Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްނެސްޓީ އިންޓަނޭޝަނަލް

އެމްނެސްޓީ އިންޓަނޭޝަނަލް އިންޑިއާ ގެ ޗެއަރ އެ ޤައުމުން ފުރުން މަނާކޮށްފި

އެމްނެސްޓީ އިންޓަނޭޝަނަލް ގެ އިންޑިއާ ގޮފީގެ ޗެއަރ އާކަރް ޕަޓޭލް އެ ޤައުމުން ފުރަން އުޅުމުން ހުއްޓުވައިފިއެވެ.

އާކްރް ޕަޓޭލް ޓުވީޓު ކުރި ގޮތުގައި އޭނާ އެމެރިކާއަށް ފުރަން ގޮސް ބެންގަލޫރު އެއާޕޯޓުގައި ހުއްޓާ އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަންގެ (ސީބީއައި) އަމުރަށް، ވަނީ ފުރުން ހުއްޓުވާފައި ކަމަށެވެ.

ސީބީއައި އިން އަލްޖަޒީރާ ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި އާކަރް ފުރުން ހުއްޓުވާފައިވަނީ، އެމްނެސްޓީގެ އިންޑިއާ އޮފީހާއި ދެކޮޅަށް 2019 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލައެއް ބަލަމުން ގެންދާތީކަމަށެވެ.

އާކަރް އެމެރިކާއަށް ދަތުރުކުރަން ހަމަޖެހިފައިވަނީ އެ ޤައުމުގެ ބައެއް ޔުނިވަސިޓީތަކުގައި ލެކްޗަރުތަކެއް ދިނުމަށެވެ. އެންމެ ފުރަތަމަ އޭނާ ފުރަން އުޅުމުން، އެހެން މައްސަލައަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓިއެވެ. އޭނާގެ ޕާސްޕޯޓު ދޫކުރީ ކޯޓަށް އެ މައްސަލަ ހުށަހަޅައިގެން ކޯޓުންނެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ އާކަރް ފުރުމަށް ހުރަސް އެޅުމާއި ގުޅިގެން އެކަން ކުށްވެރިކޮށްފައެވެ. އަދި އޭނާގެ އަސާސީ ހައްޤުތަކަށް ހުރަސް ނޭޅުމަށާއި އޭނާ އަށް ފުރުމުގެ ފުރުސަތު ދިނުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ އިންޑިއާގެ ސަރުކާރަށް ގޮވާލާފައެވެ.

މިދިޔަ ހަފްތާގައި އިންޑިއާގެ މަޝްހޫރު ނޫސްވެރިއެއް ކަމަށްވާ ރަނާ އައްޔޫބްވެސް އިނގިރޭސިވިލާތަށް ފުރަން އުޅުމުން އެކަމަށްވެސް އިންޑިއާ ސަރުކާރުން ވަނީ ހުރަސް އަޅާފައެވެ. ރަނާ އަށް ފުރުނީ އެންމެ ފަހުން ކޯޓަކުން އެ ފުރުސަތު ފަހިކޮށްދިނުމުންނެވެ.

ހަރުކަށި ހިންދޫ ފިކުރުގެ ނަރެންދުރަ މޯދީ އިންޑިއާގެ ވެރިކަމަށް އައި ފަހުން އިންޑިއާގައި ނޫސްވެރިންނާއި އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކަށް ސަރުކާރުން ވަރަށް ބޮޑަށް ދަތިކުރެއެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިންޑިއާ އަކީ ޑިމޮކްރެސީގެ ރީތި ނަމޫނާއެއް ކަމަށް ވިދާޅުވެފައެވެ. އަދި ހިންދޫ ހަރުކަށި ފިކުރުގެ މޯދީ އަށް ދިވެހި ދައުލަތުން ދޭ އެންމެ މަތީ އިއްޒަތް ކަމުގައިވާ ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަޤަބު ވަނީ އަރުވާފައެވެ.

މި ލިއުމާއި ގުޅޭ