އެމިރޭޓްސްގެ ރައީސް ޚަލީފާ ބިން ޒާއިދު އާލްނަހުޔާން ފަސްދާނުލީ ފަހުން އޭނާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަބޫދާބީއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ މާދަމާ ރައީސް ޞާލިޙު އެމިރޭޓްސްގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ފުރާވަޑައިގަންނަވާ ކަމަށެވެ. އެފަދައިން މީޑިއާތަކަށް މަބްރޫކު މައުލޫމާތު ދެއްވާފައިވާއިރު ޝައިޚް ޚަލީފާ ބިން ޒާއިދުގެ ޖަނާޒާ މިއަދުވަނީ ބާއްވާފައެވެ. އަދި އޭނާ ފަސްދާނުލުމުގެ ހުރިހާ ކަމެއްވެސްވަނީ ނިމިފައެވެ.
މިކަމާ ގުޅިގެން "ދިޔަރެސް"އިން ރައީސް އޮފީހުގެ ތަރުޖަމާނާ ސުވާލުކުރުމުން އެ ސުވާލަށް މަބްރޫކު އެއްވެސް ޖަވާބެއް ނުދެއްވައެވެ.
ރައީސް ޞާލިޙަކީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެއް ދައުރެއްގައި އެންމެ ގިނައިން ބޭރަށް ދަތުރުކުރެއްވި ރައީސެވެ. ފާއިތުވި 2021 ވަނަ އަހަރުގައި އެކަނިވެސް ރައީސް ޞާލިޙު ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅުތަކަށް ސޯޅަ މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވެއެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރައީސް ޞާލިޙު "ރާއްޖެ ޓީވީ"އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ހޮބީއެއްގެ ގޮތުގައި އެންމެ ކުރައްވާ ހިތްޕުޅުވާ އެއް ކަމަކީ ދަތުރުކުރެއްވުން ކަމަށެވެ.