Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީންގެ ޝަރީޢަތް

އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަންދޭނެ އިތުރު ހެއްކެއް ނެތް، މައްސަލަ ކުރިއަށްނުގެންދެވޭނެ: ޑރ.ޖަމީލު

އާރަށް މައްސަލާގައި ކުރީގެ ނައިބުރައީސް އަޙްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ފިޔަވައި އެ ބޭފުޅުންގެ ހެކިބަހަށް ބާރުދޭނެ ހެއްކެއް ނެތުމުން އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށްނުގެންދެވޭނެ މައްސަލައެއް ކަމަށް ރައީސް ޔާމީނުގެ ވަކީލުން ވިދާޅުވެއްޖެއެވެ.

މި މައްސަލާގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް ކޮށްފައިވެއެވެ. އެއީ ރިޝްވަތުގެ ގޮތުގައި 1 މިލިއަން ޑޮލަރު ހޯއްދަވައި މަނީ ލޯންޑާ ކުރެއްވިކަމަށް ތުހުމަތުކޮށް އުފުލާފައިވާ ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާއެވެ.

މިއަދު އެ މައްސަލައާ ގުޅިގެން ކުރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ވިދާޅުވީ ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާއަކީ އެމަނިކުފާނު ހިންގެވި ޑޮލަރު ބައްލަވައިގަތުމުގެ މުއާމަލާތެއްގެ ތެރެއިން ލިބިވަޑައިގެންނެވި ފައިސާ ކަމަށެވެ.

އަދި އާރަށް ވިއްކާލުމުގައި އެމަނިކުފާނު މަޤާމުގެ ނުފޫޒު ބޭނުންކުރެވިކަމަށް ތުހުމަތުކުރި ނަމަވެސް އެ ރަށް ކުއްޔަށް ދީފައިވަނީ ރަށްތައް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކާއި ޤަވާއިދުތަކާ އެއްގޮތަށް ކަމުގައިވެސް ޑރ.ޖަމީލު ވިދާޅުވިއެވެ. އަދި ރައީސް ޔާމީނަށް ލިބިވަޑައިގެންނެވި ފައިސާއަކީ އެ މުއާމަލާތާ ގުޅުންހުރި ފައިސާ ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން އެއިރު ހުންނެވީ ދައުލަތުގެ އެންމެ އިސްވެރިޔާގެ މަޤާމުގައި ކަމަށްވުމުން ޑޮލަރު ބައްލަވައިގަތުމުގެ މުއާމަލާތެއް އެމަނިކުފާނަށް ނުހިންގެވޭނެކަމަށް ދައުލަތުން ބުނުމުން، މައްސަލައާ ގުޅުން ނެތް ވާހަކަ ދައުލަތުން ދައްކާކަން ފާހަގަކުރައްވައި އެމަނިކުފާނުގެ ވަކީލުން އިއުތިރާޒުކުރެއްވިއެވެ. އެ އިއުތިރާޒު ޤަބޫލުކުރައްވައި މައްސަލައާ ގުޅުމެއް ނެތް ވާހަކަ ނުދެއްކުމަށް ދައިލަތަށް މައްސަލަ ބައްލަވާ ޤާޟީ އެންގެވިއެވެ.

މި މައްސަލާގައި ރައީސް ޔާމީނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިން ކަމަށް ދައުލަތުން ތުހުމަތުކުރާ ޔޫސުފް ނައީމުގެ ވަކީލު ހަމްޒާ ލަޠީފު ފާހަގަކުރައްވާފައިވަނީ ނައީމުގެ ހިއްސާ އޮތް ކުންފުންޏަކާ ދައުލަތާ ދޭތެރޭގައި ހިންގި މުއާމަލާތަކާއި، ރައީސް ޔާމީނާއި ޔޫސުފް ނައީމާ ދެމެދުގައި ހިންގި މުއާމަލާތެއް މަސްހުނިކޮށްގެން ދައުލަތުން ދައުވާ އުފުލާފައިވާ ކަމަށެވެ.

ޑރ.ޖަމީލު އިތުރަށް ވިދާޅުވީ މި މައްސަލާގައި ދައުލަތުން މައިގަނޑު ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަން ދޭނެ އިތުރު ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތް ކަމަށެވެ. އަދި އެ ބޭފުޅުންގެ ހެކިބަހަކީ އެއަށް ބުރަދަންދޭނެ އިތުރު ހެއްކެއް ނެތި އެ ހެކިބަހަށް ބުރަދަންދެވޭނެ ހެކިތަކެއް ނޫން ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

ދައުލަތުން ރައްދުގައި ބުނެފައިވަނީ އަދީބާއި ޒިޔަތުގެ ހެކިބަހަށް ބުރަދަންދޭނެ އެތައް ހެއްކެއް ހުށަހަޅާފައިވާނެ ކަމަށެވެ. ޑރ.ޖަމީލު ފާހަގަކުރެއްވީ ދައުލަތުން ބައެއް ހެކި ސިއްރުކޮށްފައިވާ ކަމަށެވެ. އަދި އެއީ ރައީސް ޔާމީން ފުރޭމްކުރުމަށް ހިންގާ ސިލްސިލާ މަސައްކަތެއް ކަމަށްވެސް ޑރ.ޖަމީލު ވިދާޅުވިއެވެ.

ޤާޟީ އަޙްމަދު ޝަކީލު ނިންމަވާފައިވަނީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށްގެންދެވޭނެ މައްސަލައެއް ކަމަށެވެ. އަދި ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމަށް ފަނަރަ ދުވަހުގެ މުހުލަތެއްވަނީ ދެއްވާފައެވެ.

މި ލިއުމާއި ގުޅޭ