Monday 25th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ލަންކާ އޮތް ހާލަތަށް ރާއްޖެ ނުދިޔައީ ސަރުކާރުގެ ސަބަބުން ކަމަށް ވިދާޅުވުމުން ނަޝީދުގެ ނުރުހުން

ކޮވިޑަށްފަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލެވި، ސްރީލަންކާ މިހާރު އޮތް ހާލަތަށް ރާއްޖެ ނުގޮތް އޮތީ ސަރުކާރުގެ ހުށިޔާރުކަމުން ކަމަށް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވުމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަނުޖެހުން ފާޅުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ފޮރިން ސާވިސްގެ ބިލަށް ބަހުސްކުރައްވަމުން މިހާރު އަވައްޓެރި ލަންކާގައި ކާބޯތަކެއްޗަށް ޖެހި، ގައުމުގެ ހާލަތު ގޮސްފައިވާ ހިސާބަށް އިޝާރާތްކުރައްވައި ޔައުގޫބް ވިދާޅުވީ ރާއްޖެއަކީވެސް ލަންކާ ފަދައިން ބޭރުގެ ފަތުރުވެރިންނަށް މުޅިން ކަހަލަ ގޮތަކަށް އިގްތިސާދު ބަރޯސާވެފަ އޮތް ގައުމެއް ކަމަށެވެ.

އެކަމަކު ރާއްޖެ މިހާރު ލަންކާ އޮތް ހާލަތަށް ނުގޮސް "ސަލާމަތްވީ" ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ބޯޑަރު ހުޅުވާލަންޖެހޭ އެންމެ މުހިންމު ދަނޑިވަޅުގައި، އެންމެ މުނާސަބު ދަނޑިވަޅުގައި އެ ބޯޑަރު ހުޅުވާލައި މުޅި ދުނިޔެއަށް ރާއްޖޭގެ އިގްތިސާދު ހުޅުވާލުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭރު ދުނިޔޭގެ ގައުމުތަކުގެ ތެރެއިން ދެތިން ގައުމެއް ދުނިޔެއަށް ހުޅުވާލެވިގެން ދިޔަ އިރު ރާއްޖެ އޭގެ ތެރޭގައި ހިމެނިގެން ދިއުމަކީ އެއީ ރާއްޖޭގެ މިއަދުގެ ސަރުކާރުގެ ގާބިލުކަމާއި އަދި ކެބިނެޓުގެ ކުޅަދާނަ ކަމުގެ ރަމްޒެއް. އަދި މި ޝުކުރުގައި އަޅުގަނޑު ފާހަގަކުރަން ރާއްޖޭހެ ފިނޭންސް މިނިސްޓަރާއި އިކޮނޮމިކް މިނިސްޓަރު،" ޔައުގޫބު ވިދާޅުވި އެވެ.
އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަށާއި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޔައުގޫބް ވިދާޅުވީ އޭރު ސަރުކާރުން ބޯޑަރު ހުޅުވުމަށް ޑިޒިޝަން ނުނެންގެވި ނަމަ މިއަދު އަޅުގަނޑުމެންގެ ހާލަތު އޮންނާނީ ކިހިނަކުންކަމާއި، ހިތަށްވެސް ނުގެނެވޭ ފަދަ އެތައް އެތައް ކަންތައްތަކެއް ދިމާވެގެން ދިޔައީސް ކަމަށެވެ.
"މިހާރު ކޮވިޑަށްފަހު ދުނިޔޭގެ އެންމެ އަވަހަށް ރިކަވާ ވަމުން، ކުރިއަރަމުން އަންނަ ގައުމުތަކުގެ ތެރޭގައި ގުނާލެވޭ ޓޮޕް 5 ގެ ތެރޭގައި ރާއްޖެ ހިމެނޭ. އެހެންވީމަ އަޅުގަނޑު އަދިވެސް އެއްފަހަރު މިއަދުގެ ސަރުކާރާއި، އަދި ރައީސުލްޖުމްހޫރިއްޔާ ހާއްސަކޮށް އަޅުގަނޑު އިގްތިސާދީ ވަޒީރަށް. އިގްތިސާދީ ވަޒީރުގެ ހިންގުންތެރި ގާބިލުކަމަށްޓަކައި އެކަން ފާހަގަކޮށް އެކަމަށްޓަކައި ޝުކުރު އަދާކުރަން،" ޔައުގޫބް ވިދާޅުވި އެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ރިޔާސަތުގައި އިންނަވައި ރައީސް ނަޝީދު ވިދާޅުވީ، އޭރު ރާއްޖޭގެ ބޯޑަރު ހުޅުވާލުމަށް މަޖިލީހުގެ ކޮމިޓީތަކުގައި ދެއްކެވި ވާހަކައިގެ ތެރެއިން ސަރުކާރުން އެކަމަށް ވަރަށް ބޮޑަށް ހުރަސްއެޅި ކަމަށެވެ.
"އަޅުގަނޑު ރެކޯޑަށް ޓަކައި އަދި މިތަނުގެ ޔައުމިއްޔާއަށްޓަކައި ދަންނަވަންޖެހޭ. އިރާދަކުރެއްވިއްޔާ އިއްޒަތްތެރި މެންބަރުންނަށް ބޯޑަރު ހުޅުވުމާ ގުޅޭގޮތުން މިތަނުގެ ކޮމިޓީތަކުގައި ދެއްކެވުނު ވާހަކަތަކާ، ސަރުކާރުން އެކަމަށް ހުރަސް އަޅުއްވަމުން ގެންދިޔަ ގޮތް، އަދި ބައެއް އިއްޒަތްރެރި މެންބަރުންވެސް އެކަމާ ނުރުހުން ފާޅުކުރައްވަމުން ގެންދެވި ގޮތް އިރާދަކުރެއްވިއްޔާ ސާފުކޮށް މި އިއްޒްތެރި މަޖިލީހަށާއި މި ރާއްޖޭގެ ރައްޔިތުންނަށް އެނގޭނެ ގޮތަށް އަޅުގަނޑު ހަމަޖައްސައިދޭނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ކޮވިޑް 19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރީ 2020 ވަނަ އަހަރުގެ ކުރީކޮޅެވެ. ބޯޑަރު އަލުން ހުޅުވާލީ ހަތަރު މަސް ފަހުން އެ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. ރާއްޖޭގެ ބޯޑަރު އަވަހަށް ހުޅުވުމަށާއި، ދެވަނަ ފަހަރަށް ބޯޑަރު ބަންދުކުރާ ދެކޮޅަށް ރައީސް ނަޝީދު ގެންދެވީ އޭރުވެސް ވަރަށް ބޮޑަށް ބާރު އަޅުއްވަމުންނެވެ.
މި ލިއުމާއި ގުޅޭ