ހައުސިން ޔުނިޓު އެޅުމަށް ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން މަކަރާއި ހީލަތް ހެދި ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލާފައިވާ ސީލައިފް ގްލޯބަލް ގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ޝަރުތުތަކަކާއި އެކު ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށް ހައިކޯޓުން ދާދި ދެންމެއަކު ނިންމައިފިއެވެ.
އައްމަޓީ ސީ ލައިފް ގްލޯބަލް ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލޭގައި ބިނާކުރަން ނިންމި ހައުސިން ޔުނިޓުތަކަށް އެޑްވާންސްކޮށް ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ޚިޔާނާތްތެރިވީކަމަށް ތުހުމަތުކޮށް އަޙްމަދު މޫސާގެ މައްޗަށް ދައުލަތުން 42 ދައުވާއެއް އުފުލާފައިވެއެވެ. އެ މައްސަލާގައި އުފުލާފައިވާ ދައުވާތައް ނިމެންދެން އޭނާ ބަންދުކުރަން ދައުލަތުން އެދިފައިވަނިކޮށް ކުރިމިނަލް ކޯޓުންވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ.
އެ އަމުރު އިސްތިއުނާފުކޮށްދިނުމަށް އެދި ދައުލަތުގެ ފަރާތުން ހައިކޯޓުގައި އެދިފައިވާއިރު ދައުލަތުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރުގެ ދަށުން އައްމަޓީ ޝަރުތުކުރުމަށްފަހު ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ އަމުރަކީ ބާތިލު އަމުރެއްކަމަށް ކަނޑައަޅައި އެ ކޯޓުން އައްމަޓީއާ ގުޅިގެން ބަލަމުންދާ މައްސަލަ ނިމެންދެން އައްމަޓީ ބަންދުދުކުރުމަށް އަމުރުކޮށްދޮނިމަށް އެދިފައެވެ.
އެ އަމުރު ދައުލަތުން އިސްތިއުނާފުކުރުމާ ގުޅިގެން ހައިކޯޓުގައި އެ މައްސަލައިގެ އަޑުއެހުމެއް މި މަހުގެ ނުވަ ވަނަ ދުވަހު ވަނީ ބާއްވާފައެވެ. އެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ އަޙްމަދު މޫސާގެ މައްޗަށް ތުހުމަތުވަނީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ބަޔާންކުރާ ބޮޑެތި ކުށްތަކަކަށް ކަމުގައިވާތީއާއި އޭނާގެ މައްޗަށް އުފުލާފައިވަނީ ގިނަ ދައުވާތަކެއް ކަމަށްވާތީއާއި، އައްމަޓީ ފިލާފާނެ ކަމުގެ ބިރު އޮތުމުން އޭނާ ބަންދުގައި ބަހައްޓަންވާނެ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ދައުލަތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން އައްމަޓީގެ ވަކީލު މަރިޔަމް ނިހާޔަތު ފާހަގަކުރެއްވީ އައްމަޓީ ކުރިން ރާއްޖެއިން ބޭރަށް ދިޔައީ އޭނާގެ އެކްޓިވް ޕާސްޕޯޓެއް ބޭނުންކޮށްގެން ކަމަށާއި، މިހާރު އޭނާ އަތުގައި އެކްޓިވް ޕާސްޕޯޓެއް ނެތް ކަމަށާއި، ޞައްޙަ ޕާސްޕޯޓެއް ނެތް މީހަކު ރާއްޖެއިން ފުރައިގެންދާނެ ގޮތެއް ނޯންނާނެކަން ދައުލަތަށްވެސް އެނގޭނެ ކަމަށެވެ.
އޭގެއިތުރަށް އައްމަޓީ އާ ޕާސްޕޯޓެއް ހަދަން އެދިއްޖެ ހާލަތެއްގައި ކޯޓަށް އެކަން އެންގުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަން ފާހަގަކުރައްވަމުން ނިހާޔަތު ވިދާޅުވީ ޕާސްޕޯޓު ހަދައިނުދިނުމަށް ކޯޓުން އަންގާފައިވާ ކަމަށާއި ޕާސްޕޯޓެއް ހެއްދުމަށް އަންގައިފިނަމަ އޭނާ އަލުން ބަންދުކުރެވޭނެކަމަށެވެ.
އަދި އޭނާ ބަރާބަރަށް ދައުލަތާއި ސަރުކާރާ މުއާމަލާތްކުރަމުން ދިޔައިރު އޭނާއަކީ ފިލައިގެން ދިޔަ މީހެއްގެ ގޮތުގައި ސިފަނުކުރެވޭނެ ކަމަށާއި، އޭނާ ދެމި ހުންނަނީ ކޯޓުތަކުން ކުރާ އަމުރުތަކަށް ފުރިހަމައަށް ތަބާވުމުގައި ކަމަށްވެސް އަންމަޓީ ޝަރީއަތުގެއ މަޖިލީހުގައި އެ ދުވަހު ބުނެފައިވެއެވެ.
މިއަދު އޮތީ މި މައްސަލައިގެ ހުކުމް އިއްވުމެވެ. ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބެވި ފަނޑިޔާރު މުހައްމަދު ފައިސަލް އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިއްތިފާގުން މި މައްސަލައާ ގުޅިގެން ނިންމީ ކްރިމިނަލް ކޯޓުގެ އަމުރަށް ބަދަލު ގެންނަންޖެހޭ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށެވެ.