މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިގެން އުޅެނީ މައި ޑިސްޓްރިބިއުޝަން ކޭބަލަށް ގެއްލުން ވެގެންކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ކުރި ޓްވިޓްތަކެއްގައި ބުނެފައިވަނީ އެ ކޭބަލަށް ގެއްލުން ލިބިފައިވަނީ އެޗްޑީސީން ހުޅުމާލޭގެ މަގު ހެދުމުގެ ތެރޭގައި ކަމަށާއި ކޭބަލަށް ގެއްލުންވުމުން ގްރޭޓާމާލޭ އިންޓަކަނެކްޝަން ގްރިޑްގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
އެކުންފުނިން ބުނިގޮތުގައި މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓު ދެމުން ގެންދަނީ އިންޓަކަނެކްޝަން މެދުވެރިކޮށް ހުޅުމާލެއިންނެވެ. އެހެންކަމުން އިންޓަކަނެކްޝަން އޮޕަރޭޝަނަށް ގެނެވެންދެން މާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓުގެ ހިދުމަތް ނުލިބޭނެ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.
ސްޓެލްކޯއިން ބުނީ ވީ އެންމެ އަވަހަކަށް އިންޓަރކަނެކްޝަން އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ކުރަމުން ގެންދާ ކަމަށެވެ.
މިއަދު މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ހެނދުނު 9:30 ހާއިރުއެވެ. އޭރު ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑިގެން އުޅެނީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ކަމަށެވެ.