Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސަލްމާން މިސްކިތް

ފަތިސް ނަމާދަށް ކަރަންޓު ނުދެވި، ސަލްމާން މިސްކިތުގައި ނަމާދުކުރީ ކަނު އަނދިރީގައި

އިއްޔެ ޖަމާޢަތުގެ ނަމާދުކުރަން ފެށި ކިންގް ސަލްމާން މިސްކިތުގައި މިއަދު ފަތިސް ނަމާދު ޖަމާޢަތުގައި ކުރީ، ކަރަންޓު ނެތުމުގެ ސަބަބުން ކަނު އަނދިރީގައެވެ.

ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން ބިނާކުރި ސަލްމާން މިސްކިތުގައި ނަމާދުކުރަން ފަށާފައިވަނީ މިސްކިތް ބިނާކޮށް ނިމިފައި ހުންނަތާ ތިން ވަރަކަށް އަހަރު ފަހުން އިއްޔެއެވެ. އެ މިސްކިތުގައި އެންމެ ފުރަތަމަ ކުރީ އިއްޔެގެ ހުކުރު ނަމާދެވެ.

މިއަދު މިސްކިތުގައި ފުރަތަމަ ފަހަރަށް ފަތިސް ނަމާދު ޖަމާޢަތުގައި ކުރިއިރު އެ ވަގުތު މިސްކިތުގައި ކަރަންޓު ނެތުމުގެ ސަބަބުން ނަމާދުކުރަންޖެހުނީ ކަނު އަނދިރީގައެވެ. އެކަމާ ގުޅިގެން ބައެއް އާންމުންވަނީ މީސްމީޑިއާގައި އިސްލާމިކް މިނިސްޓްރީއަށް ވަރަށް ބޮޑަށް ފާޑުކިޔައި މިނިސްޓްރީގެ އިންތިޒާމުތައް ދޯދިޔާކަން ފާހަގަކޮށްފައެވެ.

މިކަމާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފުރާހު ވިދާޅުވީ މިސްކިތުގައި ފަތިސް ނަމާދު ވަގުތުގައި ކަރަންޓު ނެތީ މިސްކިތުގެ ކޮމްޕިއުޓާ ސިސްޓަމް ބޭނުންކޮށްގެން ކަރަންޓު ޖައްސަންޖެހޭ މުވައްޒަފަށް ނާދެވުމުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ މިސްކިތުގައި ކަރަންޓު ފޯރުކޮށްދެނީ ކޮމްޕިއުޓާ ސިސްޓަމެއް ބޭނުންކޮށްގެންނެވެ. އަދި ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލައެއް ތަކުރާރުނުވާނެ ގޮތަށް މިނިސްޓްރީން އިންތިޒާމު ހަމަޖައްސާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މިސްކިތުގެ ފުރަތަމަ ދެ ފަންގިފިލާގައި އެކަނި އެއްފަހަރާ 4،000 މީހުންނަށް ނަމާދުކުރެވޭނެއެވެ. އަދި މިސްކިތުގެ ތިންވަނަ ފަންގިފިލާގައި 4 ކިލާސް ހުންނާނެއެވެ. ފަސްވަނަ ފަންގިފިލާގައި 300 މީހުންގެ އޮޑިޓޯރިއަމަކާއި ކުތުބުޚާނާއެއް ހުންނާނެއެވެ. އަދި މިސްކިތުގެ ފަންގިފިލާތަކަށް އެރުމަށް ލިފްޓު ބަހައްޓާފައި ހުންނާނެއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި އެޅި މި މިސްކިތް ބިނާކުރުމަށް ޚަރަދުކުރި ފަންސަވީސް މިލިއަން އެމެރިކާ ޑޮލަރުގެ ތެރެއިން 14.5 މިލިއަން ޑޮލަރު ސައުދީ ސަރުކާރުން ހަދިޔާކުރިއިރު ބާކީ ފައިސާއަކީ ދިވެހި ދައުލަތުން ކުރި ޚަރަދެވެ.

ސަލްމާން މިސްކިތުގައި ނަމާދުކުރަން ފެށި ނަމަވެސް އެ މިސްކިތް ހުޅުވުމަށް ރަސްމިއްޔާތެއް ބާއްވާފައިނުވެއެވެ. އަދި ރަސްމީކޮށް އެ މިސްކިތް ހުޅުވާފައިނުވާއިރު މިސްކިތުގައި ހުރި ގިނަ ވަސީލަތްތައް އަދިވެސް ބޭނުންނުކުރެވެއެވެ.

މި ލިއުމާއި ގުޅޭ