މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
މާލެ ސަރަހައްދަށް ކަރަންޓު ޚިދުމަތް ފޯރުކޮށްދޭ ދައުލަތުގެ ކުންފުނި ކަމުގައިވާ ސްޓެލްކޯއިން ބުނެފައިވަނީ މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވަނީ ކުރިމަތިވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
އިތުރަށް ސްޓެލްކޯއިން ބުނެފައިވަނީ ކުރިމަތިވެފައިވާ ޓެކްނިކަލް މައްސަލައަށް ހައްލެއް ހޯދައި، ވީހާވެސް އަވަހަކަށް ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓުގެ ޚިދުމަތް އިއާދަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ކަރަންޓު ކެނޑުމުގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ކުރިމަތިވި ތަފާތު ދަތިތަކަށް މައާފަށް އެދޭ ކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ޓެކްނިކަލް މައްސަލަތައް މެދުވެރިވުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓުގެ ޚިދުމަތް ކެނޑެއެވެ. އަދި އެ މައްސަލަތައް ހައްލުކުރުމަށް ބައެއް ފަހަރު ގިނަ ވަގުތު ހޭދަވެސްވެއެވެ.
ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ހިންގެވި މާލެ ހުޅުމާލޭގެ ކަރަންޓު ގުރިޑު ގުޅައިލުމުގެ މަޝްރޫޢު ނިމުމާއެކު މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅައިލާ ހުޅުމާލޭގައި ހުންނަ ޕަވާ ސްޓޭޝަނުން ދެ ސަރަހައްދަށްވެސް ކަރަންޓު ދޭންވަނީ ފަށާފައެވެ.