Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓެކްސީ ޑްރައިވަރު ޤާސިމް

ގާސިމްގެ މަރު: ދެ ހެއްކިވެރިއެއްގެ ހެކިބަސް ނުނެގުނު

2019 ވަނަ އަހަރުގެ ޑިސެންބަރުގެ ތެރޭގައި ޓެކްސީ ޑުރައިވަރު ޤާސިމް ޙަސަން ޤަތުލުކޮށްލި މައްސަލާގައި ދައުވާ ލިބޭ އަދުހަމް މުޙައްމަދާ ދެކޮޅަށް ހެކިބަސް ދިނުމަށް ދައުލަތުން ހުށަހެޅި އެއް ހެކިވެރިޔަކު ޑީޕޯޓްކޮށްލާފައިވާތީއާ އަނެއް ހެކިވެރިޔަކު ހާޒިރުވެފައި ނުޒާތީ ހެކިބަސް ނުނެގުނެވެ.

އަނިޔާވެރި ގޮތެއްގައި ޤާސިމް ޙަސަން މަރާލާފައިވަނިކޮށް ފެނުނީ ހުޅުމާލެ ސެންޓުރަލް ޕާކުގެ އުތުރުން އޮންނަ ރީތިގަސް މަގުންނެވެ. އޭނާ މަރާލާފައިވަނީ ކަރަށް ވަޅިއަކުން ހަމަލާދީއެވެ. ޤާސިމް ޙަސަން މަރައިލިކަމުގެ ކުށަށް އަދުހަމު ފުރަތަމަ އިއުތިރާފުވިއެވެ. އެގޮތުން ފުލުހަށް އޭނާ ދިން ބަޔާނުގައި ބުނެފައިވަނީ ވަޅިން ބިރުދައްކައިގެން ޤާސިމް ޙަސަންގެ އަތުން ފައިސާ ފޭރުމަށް އުޅުމުން އޭނާ އަތުން ވަޅި އަތުލަން ޤާސިމް މަސައްކަތްކުރި ކަމަށެވެ.
ޤާސިމްގެ ކަރަށް ވަޅިން ހަމަލާދީނީ އޭނާ ހަޅޭއްލަވަން ފެށުމުން، ހަޅޭކުގެ އަޑު ކަނޑުވައިލުމަށް ކަމުގައިވެސް އަދުހަމު ފުލުހަށް ދިން ބަޔާނުގައި ބުންޏެވެ. އަދުހަމް އިތުރަށް ބުނި ގޮތުގައި ޤާސިމްގެ ކަރަށް ވަޅިން ހަމަލާދިނުމަށްފަހު ކުރެވުނީ ބޮޑު ކުށެއްކަން އެނގުމުން އެ ސަރަހައްދުން އޭނަ ފިލީއެވެ.
މި މައްސަލައިގެ ތަހުގީގުގައި ފުލުހުންވަނީ ޤާސިމް މަރާލާފައި އޮއްވައި ފެނުނު ސަރަހައްދުން ޑީއެންއޭއާއި އިނގިލީގެ ނިޝާނާއި، އިތުރު ފޮރެންސިކް ހެކި ހޯދާފައެވެ. އަދި ޤާސިމްގެ ހަށިގަނޑު ފެނުނު ސަރަހައްދާ 300އެއްހައި މީޓަރު ދުރުގައި ހުރި ގަސްތަކެއްގެ ތެރެއިން އޭނާއަށް ހަމަލާދޭން ބޭނުންކުރި ހަތިޔާރުވެސް ފުލުހުން ހޯދިއެވެ. އަދި އޭގެ އިތުރަށް ސީސީޓީވީ ފުޓޭޖު ދިރާސާކޮށް ޤާސިމް ޓެކްސީގައި ދަތުރުކުރި މަގުތައްވެސް ފުލުހުންވަނީ ދެނެގަނެފައެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައި ވަނީ މި މައްސަލައިގައި އަދުހަމްއާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ދެ ހެއްކެއް ހެކިބަސް ނެގުމުގެ ބައެވެ.

އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަރީފުލް އިސްލާމް ކިޔާ މީހެކެވެ. އޭނާ ބުޏާގޮތުގައި ހާދިސާ ހިނގިއިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ހުޅުމާލޭ ނިރޮޅުމަގުގައި ހުރި ކެފޭ ހައިވް ކިޔާ ތަނެއްގައެވެ.

އޭނާ ކިޔައިދިންގޮތުގައި ޤާސިމް މަރައިލި ދުވަސް ކަމަށްވާ، 2019 ވަނަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހުގެ ހަވީރު އޭނާ އުޅުނީ ކެފޭގައެވެ. އަދި ހާދިސާ ހިނގި ދުވަހުގެ ހަވީރު، މަސްކަނޑަން މީހަކު އަންނާނެ ކަމަށާއި އެ މީހާ އަތަށް ވަޅި ދޭން އެ ކެފޭގައި މަސައްކަތްކުރާ އިންޑިއާ ސޭޓް، ހަޝިމް ހަނީފް ހެކިވެރިޔާ ކައިރީ ބުނި ކަމަށާއި ނަމަވެސް ދިގުމިނުގައި އެއް ފޫޓު ހުރި އެ ވަޅި އޭނާ ދިނީ ސޭޓު އަތަށް ކަމަށް އޭނާ ބުނެފައިވެއެވެ.

ހެކިވެރިޔާ ބުނީ އެ ވަޅިއަށް ފަހުން ވީ ގޮތެއް ނޭންގޭ ކަމަށާއި އެ ވަޅި ހަޝިމް ގެންދިޔުމަށްފަހު އަނބުރާ ގެނެސްފައި ނުވާ ކަމަށެވެ. އެ ވަޅި އަކީ ގާސިމަށް އަދުހަމް ހަމަލާ ދިން ވަޅި އެވެ. އެއީ އޭނާ ސޭޓު އަތަށް ދިން ވަޅިކަން ޝަރީފުލް އިސްލާމް ވަނީ ތަހުގީގުގައި ފުލުހުންނަށް ވެސް ޔަގީން ކޮށްދީފައެވެ.

ދައުލަތުގެ ވަކީލް އިބްރާހިމް ނާސިހް ވިދާޅުވީ ހަޝިމް މިހާރު ވަނީ އިންޑިއާއަށް ޑީޕޯޓް ކޮށްލައިފައިކަމަށާއި އެހެންކަމުން އޭނާގެ ހެކިބަސް ނަގަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް ހަޝިމް ތަހުގީގަށް ދީފައިވާ ބަޔާނަށް މައްސަލައިގައި ރިއާޔަތްކޮށްދެއްވުމަށް ނާސިހް އެދިވަޑައިގަންފައިވެއެވެ.

ހެކިބަސް ދިނުމަށް މިއަދު ދެން ދައުލަތުން ހާޒިރުކުރަން ނިންމާފައިވާ ހެކިވެރިޔާ ހާޒިރު ވެފައެއް ނުވެއެވެ. އޭނާ ހެކިބަސް ދިނުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުންނެވެ. އިދާރީ މޭޒުން ބުނީ އޭނާ އެ ކޯޓަށް ހާޒިރުވެފައި ނުވާ ކަމަށެވެ.

މިކަމާއި ގުޅިގެން ދައުލަތުން ބުނީ ހެކިބަސް ނެގުމަށް މި މައްސަލައިގައި ތާވަލުކޮށްފައިވާ އެންމެ ފަހު ދުވަހަށް އޭނާ ހާޒިރުކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މި ލިއުމާއި ގުޅޭ