Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑިއާ

އިންޑިއާގައި ހަޅުތާލުގެ ތުހުމަތުކޮށް ޤާނޫނާ ޚިލާފަށް، މުސްލިމުންގެ ގެދޮރު ސުންނާފަތިކުރަނީ

މަދްޔަ ޕްރަދޭޝްގައި މުސްލިމެއްގެ ގެ ސުންނާފަތިކުރަނީ، ފޮޓޯ: ސްކްރޯލް

އިންޑިއާގައި އެ ޤައުމުގެ ބައިމަދު މުސްލިމްންނާމެދު ތަފާތު އެކި ތުހުމަތުވުމުން އެމީހުންގެ ގެދޮރު ޤާނޫނާ ޚިލާފަށް ސުންނާފަތިކުރާ މައްސަލަ ވަރަށް ބޮޑަށް އާންމުވެއްޖެއެވެ. އެގޮތުން އާދީއްތަދުވަހު ހިންދޫ ދީނުގެ ރަމް ނަވާމީ ފާހަގަކުރި ކުރުމުގެ ތެރޭގައި ހިނގި ހަމަނުޖެހުންތަކުގައި ބައިވެރިވިކަމަށް ތުހުމަތުވާ މުސްލިމުންގެ ގެދޮރު މަދްޔަ ޕްރަދޭޝްގެ ސަރުކާރުންވަނީ ސުންނާފަތިކޮށްފައެވެ.

ސިޔާސީ ފަރާތްތަކުން ބުނެފައިވަނީ މިއީ އެ ގެދޮރުގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން ބައެއް މީހުން އެ ހަމަނުޖެހުންތަކުގައި ބައިވެރިވާތީ ދޭ ޖަމާއީ އަދަބެއް ކަމަށެވެ. އެހެންނަމަވެސް މި ގެދޮރު ސުންނާފަތިކުރުމަށް ސަރުކާރުން ބޭނުންކުރާ ޤާނޫނީ ހުއްޖަތަކީ އެ ގެދޮރުގައި ދިރިއުޅޭ ބަޔަކު ހަމަނެޖުހުމުގައި ބައިވެރިވިކަމަށް ތުހުމަތުވުމެއް ނޫނެވެ.

އަދި މިފަދައިން ސުންނާފަތިކޮށްފައިވާ ގިނަ ގެދޮރު ސުންނާފަތިކޮށްފައިވަނީ އެފަދަ ފިޔަވަޅު އެޅުމެއްގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ނޫނެވެ. އެގޮތުން ގެދޮރުގައި ދިރިއުޅޭ ފަރާތްތަކަށް ދިނުން ޤާނޫނުން ލާޒިމުކުރާ ނޯޓިސް ދޭފައިނުވެއެވެ.

ގެދޮރާއި މުދާ ހަލާކުކޮށް ސުންނާފަތިކުރުން

އާދީއްތަދުވަހު ހިންދޫ އީދެއް ކަމުގައިވާ ރާމް ނަވާމީ ފާހަގަކުރަން ބޭއްވި ހަރަކާތްތަކުގައި މުސްލިމުން ރުޅިއެރުވުމަށް މުސްލިމުންގެ މިސްކިތްތައް ކައިރިއަށް އެއްވެ، އަނިޔާވެރިވުމަށް ގޮވައިލާ، މުސްލިމުން އިންޑިއާއިން ބައިލާނެކަމަށާއި، މުސްލިމު އަންހެނުންގެ ހަށިފޭރޭނެކަމަށް ބުނެ ހިންދޫ ހަރުކަށި ފިކުރުގެ ޖަމާއަތްތަކުން އިންޒާރު ދިނެވެ. އެކަމާ ގުޅިގެން ބައެއް މުސްލިމުންނާ ހިންދޫންގެ މެދުގައި ކުރިމަތިލުންތައް ހިނގިއެވެ.

ޖެހިގެން އައި ދުވަހު މަދްޔަ ޕްރަދޭޝްގެ ހޯމް މިނިސްޓަރު ނަރޮއްޓަމްވަނީ ރާމް ނަވާމީ ފާހަގަކުރަން ބޭއްވި ހަރަކާތްތަކަށް ހުރަސްއެޅި މީހުންނާމެދު ހަރުކަށި ފިޔަވަޅުއަޅާނެކަން އިއުލާނުކޮށްފައެވެ. "އެ ގެތަކުން ގާތައް ނެރުނު ގެތައް ގަލަށް ހަދައިލާނަން،" މުސްލިމުންނަށް އިންޒާރުދެމުން އޭނާ ބުންޏެވެ.

މި މުޒާހަރާތަކާ ދެކޮޅަށް ގައު އުކިކަމަށް ތުހުމަތުވާ މީސްމީހުންގެ ގެދޮރު ސުންނާފަތިކުރުމުގެ މަސައްކަތް ފެށުނީ ހޯމަ ދުވަހުއެވެ. އެގޮތުން އިންޑޯ ރޭންޖުގެ ޕޮލިސް ކޮމިޝަނަރު ޕަވާން ކުމާރު އިންޑިއަން އެކްސްޕްރެސް ނޫހާ ވާހަކަދައްކަމުން ބުނެފައިވަނީ މި ހަމަނުޖެހުންތަކުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި 84 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މިހާރު އެ މީހުންގެ ގެދޮރު ސުންނާފަތިކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށް ކަމަށެވެ.

ޤާނޫނީ އަސާސެއް ނެތް ފިޔަވަޅެއް

ސްކްރޯލް ނޫހަށް މައުލޫމާތު ދެމުން އިންޑިއާގެ ބައެއް ޤާނޫނީ ވަކީލުން ބުނެފައިވަނީ ހަޅުތާލުކުރުމުގައި ބައިވެރިވިކަމަށް ތުހުމަތުވާ މީހުންގެ ގެދޮރު ސުންނާފަތިކުރުމަކީ އިންޑިއާގެ ޤާނޫނުގައި އެއްވެސް އަސާސެއް އަސްލެއް ނެތް ފިޔަވަޅެއް ކަމަށެވެ. އަދި އެއް ކުށަކަށް ކަނޑައަޅާފައިވާ އަދަބެއް އެހެން ކުށަކަށް އަދަބެއްގެ ގޮތުގައި ބޭނުންކުރުމަކީ ޣައިރު ޤާނޫނީ އަމަލެއް ކަމުގައިވެސް އެ ވަކީލުން ބުންޏެވެ.

ހަޅުތާލުކުރުމުގެ ތުހުމަތުގައި ކަންކުރަންޖެހޭ ގޮތް ބުނެދެމުން ދިއްލީގެ ވަކީލެއް ކަމަށްވާ އަނަސް ތަންވީރު ބުނީ އެފަދަ މައްސަލަތަކުގައި ކުރަންޖެހޭ ކަމަކީ އެ މައްސަލަ ތަހުގީގުކޮށް އިންޑިއާގެ ޤާނޫނުލް ޢުޤޫބާތުގެ 146 ވަނަ މާއްދާގެ ދަށުން ދައުވާކުރުން ފަދަ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އަދި ހަޅުތާލުކުރުމުގެ ތެރެއިން އާންމު ނުވަތަ ޚާއްޞަ މުދަލަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އެކަމަށް އެކަށީގެންވާ ބަދަލެއް ނެގުމަކީ އުއްތަރަ ޕްރަދޭޝާއި މަދްޔަ ޕްރަދޭޝް ފަދަ ސްޓޭޓުތަކުގައި އެކަމަށް ޚާއްޞަ ޤާނޫނުތައްވެސް ހުރި ކަންކަން ކަމަށް އަނަސް ބުންޏެވެ.

ހަމައެހެންމެ ގެއެއްގައި އުޅޭ އެންމެ މީހަކު ކުރި ކުށަކާހުރެ އެ ގޭގައި އުޅޭ އެންމެނަށް ޖަމާއީ ގޮތެއްގައި އަދަބު ދިނުމަކީވެސް ޤާނޫނު ދަންނަ ކަމެއް ނޫންކަމަށް އިންޑިއާގެ ޤާނޫނީ މާހިރުންނާ ހަވާލާދީ ސްކްރޯލްގައި ރިޕޯޓުކޮށްފައިވެއެވެ.

އިޖުރާއާތު އެއްވެސް މިންވަރަކަށް ނުހިންގާ

ބައެެއް ހާލަތްތަކުގައި ޤާނޫނުގައި ގެދޮރު ހަލާކުކުރުން ސަރުކާރަށް ހުއްދަވާ ހާލަތްތަކެއް ބަޔާންކޮށްފައިވީ ނަމަވެސް އެފަދަ ހާލަތްތަކުގައި ސަރުކާރުން ފުރިހަމަކުރަންޖެހޭ އިޖުރާއާތުތަކެއް ކަނޑައެޅިގެން ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ނޯޓީސް ފޮނުވުމާއި، މުއްތަހަމަށް އެކަށީގެންވާ ފުރުސަތެއް ދީ އެކަމަށް އެކަށީގެންވާ އިދާރާއަކުން އަމުރެއް ހޯދައިގެން ގެ ހަލާކުކުރުންފަދަ އިޖުރާއާތުތައް ޤާނޫނުގައި ބަޔާންކުރެއެވެ.

މަދްޔަ ޕްރަދޭޝްގެ ސަރުކާރުން ބުނެފައިވަނީ ގެދޮރު ސުންނާފަތިކުރަނީ ޤާނޫނާ ޚިލާފަށް ގެދޮރު ބިނާކޮށްފައި ހުރުމުން ކަމަށެވެ. އަދި އެކަންކުރަނީ އިޖުރާއާތު ފުރިހަމަކޮށް ދޭންޖެހޭ ނޯޓިސް ދިނުމަށް ފަހުގައި ކަމަށެވެ.

ނަމަވެސް ސުންނާފަތިކޮށްފައިވާ ގެދޮރުގެ ވެރިން ބުނަނީ އެ މީހުންގެ ތެރެއިން ގިނަ މީހުންގެ ގެދޮރަކީ ޤާނޫނާ އެއްގޮތަށް ބިނާކޮށްފައިވާ ގެދޮރު ކަމަށެވެ. ނަމަވެސް އެ ގެދޮރު ސުންނާފަތިކުރުމުގެ ކުރިން ނޯޓިސްއެއް ދީފައި ނެތް ކަމަށެވެ. އަދި ސުންނާފަތިކޮށްފައިވާ ބައެއް ފިހާރަތަކުގެ ވެރިން ދަ ކުއިންޓް އަދި އިންޑއަން އެކްސްޕްރެސް ނޫހަށް މައުލޫމާތު ދެމުން ބުނީ އެ މީހުންގެ ފިހާރަތައް ސުންނާފަތިކުރީ ނޯޓިސްއެއް ދިނުމެއް އެންގުމެއް އަދި އަމުރެއް ދެއްކުމެއް ނެތި ކަމަށެވެ.

އަދި އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓުކުރި ގޮތުގައި އިންޑިއާގެ މަރުކަޒީ ސަރުކާރުން ހިންގާ ގެދޮރު އަޅައިދޭ ސްކީމެއް ކަމުގައިވާ "ޕްރަދާން މަންތުރީ އަވަސް ޔޯޖަނާ" ސްކީމުގެ ދަށުން ސަރުކާރުން އަޅާފައިވާ ގެއެއްވެސް ސުންނާފަތިކޮށްފައިވާ ކަމަށެވެ.

މި ލިއުމާއި ގުޅޭ