ހަތަރު އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް އިންޑިއާގެ މަރުކަޒީ ބޭންކުން އިންޓަރެސްޓު ރޭޓުތައް މަތިކުރަން ނިންމައިފިއެވެ. އެގޮތުން ބުދަދުވަހު ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި)އިންވަނީ ޕޮލިސީ އިންޓަރެސްޓު ރޭޓު 40 ބޭސިސް ޕޮއިންޓު މަތިކޮށްފައެވެ. އިންޓަރެސްޓު މަތިކުރަން އެ ބޭންކުން ނިންމީ ޔޫކުރައިން ހަނގުރާމައާ ގުޅިގެން ބައިނަލްއަޤުވާމީ އިންފުލޭޝަން އުފުލެމުންދާތީއެވެ.
ކޮވިޑް-19 ބަލިމަޑުކަމުގެ އިޤުތިޞާދީ އަސަރުތައް ކުޑަކުރުމުގެ ގޮތުން އައިއާރުބީއައިއިންވަނީ އިންޓަރެސްޓު ރޭޓު 4 އިންސައްތައަށް ދަށްކޮށްފައެވެ. ނަމަވެސް ޔޫކުރެއިން ހަނގުރާމައިގެ ސަބަބުން މުދަލާއި ޚިދުމަތުގެ އަގަށް އައި ބަދަލުތަކާ ގުޅިގެން އައިއާރްބީގެ އިންޓަރެސްޓު ރޭޓުވަނީ 4.40 އިންސައްތައަށް މަތިކޮށްފައެވެ.
އިންޑިއާ ނޫނަސް ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި، ބައިނަލްއަޤުވާމީ އިންފުލޭޝަން މަތިވުމުން އެ ޤައުމުތަކުގެ ދާޚިލީ އިންފުލޭޝަން އުފުލިޔަނުދިނުމަށް، އެ ޤައުމުތަކުގެ މަރުކަޒީ ބޭންކުތަކުން އަންނަނީ ޕޮލިސީ އިންޓަރެސްޓު ރޭޓު މަތިކުރަމުންނެވެ.
އިންޑިއާގެ ސިޔާސަތު އެކަށައަޅާ ފަރާތްތަކުންވަނީ އެ ޤައުމުގެ އިންޓަރެސްޓު ރޭޓު މަތިނުކޮށް މަޑުޖައްސާފައެވެ. އެއީ ބަލިމަޑުކަމުން އިޤުތިޞާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް އެހީވުމަށެވެ. ނަމަވެސް އިންޑިއާގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ޝަކްތިކަންތާ ދާސް ވިދާޅުވީ ސާފުނުކުރާ އަދި ސާފުކޮށްފައިވާ ތެޔޮ ހިމެނޭހެން މުދަލުގެ އަގު އުފުލެމުންދާ ދިއުމުގެ ސަބަބުން 2018 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް އިންޓަރެސްޓު ރޭޓު މަތިކުރަން މަޖުބޫރުވީ ކަމަށެވެ.
"ފާއިތުވާ ކޮންމެ ދުވަހަކާއެކު ތަކެތީގެ އަގު އުފުލުމުގެ ޕްރެޝަރު ދަނީ ފުޅާވެ ބޮޑުވެ ފެތުރެމުން،" ދާސް ވިދާޅުވިއެވެ. ރަޝިޔާއިން ޔޫކުރެއިނުގައި ފެށި ހަނގުރާމައާއެކު ބައިނަލްއަޤުވާމީ ބާޒާރުގައި ކާބޯތަކެތީގެ އަގުވަނީ ރެކޯޑު މިންވަރަކަށް އުފުލިފައެވެ.
ޕޮލިސީ އިންޓަރެސްޓު ރޭޓަކީ އިޤުތިޞާދުގައި ހުންނަ ފައިސާއާ ގުޅުންހުރި ކަންކަމަށް އަސަރުކުރުވަން މަރުކަޒީ ބޭންކުތަކުން ކަނޑައަޅާ އިންޓަރެސްޓު ރޭޓެކެވެ. އެ އިންޓެރެސްޓު ރޭޓަކީ ދެން ހުންނަ އަމިއްލަ ބޭންކުތަކުން ލޯނުތައް ދޫކުރާ މިންވަރު އެ މައްޗަށް ބަރޯސާވާ ރޭޓެކެވެ. އެހެނީ ބޭންކުތަކަށް މަރުކަޒީ ބޭންކުން ދޫކުރާ ފައިސާގެ އިންޓަރެސްޓު ރޭޓަކީ މި ޕޮލިސީ އިންޓަރެސްޓު ރޭޓެވެ.
އާންމު ގޮތެއްގައި މަރުކަޒީ ބޭންކުތަކުން ޕޮލިސީ އިންޓަރެސްޓު ރޭޓު އުފުލަނީ އިންފުލޭޝަން ހަންމަތަކުރުމަށާއި، ދަރަނި މާ ބޮޑަށް އިތުރުވިޔަނުދިނުމަށާއި، ރައުސުލް މާލު ޤައުމުން ބޭރަށް ދިއުން ހުއްޓުވުމަށެވެ.