ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލައަކީ އިޖުރާއީ ގޮތުން ބެލޭނެ މައްސަލައެއް ނޫންކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން މިއަދު ބާތިލުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކުރުމަށްފަހު މައުލޫއީ ގޮތުން މައްސަލަ ބެލުމަށް އެ ކޯޓަށް އަމުރުކޮށްފައެވެ.
ހިޔާނާތުގެ ކުށުގައި ދައުލަތުން އައްމަޓީގެ މައްޗަށް 42 ދައުވާ އުފުލާފައިވަނިކޮށް ކްރިމިނަލް ކޯޓުން ޝަރުތުތަކަކާ އެކު އޭނާ ދޫކޮށްލީ މިދިޔަ މަހުއެވެ.
ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެ މައްސަލަ ވަނީ ބޭރު ކޮށްލާފައެވެ. ހައިކޯޓުން އެ މައްސަލަ އިއްޔެ ބޭރު ކޮށްލީ އެ މައްސަލައަކީ އިޖުރާއީ ގޮތުން ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެއެވެ.
ހައިކޯޓުން އެގޮތަށް ނިންމީ އެބާވަތުގެ މައްސަލަތައް އިސްތިއުނާފް ކުރަން އޮންނަ 48 ގަޑިއިރަށް ވުރެ ފަހުން ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. ނަމަވެސް ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރީ ހައިކޯޓުން ވަގުތު ގުނީ ގޯސްކަމަށް ކަމަށް ބުނެއެވެ.
މި މައްސަލައިގެ އަޑުއެހުމުގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނެފައިވާގޮތުގައި މިބާވަތުގެ މައްސަލަތައް އިސްތިއުނާފް ކުރަން ދައުލަތަށް ލިބޭ ވަގުތަކީ ހަތް ދުވަހަށްވުރެ ވެސް ކުރު މުއްދަތަކަށް ވާތީ އެ ދެމެދަށް އަންނަ ބަންދު ދުވަސްތައް ނުގުނޭނެއެވެ.
މިކަމާއި ގުޅިގެން ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔުގައި ވިދާޅުވީ ގާނޫނު ބުނާގޮތުން ނަމަ ތާރީހު ފެށޭނީ މެންދަމު 12:00 އިން ކަމަށްވާއިރު، 48 ގަޑިއިރު ގުނަންޖެހޭނީ ދަށު ކޯޓުން މައްސަލަ ނިންމި ވަގުތުން ފެށިގެން ކަމަށެވެ.
މި މައްސަލައިގައި ދެ ފަނޑިޔާރުންގެ އިއްތިފާގުން ނިންމި ހުކުމުގައި ބުނެފަިއވަނީ މިގޮތަށް ނިންމުމާ ހަމަޔަށް ގަވައިދުގެ 69 ވަނަ މާއްދާއަށް ބަރޯސާވެ ދައުލަތުން މުއްދަތު ގުނާފައިވާ ގޮތް ރަނގަޅުކަމަށް ނިންމާ އެކަމުގެ މަންފާ ދައުލަތަށް ލިބެން ޖެހޭނެ ކަމަށެވެ.
ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ ރައުޔަށް ފަނޑިޔާރު މުހައްމަދު އިބްރާހިމް ވަނީ ތާއީދުކުރައްވައިފައެވެ.