މަނީ ލޯންޑަރިންގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ ފުލުހަށް ހާޒިރުކޮށް ބަޔާން ނަގަން ދިވެހި ފުލުހުންގެ ޚިދުމަތުން އޭނާއަށް ޗިޓު ފޮނުވައިފިއެވެ.
އަލްހާން ހާޒިރުކުރާ މައްސަލައެއްކަމަށް ޗިޓުގައި ބުނެފައިވަނީ އިންވެސްޓުކުރުމުގެ ނަމުގައި އަލްހާން އަދި އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީގެ ހިއްސާ އޮތް ކުންފުންޏަކުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކުރި މައްސަލައެކެވެ.
މި މައްސަލައަކީ އަލްޙާނު އަދި ޝަހުބާން އުފައްދާފައިވާ ކިންގްސް ކެޕިޓަލް ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އާންމުކޮށް ހުޅުވާލައިގެން ޓްރޭޑުކުރުމަށް ކަމަށް ބުނެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދި މައްސަލައެކެވެ.
އެ ކުންފުނިން މީހުން އަތުން ފައިސާ ނަގާފައިވަނީ ފަހުން ބޮޑު ފައިދާއެއް ލިބޭނެކަމަށް ވައުދުވެގެންނެވެ. ނަމަވެސް އެއީ ޕޮންޒީ ސްކީމެއްކަމަށް ގިނަ މާހިރުން ވިދާޅުވެއެވެ.
އިންވެސްޓުކުރުމުގެ ނަމުގައި ފުޅާ ދާއިރާއެއްގައި މީހުންގެ އަތުން ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގާ މައްސަލަ އެމްއެމްއޭގެ ސަމާލުކަމަށް އައިސް އެކަން އާންމުންނާ ހަމައަށް ފެންމަތަކުރީ މަރުކަޒީ ބޭންކުންނެވެ. އެއަށްފަހު އަލްހާނުގެ ކުންފުނީގެ އެކައުންޓުތައް ބީއެމްއެލްއިންވަނީ ފުރީޒުކޮށްފައެވެ.
އެ މައްސަލަ ފުލުހަށް ހުށަހެޅި ތަހުގީގުކުރަން ފަށާފައިވަނިކޮށް މި ސްކީމަށް ފައިސާ ދެއްކި ބައެއް ފަރާތްތަކުންވަނީ އަލްހާނާ ދެކޮޅަށް ގިނަ މައްސަލަތަކެއް ފުލުހަށް ހުށަހަޅާފައެވެ.
މި މައްސަލާގައި އަލްހާނުގެ ބަޔާން ނެގުމަށް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މި މަހުގެ 17 ވަނައަށްވާ އަންގާރަދުވަހުއެވެ.