Friday 22nd Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

ރައީސް ޞާލިޙުގެ ރިޔާސީ ޤަރާރަކީ ޣައިރު ޤާނޫނީ ޤަރާރެއް

ހިނގަމުންދާ އޭޕްރީލް މަހުގެ 21 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚުގައި މުހިއްމު ދުވަހެކެވެ. ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ހިންގަމުން އައި ސިޔާސީ ހަރަކާތެއް، ޤައުމީ ސަލާމަތަށް ނުރައްކާވާ ހަރަކާތެއް ކަމަށް ކަނޑައަޅުއްވައި އެ ހަރަކާތް ހިންގުން ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ރިޔާސީ ޤަރާރެއް ނެރުއްވި ދުވަހެވެ. މިއީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ތާރީޚުގައި ސިޔާސީ ހަރަކާތެއް ހުއްޓުވަން ރިޔާސީ ޤަރާރެއް ނެރެވުނު ފުރަތަމަ ފަހަރެވެ. ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންގެ ވެރިކަމުގައި މިފަދަ ޤަރާރުތައް ނެރުއްވާފައި ހުރުން އެކަށީގެންވެއެވެ. ނަމަވެސް ޑިމޮކްރަސީއަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުވެ، ގިނަ ސިޔާސީ ޕާޓީ އެކުލެވޭ، ސިޔާސީ ހަރަކާތްތަކަށް ފަހި ވެރިކަމުގެ ނިޒާމެއް 2008 ވަނަ އަހަރުން ފެށިގެން ޤާއިމުވުމަށްފަހުގައި މި ބާވަތުގެ ޤަރާރެއް އެއްވެސް ރައީސަކު ނެރުއްވާފައިނުވެއެވެ.

ރައީސް ޞާލިޙު ނެރުއްވި ރިޔާސީ ޤަރާރުގެ ދުސްތޫރީ އަދި ޤާނޫނީ ޙައިސިއްޔަތަށް ބަލައިލުމަށްޓަކައި ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ރިޔާސީ ޤަރާރުތަކުގެ ދައުރާއި، ރިޔާސީ ޤަރާރު ބޭނުންކުރައްވައިގެން ރައީސަށް ކުރެއްވޭނެ ކަންކަމަކީ ކޮބައިތޯ ބަލައިލުން ލާޒިމެވެ. އަދި މި ޤަރާރުން ހާސިލުކުރަން ބޭނުންވާ މަޤުޞަދަކީ ޤާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއަށް ހާސިލުކުރެއްވޭނެ އަމާޒެއްތޯވެސް ސުވާލުކުރަންޖެހެއެވެ.

ޤާނޫނު އަސާސީގައި ރިޔާސީ ޤަރާރު

ރައީސް ޞާލިޙު ނެރުއްވި ރިޔާސީ ޤަރާރުގައި ޤާނޫނީ ނުވަތަ ދުސްތޫރީ މަޞްދަރުގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ނ)އާއި، (ރ) އާއި، (މ)އެވެ. މި މާއްދާއަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރު ބަޔާންކުރާ މާއްދާއެވެ. މި އަކުރުތަކުން ރިޔާސީ ޤަރާރު ނެރުމުގެ ޤާނޫނީ ބާރު ރައީސަށް ލިބިވަޑައިގަންނަވާތޯ ސުވާލު އުފައްދަންޖެހެއެވެ.

އިސްވެ ބަޔާންކުރި މާއްދާގެ (ނ)ގައި ބުނެފައިވަނީ ޤާނޫނީ ވެރިކަން ކުރިއަރުވައި، އެންމެންގެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއެއް ކަމަށެވެ. (ރ)ގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސަރަހައްދުގެ ރައްކާތެރިކަން ދެމެހެއްޓުމާއެކު ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތަށް އިހުތިރާމުކުރުން އިތުރުކުރުވުމަކީ ރައީސްގެ ޒިންމާއެއް ކަމަށެވެ. އެ މާއްދާގެ (މ)ގައި އޮތީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ކަނޑައަޅައި ހިންގައި، އެ ސިޔާސަތު ހިނގާނުހިނގާ ގޮތް ބަލައި، ބޭރު ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމްއިއްޔާތަކާ ގުޅުން ޤާއިމުކޮށް ދެމެހެއްޓުމަކީ ރައީސްގެ ޒިންމާއެއް ކަމަށެވެ.

މި ތިން މާއްދާއަކީ ސިޔާސީ ހަރަކާތެއް ހިންގުން ހުއްޓުވުމުުގެ ބާރު ރައީސަށް ދޭ މާއްދާތަކެއް ކަމަށް މާނަކުރެވުނު ގޮތެއް، ޤަރާރަކުން އެނގޭކަށް ނެތެވެ. އެހެންކަމުން މި ތިން މާއްދާއާ ހަވާލާދެއްވައި ރައީސް ޞާލިޙު ޤަރާރެއް ނެރުއްވި ނަމަވެސް، މި ތިން މާއްދާއަކީ އެފަދަ ޤަރާރަކަށް ބާރުދޭ މާއްދާތަކެއްކަން ޤާނޫނު އަސާސީން އެނގެންޖެހެއެވެ.

ރައީސް ޞާލިޙު ޙަވާލާދެއްވި 115 ވަނަ މާއްދާގައި ޤަރާރެއްގެ ވާހަކަ އައިސްފައި އޮވެއެވެ. އެއީ އެ މާއްދާގެ (އ)ގައި އޮންނަ ހަނގުރާމަ ނުވަތަ ޞުލްޙަ އިއުލާނުކުރުމުގެ ޤަރާރު ނެރުމާއި އެފަދަ ޤަރާރުތައް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށްޓަކައި ވަގުތުން އެ މަޖިލީހަށް ހުށަހެޅުމުގެ ވާހަކައެވެ.

ދެން ޤާނޫނު އަސާސީގައި ޤަރާރެއްގެ ވާހަކަ އައިސްފައި އޮންނަނީ އެ ޤާނޫނު އަސާސީގެ 254 ވަނަ މާއްދާގައެވެ. އެއީ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ (ވ)އިން ރައީސަށް ލިބިފައި އޮންނަ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނުކުރުމުގެ ބާރު ބޭނުންކުރެއްވުމުގެ ގޮތުން ޤަރާރެއް ނެރުއްވުމުގެ ބާރެވެ. އެ ޤަރާރު ނެރުމުގައި ޤާނޫނު އަސާސީގައި ބަޔާންކުރާ ބައެއް ޙައްޤުތައް ހިފަހެއްޓެދާނެ ކަމަށާއި، ބައެއް ޤާނޫނުތަކަށް އަމަލުކުރުން ވަގުތީ ގޮތުން މެދުކަނޑައިލެވިދާނެކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.

ދެން ރައީސަށް ޤަރާރު ނެރެވޭނެ ޙާލަތެއްކަމަށް ޤާނޫނު އަސާސީއާއި ޤާނޫނުތައް ކިޔައިލުމުން ފެންނަން އޮންނަ ކަމަކީ ރިޔާސީ ކޮމިޝަންތައް އުފެއްދެވުމެވެ. ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގައި އެކިއެކި ތަހުގީގުތައް ކުރުމަށް ނުވަތަ ޤައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އުފައްދަންޖެހޭ ވަގުތީ ކޮމިޝަންތައް އުފެއްދުމުގެ ބާރު ރައީސަށް އޮވެއެވެ. އެ ބާރު ބޭނުންކުރެއްވުމަށް ރިޔާސީ ޤަރާރު ނެރުމަކީ 2008 ވަނަ އަހަރުގެ ފަހުން ރާއްޖޭގެ ރައީސުން ކުރައްވާފައިވާ ކަމެކެވެ. އަދި ރައްޔިތުންގެ މަޖިލީހުން އެކަން ބަލައިގަނެ އެ ޤަރާރުތަކަށް 2019 ވަނަ އަހަރުން ފެށިގެން ޤާނޫނީ ހައިސިއްޔަތުވެސް ދީފައިވެއެވެ.

ޤާނޫނު އަސާސީއަށް ބަލާއިރު، ރައީސް ޞާލިޙު ބުރާސްފަތި ދުވަހު ނެރުއްވި ރިޔާސީ ޤަރާރުގައި ހަވާލާދެއްވި އެއްވެސް މާއްދާއަކީ އޭގެ ޒާތުގައި ރިޔާސީ ޤަރާރު ނެރުއްވުމުގެ ބާރު އެމަނިކުފާނަށް ދޭ މާއްދާތަކެއް ނޫނެވެ. އެ މާއްދާތަކުން މަތިކޮށްފައިވަނީ ސަރުކާރު ހިންގުމާ ގުޅުންހުރި ޒިންމާތަކެކެވެ. ޚާރިޖީ ސިޔާސަތު އެކުލަވައިލާ ހިންގުމަކީ މިހާރުވެސް ރައީސުލްޖުމްހޫރިއްޔާ ކުރައްވާނެ ކަންކަމެވެ. އެކަންކަން ކުރައްވަނީ ރިޔާސީ ޤަރާރަކުން ނޫނެވެ. އެންމެންގެ ހައްގުތައް ކަށަވަރުކުރުމުގެ ޒިންމާ ބަޔާންކުރާ އަކުރަކަށް ހަވާލާ ދެއްވައި ޙައްޤެއް ހިފަހެއްޓެވުމަކީ، ބުއްދިއަށް ވިސްނައިގަންނަން ދަތިކަމެކެވެ. ދެން އޮތީ ސިޔާދަތު ކުރިއަރުވައި ސަރަހައްދީ ރައްކާތެރިކަން ހިމާޔަތްކުރުމުގެ ޒިންމާ ބަޔާންކުރާ އަކުރެއް ކަމުގައިވާއިރު، އެ އަކުރު ބޭނުންކުރައްވައިގެން ސުލްހަވެރި ސިޔާސީ ހަރަކާތެއް ހުއްޓުވައިލެއްވުމަކީ އެ އަކުރުގެ ރޫހާ ޚިލާފު އަމަލެކެވެ.

މައުޟޫޢީ ގޮތުން ރިޔާސީ ޤަރާރުތަކުގެ ބާރުގެ އިން

ރިޔާސީ ޤަރާރު ބޭނުންކުރުމަކީ ދިވެހިރާއްޖޭގައި ނޫނަސް ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ރައީސުންނަށް އޮންނަ ބާރެކެވެ. އެހެންކަމުން އެ ބާރު ބޭނުންކުރުމުގެ ހަމަތައް ދެނެގަތުމަށް މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ރިޔާސީ ޤަރާރާއި އިދާރީ އަމުރުތައް (އެގްޒެކެޓިވް އޯޑާސް) ބޭނުންކުރާ ގޮތްތަކަށާއި، އެ ބާރުގެ ހުދޫދުތަކަށް ނަޒަރު ހިންގައިލުމަކީ ކުރަންޖެހޭ ކަމެކެވެ.

އިންސްޓިޓޫޓް އޮފް ޑިމޮކްރަސީ އެންޑް އިލެކްޓޯރަލް އެސިސްޓޭންސްއިން ޝާއިއުކޮށްފައިވާ ޕްރެޒިޑެންޝަލް ލެޖިސްލޭޓިވް ޕަވާސް، މި ކަރުދާހުގައި ބުނެފައިވާ ގޮތުން ބައެއް ދުސްތޫރުތަކުގައި ރައީސުންނަށް ރިޔާސީ ޤަރާރުތައް ބޭނުންކުރައްވައިގެން ޤާނޫނީ ބާރު ލިބިފައިވާ ނިންމެވުންތައް ނިންމެވުމުގެ ފުރުސަތު އޮވެއެވެ. އެކަން އޮންނަނީ ހަނި ދާއިރާއެއްގެ ތެރޭގައި ޤާނޫނު އަސާސީގައި ސަރީހަ އިބާރާތުން ބަޔާންކޮށްފައި އޮންނަ އިމެއްގައެވެ. އެއީ ޤާނޫނު އަސާސީގައި ބަޔާންކުރާ ރައީސްގެ ހުރިހާ ބާރުތައް ތަންފީޒުކުރަން އޮންނަ މަގެއް ނޫނެވެ. އަދި އެފަދަ ރިޔާސީ ޤަރާރަކީ އެއަށް ވަކި ވަގުތެއް ކަނޑައެޅިފައި ހުންނަ ވަގުތު ހަމަވުމުން އޭގެ ޤާނޫނު ބާރު ކެނޑިގެންދާ ޤަރާރުތަކެކެވެ.

މިސާލަކަށް ބަލާއިރު 1988 ވަނަ އަހަރު ތަސްދީގުކުރެވުނު ބްރެޒިލްގެ ޤާނޫނު އަސާސީގެ 62 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ޤަރާރު ނެރެވެއެވެ. އެއީ ސިޔާސަތު ކަނޑައެޅުމުގެ ދާއިރާގެ ތެރޭގައި ކުއްލިއަކަށް އަދި މުހިއްމުވެފައިވާ ސިޔާސަތެއް ހިންގެވުމަށް ކަނޑައަޅުއްވާ އުސޫލުތަކެއް ހިންގެވުމަށް ރައީސަށް ލިބިދޭ ބާރެކެވެ. އެފަދައިން ނެރުއްވާ ޤަރާރެއް، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފަސްދޮޅަސް ދުވަހުގެ ތެރޭގައި ޤާނޫނަކަށް ނުހަދައިފިނަމަ އުވިގެންދާނެއެވެ. އޭގެ ޤާނޫނީ ބާރު ކަނޑައެޅޭނެއެވެ. މި ބާވަތުގެ ޤަރާރަކީ "ޑިކްރީ އޮފް އާޖެންސީ" އަވަހަށް ކަމެއް ކުރުމުގެ ބޭނުމުގައި ނެރޭ ޤަރާރު ކަމަށް ޤާނޫނީ އިލްމުވެރިން ބަޔާންކުރައްވައެވެ.

އެ ކަރުދާހުގައި އެމެރިކާގެ ރިޔާސީ ޤަރާރުގެ ބާރުތަކަށްވެސް އަލިއަޅުވައިލާފައިވެއެވެ. އެމެރިކާގެ ޤާނޫނު އަސާސީގައި ސަރީހަ އިބާރާތުން ރިޔާސީ ޤަރާރުގެ ވާހަކަ ބަޔާންކޮށްފައި ނެތެވެ. އެހެންކަމުން އެ ޤައުމުގައި އާންމުކޮށް ރިޔާސީ ޤަރާރުތަކުގެ ޞައްޙަކަމާއި އެއަށް އަމަލުކުރެވޭނެކަން ނުވަތަ ނޫންކަން ކަނޑައަޅަނީ މައުޟޫޢީ ގޮތެއްގައި އެ ޤަރާރެއްގައި އެކުލެވޭ ކަންކަމަކީ އެމެރިކާގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ އިމުގެ ތެރޭގައި ނެރެފައިވާ ޤަރާރެއްކަން ކަށަވަރުކޮށްގެން ކަމަށް، އެމެރިކާގެ ކޮންގްރެޝަނަލް ރިސާޗް ސާވިސް އިން މާޗު 29، 2021 ވަނަ އަހަރުގައި ޝާއިއުކޮށްފައިވާ "އެގްޒެކެޓިވް އޯޑާސް: އޭން އިންޓްރޮޑަކްޝަން" މި ކަރުދާހުގައި ބަޔާންކޮށްފައިވެއެވެ.

އެ ކަރުދާހުގައި ބަޔާންކުރި ގޮތުން އެމެރިކާގައި ރިޔާސީ ޤަރާރުތައް ނުވަތަ އެގްޒެކެޓިވް އޯޑާސް ޤާނޫނީ ނިޒާމުގެ ތެރެއަށް ވަދެ އިސްތިޤުރާރުވެފައިވަނީ އެ ބާވަތުގެ އަމުރުތައް ނެރުމާއި، އެއަށް ކޯޓުތަކުން ފާރަވެރިވުމުގެ ދިގު ތާރީޚަކާއި، ސިޔާސީ ސަގާފަތެއްގެ ތެރެއިންނެވެ. އެ ޤައުމުގެ ސުޕްރީމް ކޯޓުންވަނީ އެ ރިޔާސީ ޤަރާރުތަކުގެ އިން ކަނޑައަޅާފައެވެ. މިނެސޯޓާ ވާސަސް މިލޭ ލަކަސް ބޭންޑް އޮފް ޗިޕެވާ އިންޑިއަންސް ކޭސްގައި އެ ކޯޓުން ނިންމާފައިވަނީ ރިޔާސީ ޤަރާރެއްގެ ޤާނޫނީ މަޞްދަރަކަށްވާންވާނީ ކޮންގުރެސްއިން ނިންމާ ނިންމުމެއް ނުވަތަ ޤާނޫނު އަސާސީ ކަމަށެވެ. އާންމު ގޮތެއްގައި ރިޔާސީ ޤަރާރު އެމެރިކާގެ ރައީސުން ބޭނުންކުރައްވަނީ އެ ބޭފުޅުންނަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ސަރުކާރު ހިންގުމުގެ ބާރުގެ ތެރެއިން، ޚާރިޖީ ސިޔާސަތާއި ގުޅޭ ކަންކަމާއި، އަސްކަރީ ނިންމުންތައް ނިންމެވުމަށެވެ.

އެހެންނަމަވެސް އެފަދަ ނިންމުންތަކަކީވެސް އެ ނިންމުންތަކުގެ ޞައްޙަކަމާމެދު އެމެރިކާގެ ކޯޓުތަކުން ސުވާލު އުފައްދައި ގޮތް ނިންމާ ކަންކަމެވެ. އެގޮތުން މެޑެލިން ވާސަސް ޓެކްސަސް ޤަޟިއްޔާގައި އެމެރިކާގެ ސުޕްރީމް ކޯޓުން ނިންމާފައިވަނީ، ބައިނަލްއަޤުވާއީ އަދުލުގެ ކޯޓުގެ ނިންމުމަކަށް އެމެރިކާގައި ބާރު ދިނުމަށް ނެރެވުނު ރިޔާސީ ޤަރާރު އެ ޤައުމުގައި ނުހިންގޭނެ ކަމަށެވެ. ސަބަބެއް ކަމަށް ފާހަގަކުރީ އެ ބާރަކީ ޤާނޫނު އަސާސީން ނުވަތަ ޤާނޫނަކުންވެސް ރައީސަށް ލިބިވަޑައިނުގަންނަވާ ބާރެއް ކަމުގައިވާތީއެވެ.

އަދި އެމެރިކާގެ ދާޚިލީ ކަމަކާ ގުޅޭ ގޮތުން ރައީސް ނިންމަވާ ރިޔާސީ ޤަރާރުތަކަށް އަމަލުކުރުމަށް ކޮންމެވެސް ސިފައެއްގައި އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުން ރުހުމެއް ހޯއްދަވަން ޖެހޭ ކަމަށް ކޮންގުރެޝަނަލް ރިސާޗް ސެންޓަރުގެ ކަރުދާހުގައި ފާހަގަކުރިއެވެ. އަދި އެފަދަ ޤަރާރުތަކުގައި ޤާނޫނަކަށް އާންމުކޮށް ހަވާލާދެވިފައި އޮވެއެވެ. އެއީ ރައީސަށް ޤާނޫނަކުން ލިބޭ ބާރެއް ބޭނުންކުރެއްވުމަށް ބޭނުންކުރައްވާ ޤަރާރެވެ.

ރިޔާސީ ޤަރާރުތަކުގެ ބާރާ ގުޅޭ ދިރާސީ ކަރުދާސްތަކެއްގެ މައްޗަށް އެކުލެވޭ ފޮތެއް ކަމުގައިވާ "އެގްޒެކެޓިވް ޑިކްރީ އޮތޯރިޓީ"ގެ ނަމުގައި ޖޯން އެމް ކާރޭ އާއި މެތިވް ސޯބާގް ޝުގާޓް އެޑިޓުކުރައްވައި ކެމްބްރިޖް ޔުނިވާސިޓީ ޕްރެސްއިން ޝާއިއުކުރި ފޮތުގައި ހިމެނޭ ކަރުދާސްތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ދުސްތޫރީ ގޮތުން ރިޔާސީ ޤަރާރުތައް ބޭނުންކުރެއްވުމުގެ ބާރު ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ގޮތަށް ޤާނޫނު އަސާސީތައް އާންމު ގޮތެއްގައި ބައްޓަންވަނީ ޚުދުމުޚުތާރު ވެރިކަން ހިނގާ ޤައުމުތަކުގައެވެ. ރަޝިޔާއާއި ވެނެޒުއޭލާއާއި އާޖެންޓީނާ ފަދަ ޤައުމުތަކުގައި ޚުދުމުޚުތާރު ވެރިކަމުގެ ނިޒާމަކަށް ނިޒާމު އިންޤިލާބުވެގެން ދިޔައިރު އެޅުނު އެއް ފިޔަވަޅަކީ ރައީސަށް ރިޔާސީ ޤަރާރުތައް ބޭނުންކުރެއްވުމުގެ ބާރު ތަންމިނަށް ދިނުމެވެ.

ޑެލިއާ ފެރެއިރާ ރޫބިއޯ އަދި މަޓެއޯ ގޮރެޓީ އެ ފޮަތަށް ލިޔުއްވި ކަރުދާހުގައި އާޖެންޓީނާގެ ކުރީގެ ރައީސް ކާލޯސް މެނެމް ރިޔާސީ ޤަރާރުތަކުގެ ބާރު ފުޅާކުރެއްވި މިންވަރާއި އެކަމުގެ ސަބަބުން އެ ޤައުމުގައި އުފެދުނު ބައެއް ބަހުސްތަކާއި ހިނގި ބައެއް ކަންކަމުގެ ތަފުސީލުތައް ބަޔާންކުރައްވާފައިވެއެވެ. އަދި ރިޔާސީ ޤަރާރުތަކުގެ ބާރު ފުޅާކުރެއްވުމުގެ ގޮތުން އެ ޤައުމުގެ ސުޕްރީމް ކޯޓަށް ރައީސް ކާލޯސް ބާރުފޯރުއްވި ގޮތުގެ މައްޗަށްވެސް އެ ކަރުދާހުގައި އަލިއަޅުވައިލައްވާފައިވެއެވެ.

މި ހުރިހައި ތަފުސީލަކަށް ބަލައިލުމުން އެނގެނީ ރިޔާސީ ޤަރާރަކީ ޑިމޮކްރެޓިކް މުޖުތަމައުތަކުގައި ޤާނޫނީ އަސާސްތަކެއްގެ މައްޗަށް ބިނާވެގެން ނެރެވޭ، ވަކި ޤާނޫނީ ހުދޫދުތަކަކާއި އިންތަކެއް ޤާނޫނު އަސާސީގައި ނުވަތަ ޤާނޫނުގައި ނުވަތަ ކޯޓުތަކުން ކަނޑައަޅާފައިވާ ރިޔާސީ ބާރެއް ކަމެވެ. އެއީ ބޭނުންހައި ގޮތަކަށް ރައީސުންގެ ހިތްޕުޅަށް އަރާހައި ގޮތެއްގައި ބޭނުންކުރައްވަން އޮންނަ ބާރެއް ނޫން ކަމެވެ.

ޙައްޤުތައް ހަނިކުރުން: ރިޔާސީ ބާރެއް؟

މިނިވަން ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައި ރިޔާސީ ޤަރާރަކީ ސަރީހަ ޤާނޫނީ ނައްޞަކުން ރައީސަށް ލިބިދޭ ބާރެއްގެ އިމުގެ ތެރޭގައި ކަންކަން ތަންފީޒުކުރަން ބޭނުންކުރާ ޓޫލެއް ނުވަތަ އާލަތެއް ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ރައީސް ޞާލިޙު ނެރުއްވި ރިޔާސީ ޤަރާރުން ހާސިލުކުރައްވަން ކަނޑައެޅުއްވި ކަންކަން ހާސިލުކުރެއްވުމުގެ ބާރު ލިބޭތޯއެވެ؟ ބުރާސްފަތި ދުވަހު ރައީސް ޞާލިޙު ނެރުއްވި ރިޔާސީ ޤަރާރުގެ މަޤުޞަދަކީ "އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމެވެ. ސިޔާސީ ހަރަކާތެއް، ޚިޔާލު ފާޅުކުރުމުގެ ހައްގެއް ބޭނުންކުރުމަށް ހުރަސްއަޅުއްވައި އެކަން މަނާކުރެއްވުމެވެ.

މި ޤަރާރަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ މިނަވަންކަމާއި، ޤާނޫނު އަސާސީގެ 32 ވަނަ މާއްދާއި ލިބޭ އެއްވެއުޅުމުގެ މިނިވަންކަމާއި، 19 ވަނަ މާއްދާއިން ލިބޭ މަނާކުރެވިފައި ނުވާ ކަންކަން ކުރުމުގެ މިނިވަންކަން ނިގުޅައިގަންނަ ޤަރާރެކެވެެ. އެހެންކަމުން އެއީ ރައީސަށް އޮތް ބާރެއްތޯ ސުވާލު އުފެދެއެވެ.

ޤާނޫނު އަސާސީގައި އަސާސީ ޙައްޤުތަކާއި މިނިވަންކަން ހިފަހެއްޓޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. ޤާނޫނު އަސާސީގެ 16 ވަނަ މާއްދާގެ (ހ) ބުނަނީ އެއިން އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަހެއްޓޭނީ މި ޤާނޫނު އަސާސީއާ ތަޢާރުޟުނުވާ ގޮތެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފަަހެއްޓޭނީ، މިނިވަން ދީމިޤުރާތީ މުޖުތަމައުތަކުގައި އެދަ ހައްގެއް ނުވަތަ މިނިވަންކަމެއް ހިފަހެއްޓިދާނެ ކަމަށް ޤަބޫލުކުރާ މިންވަރަކަށް ކަމުގައެވެ. ދެން އޮންނަނީ އެ މާއްދާގެ (ށ)ގެ ދަށުްން މަޖިލީހުން ފާސްކުރާ ޤާނޫނެއްގެ ތެރެއިން އިސްލާމްދީނުގެ އަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށް ޙައްޤެއް ނުވަތަ މިނިވަންކަމެއް ހަނިކުރުމުގެ ބާރެވެ. މި ދެ ހާލަތުގައިވެސް ޙައްޤުތައް ހަނިކުރުމުގެ ބާރު އޮންނަނީ ޤާނޫނު ހަދާ މަޖިލިހަށެވެ. އެއީވެސް އިންތަކެއްގެ ތެރެއިން ވަކި ހަމަތަކެއްގެ މަތިންނެވެ.

އެހެންކަމުން ޙައްޤުތަކާއި މިނިވަންކަން ހަނިކުރުމުގެ ބާރަކީ ޤާނޫނު ހަދާ މަޖިލީހުގެ އަސްލީ ބާރެކެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އޮންނަ އަސްލީ ބާރެއް ނޫނެވެ. އެހެންނަމަވެސް ޙައްޤުތައް ރައީސަށް ހަނިކުރެވޭނެ ގޮތެއް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. އެއީ ކުއްލި ނުރައްކަލުގެ ޙާލަތެވެ. ކުއްލި ނުރައްކަލުގެ ޙާލަތުގައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވާ ޤަރާރުގެ ޙުދޫދުތައް ޤާނޫނު އަސާސީގެ 255 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ބައެއް ޙައްޤުތައް ހަނިނުކުރެވޭނެ ކަމަށެވެ.

އެގޮތުން ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ލިބޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤާއި 28 ވަނަ މާއްދާއިން ލިބިދޭ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤާއި 64 ވަނަ މާއްދާއިން ލިބިދޭ ޣައިރު ޤާނޫނީ އަމުރުތަކަށް ތަބާނުވުމުގެ ޙައްޤަކީ އެ ހާލަތުގައިވެސް ހަނިނުކުރެވޭނެ ނުހިފަހެއްޓޭނެ ޙައްޤުތަކެވެ.

ބުރާސްފަތި ދުވަހު ރައީސް ޞާލިޙު ނެރުއްވި ޤަރާރަކީ މި ދެންނެވި ހުރިހައި ޙައްޤުތަކެއް ހަނިކުރާ ޤަރާރެކެވެ. އެ ޤަރާރުގެ ދަށުން އިންޑިއާގެ ހަރުކަށި ހިންދުތުވާ ސަރުކާރަށް ފާޑުކިޔުން ރާއްޖޭގައި މަނާވީއެވެ. އަދި އެ އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވައިލުން މަނާކޮށް އެކަންކުރާ މީހުން ހައްޔަރުކޮށް ބަންދުކުރަން ފުރުސަތު ލިބުނީއެވެ. އެ ޚިޔާލު ފާޅުކުރާ ފަރާތްތައް މިހާރުވެސް މުސާރަ ނުލިބޭ ގޮތަށް ސަރުކާރުން އެ ގެންދަނީ ސަސްޕެންޑުކުރަމުންނެވެ.

ބައިނަލްއަޤުވާމީ މުއާހަދާތައް

ރައީސްގެ ރިޔާސީ ޤަރާރުގައި ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ އިތުރަށް ބައިވަރު ބައިނަލްއަޤުވާމީ މުއާހަދާތަކަކާ ހަވާލާދެއްވިއެވެ. ސުވާލަކީ އެއީ ރިޔާސީ ޤަރާރެއްގެ ޤާނޫނީ މަޞްދަރުގެ ގޮތުގައި ބޭނުންކުރެވިދާނެ މުޢާހަދާތަކެއްތޯއާއި، އެ މުޢާހަދާތަކާ ހަވާލާދެއްވި މަޤުޞަދުތަކާއި މުއާހަދާގެ މަޤުޞަދުތަކާ ގުޅުމެއް އޮތްތޯއެވެ؟

ބައިނަލްއަޤުވާމީ މުޢާހަދާތަކާމެދު އަމަލުކުރަންވާ ގޮތަށް ޤާނޫނު އަސާސީގެ 93 ވަނަ މާއްދާގެ (ހ)ގައި ތަފުސީލުކޮށް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގެ (ހ)ގައި ބުނެފައިވަނީ ދިވެހި ދައުލަތުގެ ނަމުގައި، ވެިރކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤުވާމީ މުއާހަދާތަކަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެ މަތީން ކަމަށެވެ. (ށ)ގައި ބުނެފައިވަނީ ދިވެހި ދައުލަތުން ބައިވެރިވާ މުއާހަދާލަތުގެ މައްޗަށް އަމަލުކުރުން ރައްޔިތުންނަށް ލާޒިމުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

ރައީސް ޞާލިޙުގެ ރިޔާސީ ޤަރާރުގައި އެއްވެސް މިންވަރަކަށް ޤާނޫނަކާ ހަވާލާނުދެއްވައި މުއާހަދާތަކެއްގެ ނަން ބަޔާންކުރައްވައި، އެ މުއާހަދާތަކުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމެއްގެ މައްޗަށް ބިނާކުރައްވައި ކަމަށް ވިދާޅުވެ ސިޔާސީ ހަރަކާތެއް މަނާކުރެއްވުމަކީ މި މާއްދާއިން ހުއްދަކުރާ ކަމެއް ނޫނެވެ. މުއާހަދާތަކުން ކަމެއް ދިވެހިންގެ މައްޗަށް އިލްތިޒާމުކުރެވޭނީ ޤާނޫނެއް މެދުވެރިކޮށެވެ. އެފަދަ ޤާނޫނެއް މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކުރައްވައިގެންނެވެ.

ދެން ހަވާލާދެއްވާފައިވާ މުއާހަދާތަކަށް އަލިއަޅުވައިލަންވެސް ޖެހެއެވެ. ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްއާއި ވިއެނާ ކޮންވެންޝަން އޮން ކޮންސިއުލާ ރިލޭޝަންސްގެ ދަށުން ޤައުމުތަކުގެ ޑިޕްލޮމެޓުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ވާހަކައަކީ އެންމެ ފުރަތަމަ ފާހަގަކުރެއްވި ވާހަކައެވެ. އެއީ "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވައި ނުކުރެވޭނެ ކަމެއް ކަމަށް ސަރުކާރަށް ވިސްނުނު ގޮތެއް ނޭނގެއެވެ. އަދި އެކަން ކުރުމަށް ޤާނޫނެއް ނުހަދައި އެ މާއްދާއާ ހަވާލާދީ ބައެއްގެ ހައްގުތައް ހަނިކުރުމަކީ ޤާނޫނު އަސާސީން ހުއްދަކުރާ ކަމެއް ނޫނެވެ.

ދެން އޮތީ އިންޓަނޭޝަން ކޮންވެންޝަން އޮން ދަ އެލިމެނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަންގެ ވާހަކައެވެ. މިއީ ނަސްލީ ތަފާތުކުރުން ނައްތައިލުމާ ގުޅޭ މުއާހަދާއެކެވެ. އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވައިލުމާއި، ނަސްލީ ތަފާތުކުރުމުގެ ގުޅުމަކީ ކޮބާ ހެއްޔެވެ؟ އިންޑިއާއަކީ ނަސްލެއް ނޫނެވެ. އެއީ ޤައުމެއް އަދި ދައުލަތެކެވެ. އަދި "އިންޑިއާ އައުޓް"ގެ މާނައަކީ އިންޑިއާ މީހުން ބޭރުވާށޭ ގޮވުމެއް ނޫނެވެ. އެއީ އިންޑިއާ ސަރުކާރު ބޭރުވާން ގޮވައިލާ ގޮވުމެކެވެ.

ޤަރާރުގެ މައުޟޫޢަކީ "އިންޑިއާއާމެދު ނަފުރަތު އުފެއްދުން" ކަމުގައިވާއިރު، ނަސްލާއި ނަސަބުގެ މައްޗަށް ބިނާކޮށް ތަފާތުކުރުން މަނާކުރާ މުއާހަދާތަކާއި ޤަރާރުތަކަށް ހަވާލާދީފައިވުމަކީ ހަމަޖެހޭ ކަމެއް ކަމުގައި ނުފެންނަ ކަމަށް ބައިނަލްއަޤުވާމީ ޤާނޫނުގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޤާނޫނީ ވަކީލަކު "ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ޤާނޫނުލް ޢުޤޫބާތު

ދެން މި ޤަރާރުގައި ޙަވާލާދެއްވާފައިވާ އަނެއް ނުކުތާއަކީ ޤާނޫނުލް ޢުޤޫބާތެވެ. ޤާނޫނުލް ޢުޤުބާތުގެ 615 ވަނަ މާއްދާއަށް ހަވާލާދެއްވައި އެ މާއްދާއިން އިންޑިއާ އައުޓް ހަރަކާތަކީ ކުށެއް ކަމުގައި ކަނޑައެޅިފައިވާކަމަށް ރައީސްގެ ޤަރާރުގައި ވިދާޅުވެފައިވެއެވެ. ނަމަވެސް އެ މާއްދާގެ މަޤުޞަދަކީ ކޮބައިތޯ ބަލައިލަން ޖެހެއެވެ.

އެ މާއްދާއާ ގުޅޭ ގޮތުން ޤާނޫނުލް ޢުޤޫބާތުގެ ކޮމެންޓަރީގައި ޕްރޮފެސާ ޕައުލް އެޗް ރޮބިންސަން ފާހަގަކުރައްވަނީ އެ މާއްދާއަކީ ދޭދޭ ފަރުދުންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ލިޔެފައި އޮތް މާއްދާއެއް ކަމަށެވެ. އަދި އެ މާއްދާގެ ދަށުން ޝަކުވާ ހުށަހަޅަންޖެހެނީ އަމިއްލަ ފަރުދުން ކަމަށެވެ. އަދި އެ މާއްދާގެ މަޤުޞަދަކީ މީހުންނަށް ދުއްތުރާކުރުމާއި، އުދަގޫކުރުން މަނާކުރުން ކަމަށްވެސް އޭނާ ލިޔުއްވައެވެ.

އަދި މި މާއްދާގެ މަޤުޞަދަކީ އާންމު ރައްޔިތުންނަށް ތުރާކުރުން މަނާކުރުން ކަމުގައިވާތީ އެ މާއްދާގެ ދަށުން މައްސަލައެއް ފެށޭނީ އާންމު ފަރުދަކަށް ކަމަށާއި، އެއީ ޤާނޫނު ތަންފީޒުކުރާ އިދާރާއަކުން ކުރެވޭނެ ކަމެއް ނޫން ކަމަށް ރޮބިންސަން ލިޔުއްވައެވެ. އެހެންކަމުން އިންޑިއާ އައުޓް މަނާކުރުމަށް ނުވަތަ އެއްވެސް ސިޔާސީ ހަރަކާތެއް މަނާކުރުމަށް މި މާއްދާ ބޭނުންކުރުމަކީ އެ މާއްދާގެ މަޤުޞަދުގެ އިމުން ބޭރުވެ ޤާނޫނުލް ޢުޤޫބާތު ނަހަމަ ގޮތުގައި ބޭނުންކުރުމެވެ.

ހުރިހައި ވާހަކައެއް ޚުލާޞާކޮށްލުމުން ނެރެވެން އޮތީ އެންމެ ނަތީޖާއެކެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ރިޔާސީ ޤަރާރަކީ ޤާނޫނު އަސާސީން އެމަނިކުފާނަށް ލިބިވަޑައިގެންފައި ނެތް ބާރެއް ބޭނުންކުރެއްވުމެވެ. އެ ޤަރާރަކީ ޞައްޙަ ޤާނޫނީ މަޞްދަރެއް ނެތް، ޤާނޫނީ ގޮތުން "ޔަތީމު" ޤަރާރެއް ކަމެވެ. އެއީ ސިޔާސީ މަޤުޞަދަކަށް މުޅި ޤާނޫނު އަސާސީއާއި ޤާނޫނުލް ޢުޤޫބާތު ކޮށައި މެށުން ކަމެވެ. ކުރުކޮށް ދަންނަވަނީނަމަ އެއީ އުފަންވުމުގައިވެސް ބާޠިލު ޤާނޫނީ އަސްލެއް ބުރަދަނެއް ނެތް، އެއްވެސް ހަމައަކުން އެއްވެސް ބަޔަކު އަމަލުކުރުން ލާޒިމުނުވާނެ ޣައިރު ޤާނޫނީ ޤަރާރެކެވެ.

މި ލިއުމާއި ގުޅޭ