Wednesday 27th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ސޯލިހް

އެއްވެއުޅުމުގެ މިނިވަންކަން ދިފާއުކުރުމާއި ޖުޑީޝަރީ އިސްލާހުކުރުމުގައި ސަރުކާރު ފެއިލްވެއްޖެ: ހިއުމަން ރައިޓްސް ވޮޗް

އެއްވެއުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިފާއުކުރަން އިތުރަށް ދިވެހި ސަރުކާރުން މަސައްކަތްކުރަންޖެހޭ ކަމަށް، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ، އެމެރިކާއަށް ނިސްބަތްވާ ޖަމްޢިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.

އެ ޖަމްއިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާ އިސްލާހުކުރުމަށް މި ސަރުކާރުން ވީ ވައުދު، ސަރުކާރުގެ ދައުރުން ހަތަރު އަހަރު ފާއިތުވާން ކައިރިވެފައިވާއިރު އަދި މިހާތަނަށް ފުއްދާފައިނުވާ ކަމަށެވެ.

އަދި މި ރިޕޯޓުގައި ބުނެފައިވަނީ ސަރުކާރުން ޚިޔާލު ފާޅުކުރުމާއި އެއްވެއުޅުމުގެ މިނިވަންކަމަށް ހުރަސްއަޅަނީ ބާރުގަދަ ސިޔާސީ މީހުންނާއި ދީނީ ޖަމާޢަތްތަކުގެ ފިއްތުންތަކުގެ ސަބަބުން ކަމަށެވެ.

ވަކި ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އަނިޔާވެރި އަމަލުތައް ތަހުގީގުކޮށް ދައުވާ އުފުލުގައި ސަރުކާރު ފެއިލްވެފައިވުމުން، ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި ބަލިކަށިކަމާއި ކުށްކުރާ މީހުންނަށް ލިބިފައި އޮތް ނަހަމަ ބާރު ހާމަވާކަމުގައިވެސް އެ ރިޕޯޓުގައި ފާހަގަކުރިއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެރިކަމާ ހަވާލުވެވަޑައިގެން އުފެއްދެވި ގޮތް ނޭނގޭ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް ތިން އަހަރާއި ބައި ވެގެންދާއިރު އެކަށީގެންވާ ނަތީޖާއެއް ނެރެވިފައި ނެތްކަން އެ ރިޕޯޓުގައި ފާހަގަކުރިއެވެ. އަދި އެ ރިޕޯޓުގައި ބުނެފައިވަނީ އެ ކޮމިޝަނަށް ނަތީޖާ ނުނެރެވުނީ ބާރުގަދަ ސިޔާސީ ފަރާތްތައް އެ މަސައްކަތުގެ ތެރެއަށް ތަދައްޚުލުވުމުގެ ސަބަބުންނެވެ.

އަދި ރައީސް ޞާލިޙު އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި އެއްވެއުޅުމަށް ހުރަސްއެޅޭ ގޮތަށް ހުރި ޤާނޫނުތައް އުވައިލައްވާނެކަމަށް ވައުދުވެވަޑައިގެންނެވި ނަމަވެސް ވެރިކަން ދެބައިވެ ބޮޑުވެގެން ދިޔައިރު އަދިވެސް އެ ޤާނޫނުތައް އުވައިނުލައްވާކަން އެ ރިޕޯޓުގައި ފާހަގަކުރިއެވެ.

އަދި މުޒާހަރާތަކާއި އިހުތިޖާޖަށް ހުރަސްއެޅުމުގެ ސަބަބެއްގެ ގޮތުގައި ކޮވިޑުގެ ބަލިމަޑުކަން ބޭނުންކޮށްފައިވާ ކަމަށާއި، އަދި މުޒާހަރާވެރިންނާ ދެކޮޅަށް މުނާސަބު ނޫން ބާރު ފުލުހުން ބޭނުންކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ފަނޑިޔާރުން މަޤާމަށް އައްޔަންކުރާ ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރެއްވުމަށް ރައީސް ވައުދުވެވަޑައިގެންނެވި ނަމަވެސް އެ ކޮމިޝަން ސިޔާސީ މީހުންނަށް ޖާގަ އޮންނަ ގޮތަށް އޮތުމުން ޝަރުއީ ދާއިރާގެ މިނިވަންކަން އަދިވެސް އޮތީ ނާޒުކު ހާލަތެއްގައި ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ