Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިކްރާމް ޙަސަން

އިންޑިއާގައި މުސްލިމުންނަށް އަނިޔާކުރި ނަމަވެސް ރާއްޖެއިން ބަސްބުނުން މަޖުބޫރެއް ނޫން: އިކުރާމް

އިންޑިއާގެ ބައިމަދު މުސްލިމުންނަށް އެ ޤައުމުގެ އަޣުލަބިއްޔަތު ހިންދޫން އަނިޔާކުރި ނަމަވެސް އަދި އެކަމަށް އެ ޤައުމުގައި މިހާރު އޮތް ބީޖޭޕީ ސަރުކާރުން ހިތްވަރުދިން ނަމަވެސް ރާއްޖެއިން އެކަމުގައި ބަސްބުނުން މަޖުބޫރު ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ވިދާޅުވެއްޖެއެވެ.

މިފަދައިން އިކުރާމު ވިދާޅުވީ ދިވެހި ޗެނަލުން ގެނެސްދޭ "ހަރިހައްޓި" ޕްރޮގުރާމުގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވިދާޅުވެފައިވަނީ ރާއްޖެ އޮތީ އިންޑިއާ ދަށުވެފައިކަމަށް އަދި އެ ޤައުމުގެ އުގަށް ދިވެހިރާއްޖެ ވެއްޓިފައިވާކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. "އަޅުގަނޑު އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރަން އިނގޭތޯ އަޅުގަނޑުމެން މިއުޅެނީ އިންޑިއާގެ އުގަށް ވެއްޓިގެން ކަމަކަށެއް،" އިކުރާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އޭނާ އެފަދައިން ޤަބޫލުކުރައްވަނީ އިންޑިއާގެ ހައިކޮމިޝަނަރާއި އެ ޤައުމުގެ ހައިކޮމިޝަނުގައި މަސައްކަތްކުރާ އެހެން ބޭފުޅުންނާވެސް އޭނާއާ ބައްދަލުވާތީއެވެެ. އަދި ރާއްޖޭގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުވެސް މަސައްކަތްކުރައްވަނީ ހުރިހައި ޤައުމަކާއެކު ހަމަހަމަ ގުޅުމެއް ބާއްވައިގެން ކަމަށްވެސް އިކުރާމު ވިދާޅުވިއެވެ.

އިކުރާމުގެ މި ވާހަކަފުޅާ ގުޅިގެން އެ ޕްރޮގުރާމު ހުށަހެޅުއްވި ނޫސްވެރިޔާ އޭނާއާ ސުވާލުކުރައްވާފައިވަނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވާއިރު، އިންޑިއާގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް ހުރިހާ ދިވެހިންނަށް ފެންނަ ކަމަށެވެ. އެފަދަ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން ބަހުސްނުކުރެވެނީ ކީއްވެތޯއާއި އިންޑިއާގައި ހިނގާ މިފަދަ އަމަލުތައް ދިވެހި ސަރުކާރުން ކުށްވެރިނުކުރަނީ ކީއްވެތޯ އޭނާ ސުވާލުކުރެއްވިއެވެ. އަދި އެކަންކަމަށް ބަލައި އިންޑިއާގެ އުގަށް ރާއްޖެ ވެއްޓިފައިވާ ކަމަށް ނުބުނެވޭނެތޯ ސުވާލުކުރެއްވިއެވެ.

ނޫސްވެރިޔާގެ ސުވާލަށް ޖަވާބުދެއްވަމުން އިކުރާމު ވިދާޅުވީ އެއްވެސް ތަނެއްގައި ކަމެއް ގޯސްކޮށް ހިނގުމަކީ ގޯހެއް ކަމަށެވެ. އަދި މުސްލިމުންނަށް އިންޑިއާގައި ކުރާ އަނިޔާތަކާމެދު ކަންބޮޑުވާ މީހުން އެ ޤައުމުގައި އެބައުޅޭ ކަމަށެވެ. އެކަންކަމާމެދު ކަންބޮޑުވާ މީހުންގެ ތެރޭގައި އެ ޤައުމުގެ މުސްލިމުންގެ އިތުރަށް ހިންދޫންވެސް ހިމެނޭ ކަމަށް އިކުރާމު ވިދާޅުވިއެވެ.

އަދި އިންޑިއާއަކީ އަބަދުވެސް ރާއްޖެއަށް އެންމެ ފުރަތަމަ އެހީތެރިވާ ޤައުމުކަން ހުރިހާ އެންމެންވެސް ޤަބޫލުކުރާނެ ކަމަށާއި، އަދި އިންޑިއާއާއި ރާއްޖޭގެ މެދުގައި އޮންނަ ގުޅުމާއި، އެ ޤައުމުން ރާއްޖޭގެ އިޤުތިޞާދަށް ވެދެމުންދާ އެހީތެރިކަމަކީ މިއަދުގެ އިންޑިއާ ސަރުކާރުން އަދި ކުރީގެ އިންޑިއާ ސަރުކާރުތަކުންވެސް ވެދެމުން އައި އެހީތަކެއް ކަމަށް އިކުރާމު ވިދާޅުވިއެވެ.

އިންޑިއާގެ އެހީތެރިކަން ފާހަގަކުރެއްވުމަށްފަހު އިކުރާމު ވިދާޅުވީ އުސޫލެއްގެ ގޮތުން އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ސިޔާސަތެއްގެ ގޮތުން އެއިރެއްގައި އޮންނަ އިންޑިއާ ސަރުކާރަކުން ބޭނުންވާ ގޮތަކަށް ކަންތައްތަކެއް ކުރުމަކުން، ސީދާ އިންޑިއާ ދިމާލަށް އެއްޗެއްހި ކިއުމަކީ ކޮންމެހެން މަޖުބޫރު ކަމެއް ނޫން ކަމަށެވެ.

"އެ ވަގުތެއްގައި އޮންނަ ސަރުކާރަކުން އެ ބޭފުޅުން އެންމެ ހިތްހަމަޖެހޭ ގޮތަށް ކަންތައްތަކެއް ކޮށްފާނެ. އެހެންނަމަވެސް އުސޫލެއްގެ ގޮތުން އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑުމެން ސިޔާސަތު ގެންގުޅޭ ގޮތުން ސީދާ އިންޑިއާއާ ދިމާލަށް އެއްޗެހި ކިއުމަކީ މި ވަގުތު ކުޑަ ޤައުމަކަށްވެ، އަޅުގަނޑުމެންނަށް އެހައި އެހީތެރިވަމުންދާ ޤައުމަކަށްވާއިރުގައި އެއީ އަޅުގަނޑުމެން ކޮންމެހެން ކުރުން މަޖުބޫރުކަމެއް ނޫންހެން ހީވަނީ،" އިކުރާމު ވިދާޅުވިއެވެ.

އިންޑިއާގައި ދިރިއުޅޭ މުސްލިމުންނަށް އެ ޤައުމުގެ މިނިވަންކަމުގެ ތާރީޚުގައި ދުވަހަކުވެސް އަނިޔާވެރިކަން ތަހައްމަލުކުރަން ނުޖެހޭ މިންވަރަށް ބީޖޭޕީގެ ވެރިކަމުގައި އަނިޔާވެރިކަން ތަހައްމަލުކުރަން ޖެހިފައިވާއިރު، އެއިން ކަމެއްގައި ރާއްޖޭގެ ސަރުކާރުން އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތު އޮންނަ ވެރިކަންކުރާ އެމްޑީޕީންވެސް ބަހެއް ބުނެފައިނުވާކަން ފާހަގަކުރެވެއެވެ.

މި ލިއުމާއި ގުޅޭ