އދ. ބޮޑުކާށިހުރާ ކުއްޔަށް ދިނުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެއެއް ނުދިނެވެ.
އެ ރަށަކީ 2014ވަނަ އަހަރު މިލޭނިއަމް ކެޕިޓަލްސް އަށް 50 އަހަރަށް ކުއްޔަށް ދީފައިވާ ރަށެކެވެ. ނަމަވެސް ސަރުކާރުން ފަހުން އެތައް އަތުލީއެވެ. އެ މައްސަލާގައި މިލޭނިއަމް އިން ދައުވާ ކޮށްފައި ވަނީ އެ މައްސަލަ ނިމެންދެން އެ ރަށް އެހެން ބަޔަކަށް ކުއްޔަށް ނުދެވޭނެ ގޮތަށް ވަގުތީ އަމުރެއް ނެރެ ދިނުމަށެވެ.
ސިވިލް ކޯޓުން އެ މައްސަލާގައި ބުނީ އެ ކަމުގެ ސަބަބުން މިލޭނިއަމް އަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ. ސަބަބަކީ މައްސަލަ ނިމޭ ގޮތަކުން ބަދަލުގެ ގޮތުގައި ރަށެއް ނުވަތަ އެހެންވެސް ގޮތަކަށް ބަދަލު ދިނުމުގެ ގާބިލްކަން ދައުލަތުގައި ހުރުމުން ކަމަށް ބުންޏެވެ.
ދައުވާ ކުރިއިރު ވެސް އެއްބަސްވުން އޮތީ ބާތިލް ކޮށްފައި ކަމަށާއި އެހެންކަމުން އެހެން ބަޔަކަށް އެރަށް ނުދޭން ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ބުންޏެވެ.