މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 15.9 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވެސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނެފި އެވެ.
މީރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި މާޗު މަހުގެ ނިޔަލަށް މުދަލުގެ ޒަކާތުގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ލިބިފައިވަނީ މިދިޔަ ޖެނުއަރީ މަހެވެ. އެ މަހު މުދަލު ޒަކާތުގެ ގޮތުގައި ހަތް މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.
އަދި މިދިޔަ މަހު 2.9 މިލިއަން މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވާއިރު، ނިމުނު މާޗު މަހު 5.9 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު ޖުމްލަ 15.9 މިލިއަން ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 2.7 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 13.2 މިލިއަން ރުފިޔާ އެވެ.
މުދަލު ޒަކާތުގެ ގޮތުގައި މިދިޔަ އަހަރު ޖުމްލަ 90.6 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ މާޗު މަހުގެ ތެރޭގައި އިސްލާމިކް މިނިސްޓްރީން ވަނީ މި އަހަރު މުދަލު ޒަކާތުގެ ނިޞާބުގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދު ބޮޑުކޮށްފަ އެވެ. އެގޮތުން މިހާރު މުދަލު ޒަކާރް ވާޖިބުވާ ނިޞާބަކީ 7241.15 ރުފިޔާ އެވެ. އޭގެ ކުރިން މިދިޔަ އަހަރަށް ކަނޑައެޅި މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6878.20 ރުފިޔާ އެވެ. އެހެންކަމުން މިއީ 362.95 ރުފިޔާގެ ބޮޑުވުމެކެވެ.
ރާއްޖޭގައި ޒަކާތުގެ ނިޞާބުގެ މިންވަރު ކަނޑައަޅަނީ ރިހީގެ އަގަށް ބަލައިގެންކަމަށްވާއިރު ރިހީގެ އަގަށް އަންނަ ބަދަލަކާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެގެންދެ އެވެ.
ނިޞާބު ހަމަވާ ވަރަށް އަތުގައި ފައިސާހުރެ އަހަރެއް ހަމަވެއްޖެނަމަ އޭގެ ސާޅީސްބައިކުޅަ އެއްބައި މުދަލު ޒަކާތުގެ ގޮތުގައި ދެއްކުމަކީ ދީނީ ގޮތުން ވާޖިބެކެވެ. ޕަސެންޓޭޖުން ބަލާނަމަ އެއީ 2.5 ޕަސެންޓެވެ.