އިންވެސްޓުމެންޓު ސްކީމެއް ހިންގުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ހޯއްދަވައި އެ ފައިސާ މަނީ ލޯންޑާކުރެއްވިކަމުގެ ތުހުމަތުގައި ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްޙާން ފަހުމީ އެ ތުހުމަތުތަކަށް އިންކާރުކުރައްވައިފިއެވެ.
އަލްޙާން ރޭ ފުލުހަށް ހާޒިރުވެވަޑައިގަތުމުން ދެ ގަނޑިއިރަށްވުރެ ގިނައިރު ފުލުހުންވަނީ އޭނާއާ ސުވާލުކޮށްފައެވެ. ސުވާލުތަކަށް ޖަވާބުދެއްވުމަށްފަހު ފުލުހުންގެ މަރުކަޒުން އަލްޙާން ނުކުމެވަޑައިގެންނެވި ވަގުތު އެ ތަނުގައި ތިބި ނޫސްވެރިން އޭނާއާ ބައެއް ސުވާލުތައް ކުރި ނަމަވެސް އެއިން އެއްވެސް ސުވާލަކަށް އެ ވަގުތު އަލްހާން ޖަވާބުނުދެއްވައެވެ.
ފަހުން ކުރެއްވި ޓުވީޓެއްގައި އަލްހާންވަނީ އޭނާއަށް ފުލުހުން ކުރި މަނީ ލޯންޑާކުރުމުގެ ހުރިހާ ތުހުމަތަކަށް އިންކާރުކުރެއްވިކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ.
މި މައްސަލައަކީ އަލްޙާނު އަދި އޭނާގެ ކޮއްކޮ މީޑިއާ ކައުންސިލުގެ ރައީސް ޝަހުބާން ފަހުމީ އުފައްދާފައިވާ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އާންމުކޮށް ހުޅުވާލައިގެން ޓްރޭޑުކުރުމަށް ކަމަށް ބުނެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެކެވެ.