Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީ ތާރީޚު

އެންމެ ރީތި ވާހަކަ (2)

މާދުރުން، އުދެރަހުން އިރު ދައްކާލައިފިއެވެ. ހެނދުނުގެ އަލިން ދުނިޔެ އަނދިރިކަމުން ހޭލައްވަމުންނެވެ. ޔަޢުޤޫބްގެފާނުގެ މާތް ދަރިކަލުން ޔޫސުފްގެފާނަށް ހޭފުޅުލެއްވުނެވެ. އޭރު އެކަލޭގެފާނުގެ ހިތްޕުޅުވަނީ ހަމަޖެހިފައެވެ. އުފާވެރިކަމުގެ އިޙްސާސްތައް ހިތުތެރޭގައި އުތުރި އަރަމުން އާދެއެވެ. ރޭގައި ފެނުނު ޝައުޤުވެރި ހުވަފެންފުޅެއްގެ ސަބަބުންނެވެ. ޖޯޝުން ފުރިގެންވާ ހާލުކޮޅު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހަށް ވަޑައިގަތެވެ. އަދި އެހުވަފެންފުޅު ވިދާޅުވެދެއްވިއެވެ.
"ލޯބިވާ ބައްޕާއެވެ! އެގާރަ ތަރިއާއި، އިރާއި، ހަނދު، އަޅުގަނޑަށް ހުވަފެނުން ފެނިއްޖެއެވެ. އެތަކެތި އަޅުގަނޑަށް ފެނުނީ އަޅުގަނޑަށް ސަޖިދަ ކުރަނިކޮށެވެ."
ޔަޢުޤޫބްގެފާނުގެ ކީރިތި މޫނުފުޅު އުޖާލާވެގެންދިޔައެވެ. އެކަލޭގެފާނުގެ ކާފާފުޅު، މާތް ﷲ ގެ ޚަލީލު އިބްރާހީމްގެފާނުގެ، ނުބުއްވަތުގެ ނިމްތު ފުރިހަމަވާހުށީ ޔޫސުފްގެފާނުގެ ކިބައިންކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. އަދި މިބީދައިން އެކަލޭގެފާނުގެ ދަރިކޮޅުގައި އާލުއިބްރާހީމްގެ މަތިވެރި ދަންމަރު ފަނޑުވުމެއްނެތި އަނދަމުންދާނެއެވެ. އަދި މާތް ﷲ ގެ ރިސާލަތު މީސްތަކުންގެ މެދުގައި ފެތުރުމުގެ މަތިވެރި ޝަރަފު ދަމަހައްޓާނެއެވެ.
ޔަޢުޤޫބްގެފާނު އެކަލޭގެފާނުގެ ޅަނދޮޅު ދަރިކަލުންނަށް ބައްލަވާލެއްވިއެވެ. އެއީ އާދަޔާޚިލާފު ކުއްޖެކެވެ. މާތް ﷲ އެކަލާނގެ އިޙްސާންތެރިކަމުން އެކަލޭގެފާނުގެ ޚިލްޤުފުޅުގެ ރީތިކަމާއެއްވަރަށް އެކަލޭގެފާނުގެ ޚުލްޤުފުޅުވެސް ރިވެތި ކުރެއްވިއެވެ. އެއީ ހިތްހެޔޮ މިޒާޖެއްގެ ބޭކަލެކެވެ. އެހެންމީހުންނަށް އިޙްތިރާމްކުރައްވައި، އޯގާތެރި އަދި އަޅާލުންތެރި ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ ކޮއްކޯފުޅު، ބިންޔާމީންވެސް ހަމައެފަދައެވެ. މިސަބަބުތަކާހެދި ޔަޢުޤޫބްގެފާނު އޭގެ ދެކަލުންދެކެ އިންތިހާއަށް ވެވަޑައިންނަވާ ލޯބި ވަންހަނާކުރައްވަން މަސައްކަތްކުރެއްވިޔަސް އެކަން ސިއްރެއްނުވާނެއެވެ. މިކަން އޭގެދެކަލުންގެ ބޭބެމެންނަށް ފާހަގަކުރެވި އެކަމާމެދު ނުރުހުންތެރިވާކަން އެކަލޭގެފާނަށް ސިއްރުނުވާފަދައިންނެވެ. އޭގެ ދެކަލުންގެ ރައްކަލަކަށްޓަކައި އެކަލޭގެފާނު އޭގެ ދެކަލުން ގިނައިން ބައިތިއްބަވަނީވެސް ގޭގެ ބަގީޗާ ބަލަހައްޓާށެވެ. އޭގެ ދެކަލުންގެ ބޭބެއިންނާ އެއްކޮށް ވަރަށް ތަންތަނަށް ނުފޮނުއްވައެވެ. އެކަލޭގެފާނުގެ ލޮބުވެތި ދަރިކަލުންގެ ސަލާމަތާމެދު ކަންބޮޑުވެލެއްވިއެވެ. އަދި އިންޒާރުކުރެއްވިއެވެ.
"ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅަށް ފެނުނު ހުވަފެން ދަރިފުޅުގެ ބޭބެމެންނަށް ކިޔައިނުދޭށެވެ. އެމީހުން ދަރިފުޅަށް ނުބައި ރޭވުމެއް ރާވަފާނެއެވެ. ޝައިޠާނާއަކީ، އިންސާނާއަށް ހުރި، ފާޅުވެގެންވާ ޢަދާވަތްތެރިއެކެވެ."
އަދި އެއަށްފަހު އެކަލޭގެފާނުގެ ލޯބިވާ ދަރިކަލުންނަށް ފެނިވަޑައިގެންނެވި ބަރަކާތްތެރި ހުވަފެންފުޅުގެ ތަޢުބީރު ކިޔައިދެއްވިއެވެ.
"އަދި އެފަދައިން، ތިޔަދަރިފުޅުގެ ވެރިރަސްކަލާނގެ، ދަރިފުޅު ޚިޔާރުކުރައްވައި، ހުވަފެނުގެ ވާހަކަތައް މާނަކުރަން ދަރިފުޅަށް ދަސްކޮށްދެއްވައި، އަދި ދަރިފުޅަށާއި، ބައްޕަގެ ދަރިކޮޅަށް، އެކަލާނގެ ނިޢުމަތްތައް ފުރިހަމަކޮށްދެއްވާނެއެވެ. އެއީ މީގެކުރިން، ދަރިފުޅުގެ ދެކާފައިކަލުންކަމުގައިވާ އިބްރާހީމްގެފާނާއި، އިސްޙާޤްގެފާނަށް އެނިޢުމަތްތައް ފުރިހަމަކޮށްދެއްވި ފަދައިންނެވެ. ދަރިފުޅުގެ ވެރިރަސްކަލާނގެއީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ ރަސްކަލާނގެއެވެ."
ޔޫސުފްގެފާނު އެކަލޭގެފާނުގެ ލޮބުވެތި ބައްޕާފުޅުގެ އިންޒާރުފުޅަށް ކަމޭހިއްތަވައި ކިޔަމަންތެރިވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ ބޭބޭއިންނަށް އެވާހަކަ ވަންހަނާކުރެއްވިއެވެ.
ޙަސަދައަކީ ނުރައްކާތެރި އެއްޗެކެވެ. އެ، ތިމާއަށް ނުރައްކާތެރިކުރުވަނިވި ދުޝްމިނުންނާ އެކުވެރިކަން ޤާއިމްކޮށްދެއެވެ. އަދި ތިމާ ލޯބިވާ އަދި ތިމާދެކެ ލޯބިވާ އާލުންނާއި ޔާރުން ބީރައްޓެހިންނަށް އަދި އާޚިރުގައި ދުޝްމިނުންނަށް ހަދައެވެ. މިކަމުގައި އަޅެއްގެ ދަރިއެއް އަދި ޔަޢުޤޫބްގެފާނުގެ ބޭފުޅުންފަދަ މާތް ނަބީބޭކަލެއްގެ ބޭފުޅުންނެއް އިސްތިސްނާވެގެނެއްނުވެއެވެ. ކޮންމެޔަކަސް ޔޫސުފްގެފާނާއި ބިންޔާމީން ފިޔަވައި ދެން ޔަޢުޤޫބުގެފާނުގެ ތިއްބެވި ދިހަބޭފުޅުން އެއްތަންވެ އަނެއް ދެ އަޚުންގެ މައްޗަށް ހަސަދަލައި އެ ވާހަކަދައްކައި އުޅުނެވެ. މިގޮތުން މީގެ ދިހަ ބެއިން ސައްލާކުރަން ތިއްބާ އޭގެތެރެއިން އެކަކަށް ކެތްނުކުރެވިގެން ސުވާލުކުރިއެވެ.
"ބައްޕަ ޔޫސުފްދެކެ އަހަރެމެންދެކެ ލޯބިވާވަރަށްވުރެ މާބޮޑަށް އެލޯބިވަނީ ކީއްވެގެންބާއެވެ؟"

"ފަހަރެއްގައި އޭނާގެ ރީތިކަމުގެ ސަބަބުންކަމުގައި ވެދާނެއެވެ." އެތަނުން މީހަކު ޖަވާބުދިނެވެ.

"އަހަންނަށް އެނގޭ އެއްޗަކީ، އަހަރެމެންނީ، ގަދަފަދަ ޖަމާޢަތެއްކަމުގައި ވާހިނދުވެސް، އޭނައާއި އޭނާގެ ކޮއްކޮ ބިންޔާމީން، އަހަރެމެންގެ ބައްޕަގެ އަރިހުގައި ލޮބުވެތިކަން މާބޮޑު ކަމެވެ." އެހެން މީހަކު ޝަކުވާ ކުރިއެވެ.

"އަހަރެމެންގެ ބައްޕަވަނީ ފާޅުވެގެންވާ މަގުއޮޅުމެއްގެ ތެރޭގައެވެ." ސުވާލުކުރިމީހާ ބުންޏެވެ.

މިމައްސަލައަށް އެތަނުން މީހަކު ޙައްލެއް ހުށަހެޅިއެވެ. "ޔޫސުފް ޤަތްލުކޮށްލާށެވެ!"

"ނުވަތަ ދުރު ބިމަކަށް އޭނާ އެއްލައިލާށެވެ!" އިތުރު މީހަކު އެހެން "ޙައްލެއް" ހުށަހެޅިއެވެ.

"އާނއެކެވެ! އޭރުން ތިޔަބައިމީހުންގެ ބައްޕަގެ ހެޔޮކަން ތިޔަބައިމީހުންނަށް އެކަނި ލިބޭނެއެވެ. އަދި އެއަށްފަހު ތިޔަބައިމީހުން، ތައުބާވެ، ޞާލިޙު ރަނގަޅު ބައެއްކަމުގައި ވާނީއެވެ."

ނަމަވެސް އޭގެތެރެއިން އެންމެ ބުއްދިވެރި އަދި އެންމެ ދޮށި، ޔަހޫޛާ ބުންޏެވެ. "އޭނާ ކިބައިން ސަލާމަތްވުމަށް އޭނާ ޤަތުލު ނުކުރާށެވެ. އަހަރެން މިދޭ ޚިޔާލާމެދު ވިސްނާލަބަލާށެވެ. ތިޔަބައިމީހުން ކަމެއްކުރަންޏާ އަނދިރި ވަޅެއްގެ އަޑިޔަށް އޭނާ އެއްލާލައިށެވެ! އޭރުން ދަތުރުކުރަމުންދާ ބަޔަކު، އޭނާ ހޮވައިގެން ގެންގޮސްފާނެއެވެ. އޭރުން ބައްޕަގެ ލޯމަތިން އޭނާ ގެއްލި، އަހަރެމެންގެ މުހުތާދުވެސް ފުދުނީ ނޫންހެއްޔެވެ؟ ދެން އެއަށްފަހު، ތިބުނިހެން، އަހަރެމެން އެކުށުން ތައުބާވެ ރަނގަޅަށް އުޅޭނީއެވެ."
މިޚިޔާލާމެދު އިތުރަށް އެމީހުންގެމެދުގައި ސައްލާކުރެވުނެވެ. އަދި މިއީ އެމީހުންނަށް އެންމެ ރައްކާތެރި ގޮތްކަމަށް ޤަބޫލުކުރެވުނެވެ. އަދި އެކަލޭގެފާނު އަވަހާރަކޮށްލުމުގެ ޚިޔާލު ދޫކޮށްލެވުނެވެ. އަދި ދުރުތާކަށް ފޮނުވާލުމުގެ މިޚިޔާލަށް ތާއިދު ލިބުނެވެ. މިއީ އެންމެ ބުއްދިވެރި ޚިޔާލުކަމަށްވާތީއެވެ.
ދެން އޮތީ ޔަޢުޤޫބްފެގާނުގެ އަރިހުން އެމީހުންނާއެކު ޔޫސުފްގެފާނުގެ ފޮނުވުމުގެ ހުއްދަޔަށް އެދުމެވެ. މިކަމަށްވެސް އެމީހުން މޮޅު ރޮކެޓެއް ޖެހިއެވެ.

އެމީހުން އެކަލޭގެފާނުގެ އަރިހަށް ގޮސް ދެންނެވިއެވެ.

"ލޯބިވާ ބައްޕާއެވެ! ޔޫސުފާމެދު، ބައްޕަ އަހަރެމެންނަށް އިތުބާރު ނުކުރައްވަނީ ކީއްވެގެންތޯއެވެ؟ އަހަރެމެންނީ އޭނާއަށް ހެޔޮއެދޭ ބަޔަކީމެވެ. އެހެންވީމާ، ކައިބޮއި އުފާކޮށް، ކުޅެހެދުމަށްޓަކައި، އަހަރެމެންނާއެކު، މާދަމާ އޭނާ ފޮނުއްވުން ކިހިނެއްތޯއެވެ؟ އަހަރެމެން އޭނާ ބަލަހައްޓައި ރައްކާތެރިކުރާނަމަވެ."

އެކަލޭގެފާނު ޖަވާބު ދެއްވިއެވެ. "އޭނާ ގޮވައިގެން ތިޔަބައިމީހުން ދިޔުމަކީ، ބައްޕައަށް ހިތާމަލިބޭކަމެކެވެ. އަދި ތިޔަބައިމީހުން އޭނާގެ މަތިން ޣާފިލުވެގެންތިއްބައި، މިނިކާ ކުއްތާއެއް އައިސް އޭނާ ކައިފާނެތީ ބައްޕަ ބިރުގަންނަމެވެ."

އެމީހުން ރައްދުދިނެވެ. "އަހަރެމެންނީ ބާރުހުރި ބަޔަކަށްވާހިނދު، މިނިކާ ކުއްތާއެއް އައިސް އޭނާ ކައިފިނަމަ، އަހަރެމެންވާނީ ކަމެއްނުކުރެވޭ ގެއްލެނިވެގެންވާ ބަޔަކަށެވެ."

އެމީހުން ކުރުނުކޮށް ކިޔަން ފެށުމުން ޔަޢުޤޫބްގެފާނު އެމީހުންގެ ފިއްތުންތަކުގެ ކުރިމަތީގައި ހަތިޔާރު ބެހެއްޓެވިއެވެ. އަދި ޔޫސުފްގެފާނު ގެންދިޔުމުގެ ހުއްދަ ދެއްވިއެވެ.
(ނުނިމޭ)
މި ލިއުމާއި ގުޅޭ