Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސީ ލައިފް

ނުފިލަން، ލަންކާގައި ހުރިއިރުވެސް ސަރުކާރާއި ފުލުހުންނާއި ދިޔައީ ބަރާބަރަށް މުއާމަލާތްކުރަމުން: އަންމަޓީ

ފިލައިގެން ނުދާކަމަށާއި ލަންކާގައި އުޅުނީ ފިލައިގެން ނޫން ކަމަށާއި، އެ ޤައުމުގައި ހުރިއިރުވެސް ބަރާބަރަށް ސަރުކާރާއި ފުލުހުންނާއި އެޗްޑީސީއާ މުއާމަލާތްކުރަމުން އައި ކަމަށް ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑައިރެކްޓާ އަޙްމަދު މޫސާ (އަންމަޓީ) ބުނެފިއެވެ.

އަންމަޓީގެ ސީ ލައިފް ގްލޯބަލް ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލޭގައި ބިނާކުރަން ނިންމި ހައުސިން ޔުނިޓުތަކަށް އެޑްވާންސްކޮށް ފައިސާ ނެގުމަށްފަހު އެ ފައިސާއަށް ޚިޔާނާތްތެރިވީކަމަށް ތުހުމަތުކޮށް އަޙްމަދު މޫސާގެ މައްޗަށް ދައުލަތުން 42 ދައުވާއެއް އުފުލާފައިވެއެވެ. އެ މައްސަލާގައި އުފުލާފައިވާ ދައުވާތައް ނިމެންދެން އޭނާ ބަންދުކުރަން ދައުލަތުން އެދިފައިވަނިކޮށް ކުރިމިނަލް ކޯޓުންވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ.

އެ އަމުރު ދައުލަތުން އިސްތިއުނާފުކުރުމާ ގުޅިގެން ހައިކޯޓުގައި އެ މައްސަލައިގެ އަޑުއެހުމެއް އިއްޔެވަނީ ބާއްވާފައެވެ. އެ އަޑުއެހުމުގައި ދައުލަތުން ބުނެފައިވަނީ އަޙްމަދު މޫސާގެ މައްޗަށް ތުހުމަތުވަނީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގައި ބަޔާންކުރާ ބޮޑެތި ކުށްތަކަކަށް ކަމުގައިވާތީއާއި އޭނާގެ މައްޗަށް އުފުލާފައިވަނީ ގިނަ ދައުވާތަކެއް ކަމަށްވާތީއާއި، އަންމަޓީ ފިލާފާނެ ކަމުގެ ބިރު އޮތުމުން އޭނާ ބަންދުގައި ބަހައްޓަންވާނެ ކަމަށް ދައުލަތުން ބުނެފައިވެއެވެ.

ދައުލަތުން ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން އަންމަޓީގެ ވަކީލު މަރިޔަމް ނިހާޔަތު ފާހަގަކުރެއްވީ އަންމަޓީ ކުރިން ރާއްޖެއިން ބޭރަށް ދިޔައީ އޭނާގެ އެކްޓިވް ޕާސްޕޯޓެއް ބޭނުންކޮށްގެން ކަމަށާއި، މިހާރު އޭނާ އަތުގައި އެކްޓިވް ޕާސްޕޯޓެއް ނެތް ކަމަށާއި، ޞައްޙަ ޕާސްޕޯޓެއް ނެތް މީހަކު ރާއްޖެއިން ފުރައިގެންދާނެ ގޮތެއް ނޯންނާނެކަން ދައުލަތަށްވެސް އެނގޭނެ ކަމަށެވެ. އަދި އަންމަޓީ އައު ޕާސްޕޯޓެއް ހަދަން އެދިއްޖެ ހާލަތެއްގައި ކޯޓަށް އެކަން އެންގުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަން ނިހާޔަތު ފާހަގަކުރެއްވިއެވެ. އަދި ޕާސްޕޯޓު ހަދައިނުދިނުމަށް ކޯޓުން އަންގާފައިވާ ކަމަށާއި ޕާސްޕޯޓެއް ހެއްދުމަށް އަންގައިފިނަމަ އޭނާ އަލުން ބަންދުކުރެވޭނެކަންވެސް ނިހާޔަތު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މިހާރު އަންމަޓީ ބަންދުން ދޫކޮށްލުމުގައި ކޮށްފައިވާ ޝަރުޠުތަކާ އެއްގޮތަށް އޭނާ އަމަލުކުރަމުންދާއިރު އޭނާ މިހާރު ފިލައިފާނެކަމަށް ދައުލަތުން ދެކޭ ސަބަބެއްވެސް ބަޔާންކޮށްނުދެވޭކަމަށްވެސް ނިހާޔަތު ވިދާޅުވެދެއްވިއެވެ.

އަންމަޓީ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަދައްކަމުން ބުނެފައިވަނީ އޭނާއާ ގުޅޭ ގޮތުން މައްސަލައެއް ފުލުހުންގެ އިދާރާއަށް ނުވަތަ އެއްވެސް އިދާރާއަކަށް ހުށަހަޅާފައިވަނިކޮށް ރާއްޖެއިން ފުރައިގެން ނުދާ ކަމަށެވެ. އޭނާ ލަންކާއަށް ދިޔައިރު ފުލުހުގައިވެސް އެހެން އިދާރާއެއްގައިވެސް އޭނާއާ ގުޅޭ މައްސަލައެއް ނެތްކަމަށް އަންމަޓީ ބުންޏެވެ. އަދި އޭނާއާ ދެކޮޅަށް މައްސަލަ ހުށަހެޅީވެސް އޭނާ ރާއްޖެއިން ބޭރުގައި ހުންނަނިކޮށް ކަމަށެވެ. އެއިރުވެސް ސަރުކާރާއެކު ގެންދިޔައީ ތަކުރާރުކޮށް ވާހަކަދައްކަމުން ކަމަށެވެ. އޭނާގެ ދިރިއުޅުންވެސް ބިނާވެފައި އޮންނަނީ ލަންކާގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލަންކާގައި ހުރިއިރު ޕީޖީ އޮފީހަށް 2 ސިޓީއެއް ފޮނުވާފައިވާ ކަމަށާއި ފުލުހުންނަށް 17 ސިޓީ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް 21 ސިޓީއެއް ފޮނުވާފައިވާ ކަމަށާއި، އެޗްޑީސީއަށް އެތައް ސިޓީއެއް ފޮނުވާފައިވާ ކަމަށް އަންމަޓީ ބުންޏެވެ. އަދި އޭނާ ބަރާބަރަށް ދައުލަތާއި ސަރުކާރާ މުއާމަލާތްކުރަމުން ދިޔައިރު އޭނާއަކީ ފިލައިގެން ދިޔަ މީހެއްގެ ގޮތުގައި ސިފަނުކުރެވޭނެ ކަމަށާއި، އޭނާ ދެމި ހުންނަނީ ކޯޓުތަކުން ކުރާ އަމުރުތަކަށް ފުރިހަމައަށް ތަބާވުމުގައި ކަމަށްވެސް އަންމަޓީ ބުންޏެވެ.

މި ލިއުމާއި ގުޅޭ