އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ މައުލޫމާތުތަކެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް އެންގި އެންގުން އިސްތިއުނާފުކުރީ މުއްދަތު ހަމަވި ފަހުންކަން ހާމަވެއްޖެ އެވެ.
އުތުރުތިލަފަޅުގައި ޑޮކްޔާޑަކާއި ބަނދަރެއް ހެދުމަށް އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު ވީ "ޑިވެލޮޕްމަންޓަ، ސަޕޯޓު، އެންޑް ދަ މައިންޓެނޭންސް އޮފް ދަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ހާބާ ސިފަވަރު އެޓް އުތުރުތިލަފަޅު" އެއްބަސްވުމާއި ގުޅޭގޮތުން އިތުރު މައުލޫމާތުތަކެއް ހޯދަން މިިދޔަ އަހަރުގެ ތެރޭގައި އެދުނީ "ދިޔަރެސް" ނޫހުންނެވެ.
އެކަމަކު އެ މައުލޫމާތު ހާމަކުރަން ޑިފެންސުން ދެކޮޅު ހެދުމުން މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން އެ އޮފީހުން 17 ޖެނުއަރީގައި ބޭއްވި އަޑުއެހުމުގައި ޑިފެންސަށް އެންގީ، ހަތަރު ދުވަހުގެ ތެރޭގައި އެ މައުލޫމާތު ދިނުމަށެވެ.
އެކަމަކު އެފަހުން 4 މަސް ވެފައިވާއިރުވެސް ޑިފެންސުން އެ މައުލޫމާތު ހާމަ ނުކުރެ އެވެ. އަދި އެ މައުލޫމާތު ނުދޭނެ ކަމަށް ބުނެ ޑިފެންސުން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށްވެސް އަންގާފައި ކަމަށް އެ އޮފީހުން މައުލޫމާތު ދެއްވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ވަނީ އެކަމާއި ގުޅިގެން އެ މައުލޫމާތު ހާމަކުރަން އަންގައި ފެބްރުއަރީ 7، 2022 ގައި ޑިފެންސް މިނިސްޓްރީއަށް އިތުރު ސިޓީއެއް ފޮނުވާފަ އެވެ. އަދި މައުލޫމާތު ނުދިން މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި އަނެއްކާ ބެލުމަށް އެ އޮފީހުން ނިންމި އެވެ.
އޭގެ ފަހުން ޑިފެންސުން ވަނީ އެ މައްސަލަ މިހާރު އިސްތިއުނާފު ކުރަން ނިންމައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހަށް ހުށަހަޅާފައި ކަމަށް ބުނެފަ އެވެ. އެކަމަކު އޭޖީ އޮފީހުން އެ މައްސަލަ އިސްތިއުނާފު ކުރީ އެކަމަށް ލިބޭ 30 ދުވަހުގެ މުއްދަތު ހަމަވި ފަހުންނެވެ.
މައްސަލަ ހައިކޯޓުން ބަލައި ނުގަތުމުން އޭޖީ އޮފީހުން އެދުނީ މައްސަލަ މުރާޖާ ކުރުމަށެވެ. އެހެންވެ މުރާޖާ ކުރުމަށްފަހު އަލުން މައްސަލަ ހުށަހެޅުމުގެ ފުރުސަތު އޭޖީ އޮފީހަށް ދީފައިވީ ނަމަވެސް އަދި މައްސަލަ އިސްތިއުނާފަށް ހުށަހަޅާފައެއް ނުވެ އެވެ.
އާންމު އުސޫލަކީ މަގުބޫލު އުޒުރެއް ނެތި އޮންނަ މުއްދަތުގެ ތެރޭގައި މައްސަލައެއް އިސްތިއުނާފު ނުކޮށްފިނަމަ އިތުރު ފުރުސަތު ނުދިނުމެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދިޔަރެސް" އިން ހޯދަން އެދިފައިވާ މައުލޫމާތު:
- - އެއްބަސްވުމުގެ ދަށުން ތަރައްޤީކުރާ ވަސީލަތްތައް އެހެން ޤައުމަކުން ބޭނުން ކުރަން ޖެހިއްޖެނަމަ އިންޑިއާގެ ހުއްދަ ނެތި އެ ވަސީލަތްތައް އެ ޤައުމަށް ބޭނުން ކުރުމުގެ ފުރުސަތު ރާއްޖެއަށް ދެވޭނަމަ އެކަމުގެ ތަފްސީލު.
- - އެއްބަސްވުމުގެ ދަށުން އުތުރުތިލަފަޅުގެ ކަންކަން ބަލަހައްޓާ ހާއްސަ ވޯކިން ގުރޫޕަށް ލިބިދޭ އެންމެހާ ބާރުތައް. އަދި އެއްބަސްވުމުގެ އެ މާއްދާ ލަފުޒުން ލަފުޒަށް.
- - އުތުރުތިލަފަޅު ދުވަހުން ދުވަހަށް ހިންގުމަށް އެކުލަވާލެވޭ ޖޮއިންޓް ރެޒިޑެންޓް ޓީމުގައި ހިމެނޭ ފަރާތްތަކުގެ ތަފްސީލު އަދި އެ ޓީމަށް ލިބިގެންވާ ބާރުތައް. އެއްބަސްވުމުގެ އެ މާއްދާ ލަފުޒުން ލަފުޒަށް.
- - އިންޑިއާގެ ހުއްދަ ނެތި އެއްބަސްވުން ބާތިލު ކުރެވޭނެ ނަމަ އެކަމުގެ ތަފްސީލު.
- - އެއްބަސްވުމުގެ ދަށުން އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ އެއްވެސް ބަޔަކު އެއްވެސް ވަރަކަށް، އުތުރުތިލަފަޅުގައި އެއްވެސް ބޭނުމަކު ތިބެވޭނަމަ، އެކަމުގެ ތަފްސީލު. އަދި އެފަދަ ފަރާތްތަކަށް ހަތިޔާރު ގެންގުޅެވޭނެ ނަމަ އެކަމުގެ ތަފްސީލު.
- - އެއްބަސްވުމުގެ ދަށުން މަތިންދާބޯޓު ޖައްސަން ރަންވޭ އަކާއި އެފަދަ ވަސީލަތްތައް ގާއިމްކުރާނަމަ އެކަމުގެ ތަފްސީލު.
އޭގެ ތެރެއިން ބައެއް ސުވާލުތަކަށް ޑިފެންސް މިނިސްޓްރީން ޖަވާބު ދީފައިވާއިރު، ބައެއް ސުވާލުތަކަށް ދީފައިވަނީ ފުރިހަމަ ނޫން ޖަވާބުތަކެވެ. އެގޮތުން ބައެއް މައުލޫމާތު ހާމަކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ޑިފެންސުން ބުނި ނަމަވެސް، ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތެއް ޑިފެންސް މިނިސްޓްރީއަށް ބުނެދެވިފައި ނުވެ އެވެ.