ދިވެހިރާއްޖެއިން ކޮރޯނާ ވައިރަހަށް ޝައްކުކުރެވިގެން ކަރަންޓީންކޮށްފައިވާ އެންމެންގެ ޓެސްޓްތަކުގެ ނަތީޖާ ލިބިފައިވާއިރު އެ އެންމެންވެސް ވައިރަހަށް ނެގެޓިވްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަން އިއުލާން ކުރެއްވީ މިހާރު މަޖިލީހުގައި އިއްވަވަމުން ގެންދަވާ ރިޔާސީ ބަޔާނުގެ ތެރެއިންނެވެ.
"މާތް ﷲގެ ހެޔޮ ރަހުމަތްފުޅުން އޭގެ ތެރެއިން އެކަކުވެސް ކޮރޯނާ ވައިރަހަށް ޕޮޒިޓިވް ވެފައި ނުވޭ. މި ނުރައްކާތެރި ވަބާއިން ހުރިހާ ދިވެހިން މިންޖުކުރެއްވުން އެދި ﷲގެ ހަޟްރަތުގައި އަޅުގަނޑު ދުޢާ ކުރަން،" ރައީސް ސޯލިހް ވިދާޅުވިއެވެ.
ކޮރޯނާ ވައިރަސް ހުރެދާނެކަމަށް ޝައްކުކޮށް މިހާތަނަށް 3 މީހަކު ރާއްޖޭގައި ވަނީ ކަރަންޓީނުކޮށްފައެވެ. އެމީހުން ކަރަންޓީނުކޮށްފައިވަނީ ފުނަދޫގައެވެ. ކަރަންޓީނު ކޮށްފައި ވީނަމަވެސް އެއިން އެއްވެސް މީހެއްގެ ސިއްހީ ހާލު ގޯހެއް ނޫނެވެ.
ޗައިނާގެ ވުހާ ސިޓީއިން ފެތުރެން ފެށި ކޮރޯނާ ވައިރަސްގެ ސަބަބުން މިހާތަނަށް 300 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު 14،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އެ ވައިރަސްގެ އަސަރުކޮށްފައެވެ. މިވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި ރާޢްޖެއިން ވެސް ދަނީ ގިނަގުނަ ފިޔަވަޅުތައް އަޅަމުންނެވެ.