Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީ ތާރީޚު

އެންމެ ރީތި ވާހަކަ (1)

އައްސަވާށެވެ! އަޅުގަނޑު މިއަދު ތިޔަބޭފުޅުންނާ ޙިއްޞާކޮށްލަން މިއުޅެނީ އެންމެ ރީތި ވާހަކައެވެ. މިވާހަކަ އަޅުގަނޑަށް ކިޔައިދެއްވީ އަޅުގަނޑަށް އަބަދުވެސް ރީތި ވާހަކަކިޔައިދެއްވާ ފަރާތެކެވެ. އެފަރާތުން މިވާހަކަ ކިޔައިދެއްވަން ފެއްޓެވުމުގެ ކުރިން މިފަދައިން އެންގެވިއެވެ. "އެންމެ ރީތި ވާހަކަތައް، ތިމަންނާ ކަލާއަށް ކިޔައިދެމެވެ. އޭގެކުރިން ކަލާ މިވާހަކަތައް ނުދަންނަ މީހުންގެ ތެރެއިން ވީނަމަވެހެވެ." ތެދެކެވެ. އެފަރާތުން ކިޔައިދެއްވާ ވާހަކަތައް އަބަދުވެސް ރީއްޗެވެ. ނަމަވެސް މިއަދު ވަކިން ޚާއްސަކޮށް މިފަދައިން ހާމަކުރެއްވުމަށްފަހު އެފައްޓަވަނީ އެންމެ ރީތި ވާހަކަ ކިޔައިދެއްވަންކަން ޔަޤީނެވެ.
ނަމަވެސް މިވާހަކަ އެންމެ ރީތި ވާހަކައަށް ވާނީ ކިހިނެއް ހެއްޔެވެ؟ މިވާހަކަ ކިޔައިދިނުމާ ހަމަޔަށް މިވާހަކައަކީ އެންމެ ރީތި ވާހަކައަށްވުން އެކަށީގެންވެއެވެ. ނަމަވެސް އަދި ޤިޔާމަތެއް ނުވެއެވެ. ކުރިޔަށް އޮތް ތާނގައި ވިސްނުމުގެ ގޮތުން މާޤާބިލް މީހުން އަންނާނެކަން ކަށަވަރެވެ. މާމޮޅު އީޖާދުތައް ކުރާނެއެވެ. މާމޮޅު ވާހަކަތައްވެސް ކިޔާނެއެވެ. ނަމަވެސް އަޅުގަނޑު ވާހަކައިގެ ކުރިއެއް ނުމަރަމެވެ. އެފަރާތަށް ކުރާ އިޙްތިރާމެއްގެ ބޮޑުކަމުންނެވެ. ވާހަކައިގެ މޮޅުކަމެއް ވާހަކަ ނިމެންދެން އަޑުއަހާލީމާ އެނގިދާނެތާއެވެ.
ވާހަކައަކީ ދިގުވާހަކައެކެވެ. ނަމަވެސް ދިގުވެގެން ފޫއްސެއް ނުވެއެވެ. ވާހަކަ ކިޔައިދެއްވާ ނިމުމުން އަޅުގަނޑު އެފަރާތްގަންދީ ހުވައިކޮށްފައި ބުނީމެވެ. ފައްޓަވަމުން ތިޔަހާމަކުރެއްވީ ތެދުފުޅެކެވެ. ތިޔައީ ހަމަ ޙަޤީޤަތުގައިވެސް އެންމެ ރީތި ވާހަކައެވެ. ތިޔަށްވުރެ ރީތި ވާހަކައެއް ތިވާހަކައިގެ ކުރިއަކުންނެއް ނުވާނެއެވެ. އަދި ތިޔަށްވުރެ މޮޅު ވާހަކައެއް ތިވާހަކައިގެ ފަހަކުންނެއްވެސް ނާންނާނެއެވެ. އަޅުގަނޑު މިއިޝާރާތް ކުރާ ވާހަކައަކީ ޠާހިރު ބޭކަލަކަށް މުނިކާފަވިދާޅުވާ، ޠާހިރު ބޭކަލަކަށް ކާފަވިދާޅުވާ، ޠާހިރު ބޭކަލަކަށް ބައްޕަވިދާޅުވާ ޠާހިރު ބޭކަލެއްގެ ވާހަކައެވެ. މާތްﷲ ގެ ނަބިއްޔާ ޔޫސުފުއް ޞިއްދީޤްގެ ވާހަކައެވެ. މިވާހަކަ، އާދެ! އެންމެ ރީތި ވާހަކައިގެ މުދައްބިރު މުޚްބިރަކީ ހުސްޠާހިރުވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއެވެ.
މިވާހަކައަށް އެކަލާނގެވަނީ ވަކިން ސޫރަތެއް ޚާއްޞަކުރައްވާ ވާހަކައިގެ ބަޠަލުގެ ނަންފުޅުން އެސޫރަތަށް ނަންދެއްވާފައެވެ. ކީރިތި ޤުރުއާނުގެ 12 ވަނަ ފޮތުގައި ހިމެނޭ ކީރިތި ޤުރުއާނުގެ 12 ވަނަ ސޫރަތް، ޔޫސުފް ސޫރަތެވެ.
ޔޫސުފްގެފާނުގެ ވާހަކައަކީ ކީރިތި ޤުރުއާނުގައި އެންމެ ތަފްޞީލްކޮށް އައިސްފައިވާ ވާހަކައެވެ. މިވާހަކައިގައި ޙަސަދަވެރިކަމާއި ނަފްރަތާއި ބޮޑާކަމާއި އޮޅުވާލުމާއި ހީލަތާއި އަނިޔާވެރިކަން އަދި ބިރުދެއްކުންފަދަ އިންސާނީ ނުކުޅެދުންތެރިކަމުގެ އަސަރުތައް ހިމެނިފައިވެއެވެ. އަދި ހަމައެހެންމެ ކެތްތެރިކަމާއި ކެރުމާއި ރަޙްމަތާއި މަޢާފުދިނުން އަދި ރިވެތި ޚުލްޤުފަދަ އިންސާނީ މާތްކަމުގެ އަސަރުތައް ހިމެނިފައިވެއެވެ. ނަތީޖާއަކީ، މިވާހަކައަކީ ލޮނުހެޔޮވަރު، ޝައުޤުވެރި އަދި ކިޔާލަން ހިތްގައިމު "އެންމެ ރީތި ވާހަކަ" ކަމުގައިވުމެވެ.

މިވާހަކަ ބާވައިލެއްވީ ކޮންއިރަކު ކީއްވެ؟

މިވާހަކައިގައި އިންޞާފުކުރައްވާފައިވާ މައުޟޫޢިން މިވާހަކަ ބާވައިލެއްވުނީ ހިޖްރައަށް ވަޑައިގެންނެވުމަށް ކުޑަތަންވެފައި ވަނިކޮށްކަން އެނގެއެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަރުވާލާނީތޯ ނުވަތަ ހައްޔަރުކުރާނީތޯ ނުވަތަ މަރާލާނީތޯ ޤުރައިޝުން ސައްލާކުރަމުން ދިޔަ ދުވަސްވަރުއެވެ. މިފަދަ ދަނޑިވަޅުގައި، ޔާހޫދީން ފަހަތުގައި ތިބެގެން ކާފިރުންތަކެއް އެކަލޭގެފާނު އިތުރަށް އިމްތިހާނުކުރުމަށް މިފަދައިން ސުވާލުކޮށް އުޅުނެވެ. "ބާނޫއިސްރާއީލް ބާގައިގެ މީހުން މިޞްރަށް ދިޔައީ ކީއްވެގެން، ކިހިނެއްތޯއެވެ؟" އެމީހުން މިސުވާލުކޮށް އުޅުނީ އެމީހުންގެ ތާރީޚު ޢަރަބީންނަށް ނޭނގޭނޭކަން އެނގޭތީއާއި ޢަރަބީންގެ ތާރީޚާއި ޘަޤާފަތުގައި އެކަމާބެހޭގޮތުން ޚަބަރު އައިސްފައިނުވާތީއެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެމީހުންގެ ފޮތްތަކާއި ޞުޙުފުތައް ބައްލަވައި މުޠާލަޢާކުރައްވާފައި ނުވާތީއެވެ. އެހެންވެ އެމީހުން ހީކޮށްގެން ތިބީ ކީރިތި ރަސޫލާ(ޞައްލަﷲ ޢަލައިހި ވަސައްލަމް)އަށް އެސުވާލުގެ ޖަވާބު އެނގިވަޑައިނުގަންނަވާނޭ ކަމަށެވެ. އަދި އެސުވާލުން ރެކިވަޑައިގަންނަވާ އެމައުޟޫޢު އޮއްބާލަން އުޅުއްވުމަށްފަހު، ފަހުން ކޮންމެވެސް ޔަހޫދީއެއްގެ ކިބައިން އެސުވާލުގެ ޖަވާބު ހޯއްދަވާނީ ކަމަށެވެ. އަދި އެފަދައިންގޮސް އެކަލޭގެފާނު ބޭޒާރުވެވަޑައިގަންނަވާނީ ކަމަށެވެ. ނަމަވެސް އެމީހުން ހީކުރިގޮތާ ޚިލާފަށް މާތް ﷲ އެކަލޭގެފާނަށް އެހިނދުން އެހިނދަށް ޔޫސުފްގެފާނުގެ ވާހަކަ ފެށިގެން ނިޔަލަށް ބާވައިލެއްވީއެވެ. އަދި މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެމީހުންނަށް ވަގުތުން ޖަވާބުދެއްވީވެސްމެއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޤުރައިޝުންނަށް މަލާމަތްލިބި، ފަޟީޙަތްވެ، އެމީހުންގެ ނުބައި ރޭވުން ފެނަށްވެގެންދިޔުމެވެ. އަދި އެމީހުންނަށް އެވާހަކައިން އިންޒާރު ކުރެއްވިގެން ދިޔުމެވެ. ވަޙީކުރައްވާ ކަހަލައެވެ. ޔޫސުފްގެފާނަށް އެކަލޭގެފާނުގެ އަޚުން ކަންކުރި ފަދައިން ތިޔަބައިމީހުން އެކަލޭގެފާނަށް ކަންކޮށްފިނަމަ، ޔޫސުފްގެފާނުގެ އަޚުންގެ ނިމުންފަދަ ހިތި ނިމުމެއް ތިޔަބައިމީހުންނަށްވެސް ޖެހިދާނެއެވެ.
އިބްނު ކަޘީރު އެކަލޭގެފާނުގެ ޤިޞަޞުލް އަންބިޔާއިގައި ލިޔުއްވާފައިވެއެވެ. މިސޫރަތް ބާވައިލެއްވުނު ސަބަބުތަކުގެ ތެރޭގައި ރިވާވެގެން އައިސްފައިވެއެވެ. ޔަހޫދީން މާތް ރަސޫލާ(ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ އަރިހުން އެބައިމީހުންގެ ޤަދީމީ ރަސޫލެއްކަމުގައިވާ ޔޫސުފްގެފާނުގެ ވާހަކަ ވިދާޅުވެދެއްވުމަށް ދެންނެވިއެވެ. އެކަލޭގެފާނުގެ ވާހަކަ އޭރު ވަނީ ވަރަށް ބޮޑަށް އޮޅުވާލެވި ބައިބައި އިތުރުކުރެވި އަދި އުނިކުރެވިފައެވެ. މިސަބަބަށްޓަކައި މާތް ﷲ ގެ މުޤައްދަސް ފޮތުގައި މިވާހަކަ ވަރަށް ތަފްޞީލްކޮށް ގެނެސްދެއްވާފައިވެއެވެ.

މިވާހަކަ ބާވައިލެއްވުމުގެ މަޤްޞަދުތައް

މަތީގައި ބަޔާންވެގެންދިޔަ ވާހަކަތަކުން މިވާހަކަ ބާވައިލެއްވުނީ ދެމަޤްޞަދަކަށްޓަކައިކަން އެނގިގެންދެއެވެ. ފުރަތަމަ ކަމަކީ މާތް ރަސޫލާ(ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ރިސާލަތުގެ ތެދުކަން ސާބިތުކޮށްދެއްވުމެވެ. އަދި ހަމައެފަދައިން ސުވާލު ކުރާ ފަރާތުން އެދުނު ކަންކަމުގެ ތެދުކަން ސާބިތުކޮށްދިނުމުގެ ތެރެއިން އެކަލޭގެފާނަށް އެނގިވަޑައިގަންނަވާ ވާހަކަތައް އެނގިވަޑައިގަންނަވަނީ ތޯތޯ ވާހަކަތަކުގެ ތެރެއިންނޫންކަމާއި، އެއީ އެކަލޭގެފާނަށް ބާވައިލެއްވޭ ވަޙީއިން ލިބިވަޑައިގަންނަވާ ޢިލްމެއްކަން ޘާބިތުކޮށްދެއްވުމެވެ. މިކަމުގެ ވާހަކަ ސޫރަތުގެ ފެށުމުގައި ވަރަށް ސާފުކޮށް ބަޔާންކުރައްވާ އަދި ނިމުމުގައި އިތުރަށް ތަފްޞީލުކޮށްދެއްވާފައިވެއެވެ.
ދެވަނަ މަޤްޞަދަކީ މާތް ރަސޫލާ(ޞައްލަﷲ ޢަލައިހި ވަސައްލަމް)އާއި ޤުރައިޝުންނާ ދެމެދު އުފެދިފައިވާ މައްސަލަ ނިމޭނީ އެކަލޭގެފާނަށް ކާމިޔާބު ލިބިވަޑައިގެންކަން މިވާހަކައިން އަންގަވާ އެމީހުންނަށް އިންޒާރު ކުރެއްވުމެވެ. އެހެނީ އެމީހުން އޭރު ދިޔައީ ޔޫސުފްގެފާނުގެ އަޚުން އެކަލޭގެފާނަށް އިހާނެތިކޮށްހިތި ފަދައިން އެކަލޭގެފާނަށް އިހާނެތިކޮށް ހިތަމުންނެވެ. ޔޫސުފްގެފާނުގެ އަޚުން އެބައިމީހުންގެ ނުބައި ރޭވުމުން، އެކަލޭގެފާނު ވަޅަށް އެއްލާލުމަށްފަހުވެސް، ކާމިޔާބު ކުރުމަށް ނުކުޅެދުނު ފަދައިން ޤުރައިޝުންވެސް ނާކަމިޔާބުވާނެކަން ނުސީދާ ގޮތެއްގައި އެންގެވުމެވެ. އެހެނީ ކޮންމެ މީހަކުވެސް ޖެހޭނީ އިލާހީ ނިޔާގެ ކުރިމަތީ އިސްޖަހާށެވެ. އަދި ޔޫސުފްގެފާނުގެ އަޚުން އެކަލޭގެފާނު ކުރިފުޅުމަތީ ނިކަމެތިވި ފަދައިން ޤުރައިޝުންވެސް އެމީހުން ނެތިކޮށްލަން އުޅޭ މަތިވެރި އަޚުގެ އަރިހުން މަޢާފުދެއްވުން އެދި، އަދި އާދޭސް ކުރާނެއެވެ. މިމަޤްޞަދަށްވެސް ސޫރަތުގެ އެތައް ތަނެއްގައި އަލިއަޅުއްވާލައްވާފައިވެއެވެ.

މިވާހަކައިގެ ޖޯގުރަފީ އަދި ތާރީޚީ ފަސްމަންޒަރު

އަންނަނިވި ޖޯގުރާފީ އަދި ތާރީޚީ ތަފްޞީލްތަކުން މިވާހަކަ، އާދެ! އެންމެ ރީތި ވާހަކަ، ވިސްނައިގަތުމަށް އިތުރަށް އެހީވެދޭނެއެވެ. ޔޫސުފްގެފާނަކީ އަބުލް އަންބިޔާއި އިބްރާހީމްގެފާނުގެ މުނި ކާފަ ދަރިކަލުންނެވެ. އިސްޙާޤްގެފާނުގެ ކާފަ ދަރިކަލުންނެވެ. އަދި ޔަޢުޤޫބްގެފާނުގެ ދަރިކަލުންނެވެ. ޔަޢުޤޫބްގެފާނަށް ހަތަރު އަނބިކަބަލެއްގެ ފަރާތުން 12 ފިރިހެން ބޭފުޅުން ލިބިވަޑައިގަތެވެ. ޔޫސުފްގެފާނާއި އެކަލޭގެފާނުގެ ކޮއްކޯފުޅު، ބިންޔާމިންއާ ދެބޭފުޅުން އެއީ އެއްބަނޑުގެ ބޭފުޅުންނެވެ. ދެންތިއްބެވި ބޭފުޅުން އެއީ ވަކި ބަނޑު އެއްބަފާ ބޭފުޅުންނެވެ. ޔަޢުޤޫބްގެފާނު ވަޒަންވެރިވެވަޑައިގަތީ އެކަލޭގެފާނުގެ ބައްޕާފުޅު އިސްޙާޤުގެފާނު އަދި ކާފާފުޅު އިބްރާހީމްގެފާނުވެސް އުޅުއްވި ފަލަސްޠީނުގެ ޙަބްރޫނުގައެވެ. އަދި ޝަކީމްގައިވެސް އެކަލޭގެފާނުގެ ބިމެއް އޮތެވެ.
ބައިބަލް ދިރާސާކުރާ ޢިލްމުވެރިން ހާމަކުރާގޮތުގައި ޔޫސުފްގެފާނު އުފަންވެވަޑައިގަތީ ޢީސާއީ ސަނަތުގެ 906 އަހަރު ކުރިންނެވެ. އަދި މިވާހަކަ، އާދެ! އެންމެ ރީތި ވާހަކައިގެ ފެށޭ ހާދިސާތައް ހިނގީ ޢީސާއީ ސަނަތުގެ 890 އަހަރު ކުރިންނެވެ. އެކަލޭގެފާނަށް ހުވަފެންފުޅުފެނިވަޑައިގަނެ، ވަޅަށް އެއްލައިލެވުނުއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ 17 އަހަރެވެ. ބައިބަލްގެ އަދި ތަލްމޫދު(ތަލްމޫދަކީ ޔަހޫދީންގެ އާދަކާދަތަކާއި ފަލްސަފާތަކާއި އަޚްލާޤިއްޔަތާއި ތާރީޚާ ބެހޭގޮތުން ޙިބްރުންތަކެއް ކޮށްފައިވާ މަޝްވަރާތަކެއްގެ ޞިފައިގައިވާ ޔާހޫދީންގެ އަސާސީ ނައްޞެއް )ގެ އާޘާރުތަކުން އެނގޭގޮތުގައި އެކަލޭގެފާނު އެއްލާލެވުނު ވަޅު ހުންނަނީ ޝަކީމްގެ ދެކުނަށް އޮންނަ ދުވަޘާން ކިޔާ ރަށެއްގައެވެ. އަދި އެކަލޭގެފާނު އެވަޅުންނެގި ގާފިލާ އައީ އުރުދުންގެ އިރުމައްޗަށް އޮންނަ ޖިލްޢާދު ކިޔާ ފަރުބަދަމަތީ ބިމަކުންނެވެ. އެމީހުންގެ މިސްރާބުހުރީ މިޞްރާ ދިމާއަށެވެ.
އެޒަމާނުގައި މިޞްރުގައި ހިނގަމުންދިޔައީ ޤަދީމީ މިޞްރުގެ 15 ވަނަ ދަރިކޮޅުގެ ވެރިކަމެވެ. އެދަރިކޮޅުގެ ވެރިން ތާރީޚުގައި މަޝްހޫރުވެފައިވަނީ ހުކްސޫސް ރަސްކަލުންގެ ނަމުންނެވެ. އެމީހުން ނިސްބަތްވަނީ ފަލަސްޠީނުންނާއި ސީރިޔާއިން ޢީސާއީ ސަނަތުގެ 2000 އަހަރު ކުރިން މިޞްރަށް ހިޖްރަކޮށް އެޤައުމުގެ ވެރިކަން އަތުލި ޢަރަބީންގެ ނަސްލަށެވެ. ޢަރަބި މުއައްރިޚުންނާއި ޤުރުއާނުގެ މުފައްސިރުން މިމީހުންނަށް ދީފައިވާ ނަމަކީ ޢަމާލިޤުންނެވެ. މިޞްރުގެ ޙަޟާރާ ދިރާސާކުރާ ފަރާތްތަކުން މިވާހަކައަށް ބާރުދެއެވެ. އެއީ ބޭރުންއަރައިގެންއައި ހަނގުރާމަވެރިންތަކެކެވެ. އެމީހުންނަށް އެޤައުމުގައި ވެރިކަމެއް ޤާއިމްކުރުމުގެ ފުރުޞަތު ލިބުނީ އޭރު އެޤައުމުގައި އުފެދިފައިއޮތް ދާޚީލީ ހަމަނެޖެހުންތަކުގެ ސަބަބުންނެވެ. ޔޫސުފްގެފާނު ބާރުވެރި ފަރާތަކަށްވެ ބަނޫއިސްރާއީލް ބާގައިގެ މީހުންނަށް މިޞްރުގެ އެންމެ ހެޔޮ ބިންތަކުގައި ވަޒަންވެރިވެވުނީ މިސަބަބަށްޓަކައެވެ. އެމީހުންނަށް ލިބުނު އާރަކާއި ބާރެއްގެ އަޞްލަކީ އެބީރައްޓެހި ރަސްކަލުންނާއި އެމީހުންނާ ނަސަބުގެ ގޮތުން އޮތް ތިމާގެކަމެވެ. ޢީސާއީ ސަނަތުގެ ކުރީގެ 15 ވަނަ ޤަރުނުގެ ނިޔަލަށް ހުކްސޫސުންގެ ވެރިކަން މިޞްރުގައި އޮތެވެ. އަދި ހުރިހާ ބާރެއް އޮތީ ބަނޫއިސްރާއީލް ބާގައިގެ މީހުންގެ އަތްމަތީގައެވެ. ކީރިތި ޤުރުއާނުގެ އަލްމާއިދާ ސޫރަތުގެ 20 ވަނަ އާޔަތުގައި މިކަމަށް އިޝާރާތްކުރައްވަމުން، މޫސާގެފާނު ވިދާޅުވިކަމަށް މާތް ﷲ ވަޙީކުރައްވަނީ: އެކަލާނގެ ތިޔަބައިމީހުންގެ ތެރޭގައި ނަބީބޭކަލުން ލެއްވިއެވެ. އަދި ތިޔަބައިމީހުން (ގެތެރެއިން ބަޔަކު) ރަސްކަލުންތަކެއް ކަމުގައި ލެއްވިއެވެ.
ދެން އެއަށްފަހު އައި ވަރަށް ވަރުގަދަ، ބޮޑު އިންޤިލާބެއްގެ ތެރެއިން އެދަރިކޮޅުގެ ވެރިކަން ވައްޓާލެވި 250،000 ވަރަކަށް ޢަމާލިޤުން ޤައުމުން ބޭރުކޮށްލެވުނެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން ތަޢައްޞުބުން ފުރިގެންވާ ޤިބްޠީންގެ ދަރިކޮޅަކަށް ވެރިކަން ލިބިއްޖެއެވެ. އެމީހުން ޢަމާލިޤުންނާ ކިރިޔާ ގުޅުންހުރި އެއްޗަކާއި ކަމަކާއި ތަނެއް އުފުރާލައި ނައްތާލިއެވެ. ދެން ފެށިގެންދިޔައީ މޫސާގެފާނުގެ ވާހަކަޔާ ގުޅިފައިވާ ބަނޫއިސްރާއީލް ބާގައިގެ މީހުން ކަތިލުމުގެ ކަންތައްގަނޑެވެ.
ހުކްސޫސް ރަސްކަލުން މިޞްރުގެ އިހުގެ ކަލާނގެތަކެއް ބަލައެއް ނުގަތްކަން މިޞްރުގެ ޙަޟާރާތް ދިރާސާކުރުމުން އަޅުގަނޑުމެންނަށް އެނގެއެވެ. އަދި ސިރިޔާއިން އެމީހުންގެ އަމިއްލަ ކަލާނގެތައް އެތެރެކޮށް ޤައުމުގައި އެމީހުންގެ ދީން ފެތުރިއެވެ. މިސަބަބާހެދި ކީރިތި ޤުރުއާނުގައި ޔޫސުފްގެފާނުގެ ޒަމާނުގައި އުޅުނު މިޞްރުގެ ރަސްގެފާނަށް ފިރްޢައުނެއްގެ ލަޤަބު ދީފައެއް ނުވެއެވެ. އެހެނީ މިލަޤަބަކީ މިޞްރުގެ އަޞްލު ވަޒަންވެރީންގެ ދީނާ ގުޅިފައިވާ ލަޤަބެކެވެ. ހުކްސޫސުން އެދީނެއް ޤަބޫލެއް ނުކުރެއެވެ. ނަމަވެސް ބައިބަލްގައި އޮޅިގެން އެރަސްގެފާނަށް އިޝާރާތްކޮށްފައިވަނީ ފިރްޢައުނުގެ ލަޤަބުންނެވެ. ލަފާކުރެވޭގޮތުގައި މިޞްރުގެ ކޮންމެ ރަސްކަލަކީ ފިރްޢައުނެއްކަމަށް ބައިބަލްގެ މުޙައްރިރުންނަށް ހީވެފައިއޮތީއެވެ. ބައިބަލްއާއި މިޞްރުގެ ތާރީޚް އަޅާކިޔުއްވާ، ދިރާސާކުރައްވާ ޒަމާނީ ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޔޫސުފްގެފާނުގެ ޒަމާނުގައި މިޞްރުގައި ހުންނެވި ހުކްސޫސް ރަސްކަލަކީ އެޕޮފިސްApophis) ) އެވެ. އެއިރުގެ ވެރި ރަށަކީ މެމްފިސްMemphis) ) ޝަހަރެވެ. މިހާރު މިޝަހަރުގެ އިންދިރާސްވެފައިވާ އާސާރުތައް ޤާހިރާގެ 20 ކިލޯމީޓަރު(12 މޭލް)ގެ ދެކުނުން، ނީލަ ކޯރުގެ ހުޅަނގު ގުންޑޮޅިކައިރީން ފެންނާން އެބަހުއްޓެވެ.
ޔޫސުފްގެފާނު އެޝަހަރަށް ގެންދެވުނުއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ގާތްގަނޑަކަށް ވިހިއަހަރެވެ. އެކަލޭގެފާނު ޢަޒީޒުގެ ގެކޮޅުގައި ހުންނެވީ ތިން އަހަރުއެވެ. ނުވަ އަހަރު ޖަލުގައި ހޭދަކުރެއްވިއެވެ. އަދި ބިންތަކުގެ ޚަޒާންދާރުކަން ލިބިވަޑައިގަތީ އުމުރުފުޅުން 30 އަހަރުގައެވެ. 8 އަހަރުވަންދެން އެކަލޭގެފާނު ޢާއިލާއާ ދުރުގައި މިޞްރުގައި ވެރިކަންކުރެއްވިއެވެ. އަދި ނުވަވަނަ ނުވަތަ ދިހަވަނަ އަހަރު އެކަލޭގެފާނުގެ ބައްޕާފުޅާއި ޢާއިލާގެ ހުރިހާ އެންމެން ފަލަސްޠީނުން މިޞްރަށް ގެންނެވިއެވެ. އަދި ބައިބަލްގައިވާ ގޮތުންނަމަ އެއެންމެން މިޞްރުގައި ވަޒަންވެރި ކުރެއްވިއެވެ. އިބްނު ކަޘީރު ލިޔުއްވާގޮތުގައި ޔޫސުފްގެފާނު އަވަހާރަވީއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ 110 އަހަރެވެ. ބައިބަލްގައިވެސްވަނީ އެފަދައިންނެވެ. އިބްނު ކަޘީރް ލިޔުއްވާ ގޮތުގައި އެކަލޭގެފާނު އަވަހާރަވުމަށް ކުޑަތަންވެފައިވަނިކޮށް އެކަލޭގެފާނުގެ އަޚުންނަށް ވަޞިއްޔަތްކުރެއްވީ އެމީހުން މިޞްރު ދޫކޮށްދާނަމަ އެކަލޭގެފާނު އެކަލޭގެފާނުގެ ކާބަފައިކަލުންގެ އަރިހުގައި ވަޅުލެއްވުމަށެވެ. މިސަބަބަށްޓަކައި އެކަލޭގެފާނު އަވަހާރަވުމުން، އެކަލޭގެފާނުގެ ހަށިކޮޅު މަމިފައި (mummify) ކުރެވުނެވެ.
އާދެ މިހާހިސާބުން ތިޔަބޭފުޅުންނަށް މިހުށައިދެނީ އެންމެ ރީތި ވާހަކައެވެ. އައްސަވާށެވެ! އެންމެ ރީތި ވާހަކަ އައްސަވާށެވެ! އަދި ޢަޖާއިބުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގަންނަވާށެވެ.
"... މިވާހަކައިގައި، މަންޒަރުތައް ފުރިހަމަކުރުމަށް ކިޔުންތެރިޔާގެ ޚިޔާލަށް ދޫކޮށްލެވިފައިވާ ފަންނީ ހުސްތަންތަންކޮޅު އާދެއެވެ..."
ޤިޞަޞުލް އަންބިޔާއިގެ އިނގިރޭސި ތަރުޖަމާ، އަލްއިމާމް އިބްން ކަޘީރު، މުޙައްމަދު މުޞްޠަފާ ޖަމީޢާ އަލްއަޒްހަރީ.
(ނުނިމޭ)
މި ލިއުމާއި ގުޅޭ