އެކުވެރި ޢަރަބި އިމާރާތުގެ ރައީސަކަމަށް މިހާތަނަށްވެސް އެ ޤައުމުގައި އަމަލީ ގޮތުން ވެރިކަން ކުރައްވަމުން ގެންދެވި ޝެއިޚް މުޙައްމަދު ބިން ޒާއިދު އާލްނަޙްޔާން އައްޔަންކޮށްފިއެވެ.
އެމިރޭޓްސްގެ ފެޑެރަލް ސުޕްރީމް ކައުންސިލުން ޝައިޚް މުޙައްމަދު އެ ޤައުމުގެ ރައީސްކަމަށް އިންތިޚާބުކޮށްފައިވަނީ، އެ ޤައުމުގެ ކަންކަން ނިންމެވުމުގައި އެންމެ އިސް ރޯލެއް މުޙައްމަދު އަދާކުރައްވަމުން ގެންދަވާތާ އެތައް އަހަރެއް ފަހުންނެވެ. އެ ޤައުމުގެ ކުރީގެ ރައީސް ޝެއިޚް ޚަލީފާ ބާރުތަކުން އެކަހެރިކޮށްފައިވަނީ އޭނާގެ ޞިއްޙީ ޙާލަތު ހީނަރުވުމުންނެވެ.
އެކުވެރި ޢަރަބި އިމާރާތުގައި ހިމެނޭ ހަތް އެމިރޭޓުގެ ވެރިން ބައްދަލުކުރައްވައި ރައީސްކަމަށް މުޙައްމަދު އައްޔަންކުރެއްވީ އެ ޤައުމުގެ ރައީސްގެ މަޤާމުގައި މިހާތަނަށް ހުންނެވި ޝެއިޚް ޚަލީފާ ބިން ޒާއިދު އައްނަޙްޔާން ހުކުރުދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.
ދުބާއީގެ އަމީރު ޝެއިޚު މުޙައްމަދު ބިން ރާޝީދު އަލްމަޚުތޫމު ކުރެއްވި ޓުވީޓެއްގައި ޝައިޚު މުޙައްމަދަށް ބައިއަތު ހިއްޕަވާ ކަމަށާއި، ވަފާތެރިކަމާއެކު އޭނާގެ ފަހަތްޕުޅުން ކުރިއަށްވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. އަދި މާތްﷲގެ އިރާދަފުޅާއެކު ޝެއިޚު މުޙައްމަދުގެ ޤިޔާދަތުގައި މުޅި އެމިރޭޓްސްއަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝައިޚް މުޙައްމަދު ބިން ޒާއިދަކީ އަރަބި ދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުންގެ ތެރެއިން ބޭފުޅެކެވެ. އިނގިރޭސިވިލާތުގެ އަސްކަރީ ކޮލެޖެއް ކަމުގައިވާ ރޯޔަލް މިލިޓަރީ އެކަޑެމީ ސޭންޑްހާސްޓުން ދަސްވެނިވެވަޑައިގެންނެވި މުޙައްމަދަކީ ގަލްފުގެ އެންމެ ޒަމާނީ އަސްކަރިއްޔާގެ ލީޑަރެވެ.
އެމިރޭޓްސްގެ ސަރަހައްދީ ސަރުކާރުތަކުގެ ތެރެއިން ތެލުގެ މުއްސަނދިކަން އެންމެ ބޮޑު އަބޫދާބީގެ ވެރިންނަކީ 1971 ގައި އިމާރާތަށް އިސްތިޤުލާލު ލިބި ވަކި ޤައުމެއްގެ ގޮތުގައި އުފެދުނު ފަހުން އެ ޤައުމުގެ ވެރިކަން އޮންނަ ސަރަހައްދެވެ.