Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

އެމްއެމްޕީއާރުސީ މައްސަލާގައި ދައުވާކޮށްދޭން އެދި މިހާތަނަށް ޕީޖީއަށް ހުށަހެޅީ އެންމެ 17 މައްސަލަ

ދިވެހިރާއްޖޭގެ ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމުގައިވާ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ، މެދުވެރިކޮށް ފަޅުރަށާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލިބުނު ފައިސާއަށް ޚިޔާނާތްތެރިވި މައްސަލާގައި މިހާތަނަށް ދައުވާކޮށްދިނުން އެދި ތަހުގީގީ އިދާރާތަކުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅާފައިވަނީ އެންމެ 17 މައްސަލައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވައުދުވެވަޑައިގެންފައިވަނީ އެމްއެމްޕީއާރުސީ މައްސަލަ ތަހުގީގުކޮށް އެ ޚިޔާނާތުގެ ތެރެއިން ގެއްލުނު ފައިސާ އަނބުރާ ދައުލަތަށް އިއާދަކޮށްދެއްވާނެ ކަމަށެވެ. އަދި އެކަން ކުރެއްވުމަށް ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކުވަނީ އެސެޓް ރިކަވަރީ ކޮމިޝަނެއް އުފައްދަވާފައެވެ. ނަމަވެސް މި އަހަރު އެ ކޮމިޝަން އެމަނިކުފާނު އުވައިލެއްވިއިރު ގެއްލުނު ފައިސާއިން އެއްވެސް މިންވަރެއް ހޯދިފައިވާކަން އެނގެން ނެތެވެ.

އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް ތަހުގީގީ އިދާރާތަކުން ފޮނުވާފައިވާ މައްސަލަތަކުގެ އަދަދާއި އެއިން ދައުވާކުރި މައްސަލަތަކާއި އެ މައްސަލަތަކުގައި ހިމެނޭ ފަރާތްތަކުގެ އަދަދު ހޯދުމަށް "ދިޔަރެސް"އިން ހުށަހެޅުމުން ޕީޖީ އޮފީހުން ހިއްސާކޮށްފައިވާ އަދަދުތަކަށް ބަލާއިރު، މިހާތަނަށް ތަހުގީގީ އިދާރާތަކުން ބަލައި ނިންމުމަށްފަހު މިހާތަނަށް ހުށަހަޅާފައިވަނީ 17 މައްސަލައެކެވެ.

ޕީޖީ އޮފީހަށް ތަހުގީގީ އިދާރާތަކުން ހުށަހެޅި މައްސަލަތަކުގެ ތެރައިން 4 މައްސަލައެއްގައި ދައުވާނުކުރުމަށް ނިންމައި، 1 މައްސަލަ އަނބުރާ ފޮނުވާލާފައިވާކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތު ދީފައިވެއެވެ.

އިތުރަށް އެ އޮފީހުން ބުނެފައިވަނީ ދައުވާކޮށްދިނުމާމެދު ގޮތެއް ނިންމަން އެ އޮފީހަށް ހުށަހެޅި 17 މައްސަލާގައި 34 މުއްތަހަމުން ހިމެނޭ ކަމަށެވެ. އަދި މި 17 މައްސަލައިގެ ތެރެއިން ދައުވާކުރަން ނިންމި 12 މައްސަލާގައި 20 މުއްތަހަމުން ހިމެނޭ ކަމަށްވެސް އެ އޮފީހުން ބުނެއެވެ. އެ 12 މައްސަލައިގެ ތެރެއިން ފަސް މައްސަލައެއްގައި މިހާތަނަށް ކޯޓުތަކުން ހުކުމްކޮށްފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

އެމްއެމްޕީއާރުސީ މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ މައްސަލަތަކުގެ ތެރެއިން މިހާރު ކޯޓުތަކުގައި ޝަރީޢަތް ކުރިއަށްދާ މައްސަލަތަކުގެ އަދަދަކީ ޖުމްލަ 7 މައްސަލަ ކަމަށްވެސް ޕީޖީ އޮފީހުން ހިއްސާކުރި ހިސާބުތަކުން ދައްކައެވެ.

އެމްއެމްޕީއާރުސީ ޚިޔާނާތާ ގުޅޭ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނުން އެކަށީގެންވާ ނަތީޖާއެއް ނުނެރެވި ލަސްވާތީ ގިނަ ބަޔަކުވަނީ ކޮމިޝަނަށް ފާޑުކިޔާފައެވެ. އަދި އެ މައްސަލަ ބެލުމުގައި ސަރުކާރު ފަހަތު ފައަށް ބުރަވެ ލަސްވާތީ ވެރިކަންކުރާ އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސްވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.

މި ލިއުމާއި ގުޅޭ