައްޕަ ބުންޏެވެ.

2019 ވަނަ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ހުސްނުއްސުއޫދު ވިދާޅުވީ ރިލްވާން ގެއްލުވާލުމުގެ ކަންތައް ފެށިގެން ގޮސްފައިވަނީ 2010 އަދި 2011 ވަނަ އަހަރާއި ހިސާބުގައި ކަމަށެވެ. އެއީ މިނިވަން ފިކުރުގެ ބަޔަކާއި ދީނީ ހަރުކަށި ފިކުރުގެ ބަޔަކާއި ދެމެދު ހިނގާފައިވާ ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރިލްވާން ގެއްލުވާލި މައްސަލައާއި ގުޅިގެން ރައީސް ޔާމީންގެ ވެރިކަމުގައި ތަހުގީގުކޮށް ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާކުރިއެވެ. އެފަހުން ރައީސް ސޯލިހް ވެރިކަމާއި ހަވާލުވުމަށްފަހު އިތުރު އާ ތަހުގީގެއް ހިންގާ ބައެއްގެ މައްޗަށް ދައުވާކޮށްފައިވެސް ނުވެއެވެ. މަރުކޮމިޝަނުން ހެދި ރިޕޯޓުގައ މައިގަނޑު ގޮތެއްގައި ގެނެސްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގި ތަހުގީގުގައި ހޯދުނު މައުލޫމާތެވެ.

މި ލިއުމާއި ގުޅޭ