ކޮޅުމަޑުލު އަތޮޅުން ރިސޯޓު ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ މަސައްކަތް ކުރިއަށްނުދާ މައްސަލާގައި ޓުއަރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރަން ތާވަލުކޮށްފިއެވެ.
މި ރަމަޟާން މަހު ބާއްވާ ފުރަތަމަ މަޖިލިސް ޖަލްސާ މާދަމާ އޮންނައިރު އެ ޖަލްސާގެ ތާވަލުގައިވާ ގޮތުން އެންމެ ފުރަތަމަ މާދަން އޮތީ މިނިސްޓާ އޮފް ޓުއަރިޒަމް ޑރ.މައުސޫމާ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ސުވާލުކުރެއްވުމެވެ.
ރިޔާޒު ސުވާލުކުރައްވަން ހުށަހަޅުއްވާފައިވަނީ ތ.އަތޮޅުގައި ރިސޯޓު ތަރައްޤީކުރުމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ރަށްތަކުގައި އެ ރިސޯޓު ތަރައްޤީކުރެވިފައި ނެތުމާއެކު، ބައެއް ރަށްރަށުގައި މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާތީ އެކަމުގައި ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ ގުޅޭ ގޮތުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ތ.އަތޮޅުގައި ރިސޯޓު ތަރައްޤީކުރަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ގިނަ ބައެއް ރަށްރަށުގައި މަސައްކަތްނުކުރެވި ހުރުމުން ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ ރަށްތައް ސަރުކާރަށް ނެގިއެވެ. އެފަދައިން ނަގާފައިވާ ބައެއް ރަށްރަށުގެ ބަދަލުގައި އިތުރު ރަށްތަކާއި ފައިސާވެއް ދީފައިވެއެވެ.
މާދަމާގެ މަޖިލީހުގެ އެޖެންޑާގައި އިތުރަށް އޮތީ ދިވެހިރާއްޖޭގެ ފޮރިން ސާވިސް ޤާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ އިބްތިދާއީ ބަހުސާއި، ކުންފުނީގެ ބިލުގެ ބަހުސާއި، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު ދިރާސާކޮށް ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ތައްޔާރުކުރި ރިޕޯޓު އިއްވުމެވެ.