Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ)

ޗެއާޕާސަނަށް ޕަޕެޓެއް ލާކަށް ބޭނުމެއް ނޫން، ތާއީދުކުރަނީ ފައްޔާޒަށް: ގަޕޯ

ވެރިކަންކުރާ އެމްޑީޕީގެ ޗެއާޕާސަންކަމަށް ޕަޕެޓެއް ލާން ބޭނުންނުވާ ކަމަށާއި، އެ މަޤާމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ތެރެއިން އޭނާ ތާއީދުކުރައްވަނީ އިޤުތިޞާދީ ވަޒީރު ފައްޔާޒު އިސްމާއީލަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ ކަމުގައިވާ އެ ޕާޓީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ފޯރި ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ ދަނޑިވަޅެއްގައި ގަޕޯވަނީ އޭނާ ތާއީދުކުރައްވަނީ ފައްޔާޒަށް ކަން އިއުލާނުކުރައްވާފައެވެ. ގަޕޯ އެކަން އިއުލާނުކުރެއްވި ވީޑިއޯގައި ވިދާޅުވެފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ޕަޕެޓެއް ލާން ބޭނުންނުވާ ކަމަށެވެ. އަދި ޕާޓީގެ ޗެއާޕާސަންކަމަށް އަންނަންވާނީ މައިބަދަހުރި ކެރޭ، ބަސް ވިކޭ ޤާބިލު ހުނަރުވެރި ބޭފުޅެއްކަމަށް ގަޕޯ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެންގެ ޗެއާޕާސަނަކަށް ޕަޕެޓެއް ލާކަށް. ޗެއާޕާސަނަކަށް ހުންނަންޖެހޭނީ މައިބަދަހުރި، ބަސްވިކޭ، ޤާބިލު، ހުނަރުވެރި މީހެއް،" ގަޕޯ ވިދާޅުވިއެވެ.

އޭގެ އިތުރަށް މި ސަރުކާރު ގެނައުމަށް އެމްޑީޕީން ކުރި މަސައްކަތުގައި ފައްޔާޒު ބައިވެރިވެވަޑައިގެންނެވި މިންވަރާ ގުޅޭ ގޮތުން އޭނާއާ ވާދަކުރައްވާ އިމްތިޔާޒު ފަހުމީގެ ކެމްޕޭން ޓީމުން ދައްކާ ވާހަކަތަކަށް ގަޕޯ ރައްދުދެއްވިއެވެ. އޭނާ ވިދާޅުވީ މި ވެރިކަން ގެނައުމަށް ފައްޔާޒު ކުރެއްވި މަސައްކަތްޕުޅަށްވުރެ ވަކިން ބޮޑަށް މަސައްކަތްކުރެއްވި އެހެން ބޭފުޅަކު ނުހުންނާނެ ކަމަށެވެ. އަދި އެ ބޭފުޅުންނަކީ މި ވެރިކަން ގެނައުމަށް އިދިކޮޅުގައި ތިއްބަވައިގެން މަސައްކަތްކުރެއްވި ބޭފުޅުންކަމަށާއި، ފައްޔާޒަކީ އެ ބޭފުޅުންނާއެކު އެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅާ ކަމަށްވެސް ގަޕޯ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ މި ސަރުކާރު ގެންނާށާއި، އޮޕޮޒިޝަނުގއި ތިބިގެން މިހުރިހާ ކަމެއް ކުރިމަތިލައިގެން މަސައްކަތުގައި އުޅުނު މީހުން. ވީޑިއޯތައް ބެލީމައި ފެންނާނެ. އެހެންވީމައި އަޅުގަނޑުމެން އެ ދުވަހު ކުރި މަސައްކަތް އެއީ ނުކުރާ ކަމެއްގެ ގޮތުގައި ނުބެލެވޭނެ. އަޅުގަނޑުމެންނާ ހަމަ އެއް ސަފެއްގައި އިސްރޯލެއް އަދާކުރަންހުރި އެކަކު ފަޔާއަކީ،" ގަޕޯ ވިދާޅުވިއެވެ.

އަދި ފައްޔާޒަކީ އެމްޑީޕީ ބޭފުޅެއް ނޫންކަމަށް ދެއްކުމަށް މަސައްކަތްކުރުމަކީ ދުވާލަކީ ރޭގަނޑު ކަމަށް ބުނުން ފަދަ ކަމެއް ކަމުގައިވެސް ގަޕޯ ސިފަކުރެއްވިއެވެ. އަދި އެފަދައިން ކުރާ މަސައްކަތަކީ ބަލައިގަނެވޭނެ މަސައްކަތްތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކަށް ރައްދުދެއްވައި ގަޕޯ ވިދާޅުވީ އޭނާއަކީ ރައްޔިތުންގެ މަޖިލީހަށް ވަދެވަޑައިގަތީއްސުރެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މަސައްކަތްކުރައްވާ ބޭފުޅެއް ކަމުގައިވާތީ ކޮރަޕްޝަނާ ގުޅޭ ލިޔެކިޔުންތައް ފެނިވަޑައިގެންފައިވާ ކަމަށެވެ. އެމްއެމްޕީއާރުސީ ޚިޔާނާތުގައި ފައިސާ ލިބުނު މީހުންގެ ލިސްޓުވެސް ދެކެވަޑައިގެންނެވި ކަމަށާއި، އަދި އޭނާއަކީ 241 ކޮމިޓީގެ މެންބަރެއް ކަމުން އެހެން ގިނަ ލިޔުންތައްވެސް އޭނާގެ އަތްޕުޅުގައި ހުރިކަން ފާހަގަކުރައްވައި ގަޕޯ ވިދާޅުވީ ކޮރަޕްޝަނުގެ އެއްވެސް ލިސްޓެއްގައި ފައްޔާޒު ނަންފުޅު ނެތް ކަމަށެވެ.

އަދި އެމްޑީޕީގެ އެތެރެއިން ސަރުކާރަށް ފާޑުކިޔާތީ ހިތްޕުޅުހަމަޖެހިވަޑައިނުގެން ގަޕޯ ވިދާޅުވެފައިވަނީ ޕާޓީގެ ތެރެއިން ސަރުކާރަށް ފާޑުކިޔަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ގެއްލުވައިލަން ކަމަށާއި، އެއީ ޕާޓިގެ ވެރިކަން ޚަރާބުކުރަން ކުރާ މަސައްކަތެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ