Wednesday 4th Oct 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިމެނުއަލް މެކްރޮން

ފަރަންސޭސިވިލާތުގެ ރައީސްކަން ދެވަނަ ދައުރަކަށް މެކްރޯން ކާމިޔާބުކުރައްވައިފި

ހައްދުފަހަނައެޅި ކަނާތު ފިޔައިގެ ކެނޑިޑޭޓު މެރިން ލެ ޕެން ބަލިކުރައްވައި ފަރަންސޭސިވިލާތުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު، އެ ޤައުމުގެ މިހާރުގެ ރައީސް އެމެނުއެލް މެކްރޯން ކާމިޔާބުކުރައްވައިފި ކަމަށް އިންތިޚާބުގެ ޕޮލް ހިސާބުކުރާ ފަރާތްތަކުން އިއުލާނުކޮށްފިއެވެ.

އިންތިޚާބުގެ ދެވަނަ ބުރުގެ ފުރަތަމަ ހިސާބުތަކަށް ބަލާއިރު ވޯޓުގެ 57 އިންސައްތައާއި 58 އިންސައްތައާ ދެމެދުގެ މިންވަރެއް މެކްރޯން ކާމިޔާބުކުރައްވާފައިވެއެވެ. އެއާއެކު އޭނާއަށްވަނީ ވާދަވެރި ލެޕެންގެ މައްޗަށް އެކަށީގެންވާ މިންވަރުގެ ބޮޑު ތަފާތަކުން ކުރި ލިބިވަޑައިގެންފައެވެ. އާންމު ގޮތެއްގައި ފަރަންސޭސި އިންތިޚާބުތަކުގައި ޕޮލްސްޓާސް އެއްކުރާ ހިސާބުތަކާ އިންތިޚާބުގެ ރަސްމީ ނަތީޖާގެ މާ ބޮޑު ފަރަގެއް ނުހުރެއެވެ.

މި ހިސާބުތަކަށް ބަލާއިރު އިންތިޚާބުގެ ދެވަނަ ބުރުގައި މެކްރޯންއާ ވާދަކުރެއްވި ހަރުކަށި ކަނާތު ފިޔައިގެ ކެންޑިޑޭޓު ލެ ޕެންއަށް ލިބިވަޑައިގަތީ ވޯޓުގެ 41.8 އިންސައްތައެވެ. އެއީ މިހާތަނަށް އޭނާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ތިން ރިޔާސީ އިންތިޚާބުގެ ތެރެއިން ޙާސިލުކުރެއްވުނު އެންމެ ރަނގަޅު ނަތީޖާއެވެ.

އާދީއްތަދުވަހު ހަވީރު ބޭއްވި އެއްވުމެއްގައި މެކްރޯންވަނީ އޭނާއަށް ވޯޓު ދިން ފުރާންސްގެ އަޣުލަބިއްޔަތު ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އޭނާއަށް ވޯޓު ދީ އިތުރު ފަސް އަހަރުގެ ދައުރެއް އޭނާއަށް ދިނީތީ ފަރަންސޭސި ރައްޔިތުންގެ އަޣުލަބިއްޔަތަށް އޭނާ ތާރީފުކުރެއްވިއެވެ.

އޭނާގެ ވިސްނުންފުޅަށް ތާއީދުނުކުރި ނަމަވެސް ލެ ޕެންގެ ހައްދުފަހަނައެޅި ވިސްނުމަށް ތާއީދުނުކުރާތީ އޭނާއަށް ވޯޓު ދިން ރައްޔިތުންނަށްވެސް މެކްރޯންވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ވަކި ސިޔާސީ ފިކުރެއްގެ ރައީސެއްގެ ގޮތުގައި ހުންނެވުމުގެ ބަދަލުގައި ވެވަޑައިގަންނަވާނީ މުޅި ފުރާންސްގެ ރައީސަށް ކަމުގައިވެސް މެކްރޯން ވިދާޅުވިއެވެ.

ޕޮލްތަކުގެ ހިސާބުތައް އާންމުވިތާ ކުޑަ ހިނދުކޮޅެއް ފަހުން ލެ ޕެންވަނީ ނާކާމިޔާބުވެވަޑައިގެންނެވިކަން ޤަބޫލުކުރައްވައި ތަޤުރީރެއް ދެއްވާފައެވެ. އިންތިޚާބު ނާކާމިޔާބުވެވަޑައިގެންނެވި ނަމަވެސް އޭނާއަށް ލިބިވަޑައިގެންނެވި ވޯޓުގެ ހިއްސާ އިތުރުވުމަކީ ބޮޑު ކާމިޔާބެއް ކަމުގައި ލެ ޕެން ސިފަކުރެއްވިއެވެ.

އެންމެ ފަހުން ފަރަންސޭސިވިލާތުގައި ރައީސަކަށް ދެ ދައުރު ކާމިޔާބުކުރެއްވިފައިވަނީ 2002 ވަނަ އަހަރު ޖެކް ޝިރާކްއަށެވެ. އެހެންކަމުން މެކްރޯންއަކީ 20 ވަރަކަށް އަހަރު ތެރޭގައި ފަރަންސޭސި ރިޔާސަތު ދެވަނަ ދައުރަކަށް ކުރައްވާ ފުރަތަމަ ރައީސެވެ.

ދެން މެކްރޯން ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ޖޫން މަހުގައި އޮންނަ ބަރުލަމާނީ އިންތިޚާބެވެ. ފަރަންސޭސި ތާރީޚުގައިވެސް މެކްރޯނަކީ ރިޔާސީ ދެ ދައުރު ކާމިޔާބުކުރެއްވި ތިންވަނަ ރައީސެވެ.

މި ލިއުމާއި ގުޅޭ