ދިވެހިންގެ ދިރިއުޅުމާއި ހަގީގީ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ނޫސްވެރިޔާ އަދި ލިޔުންތެރިޔާ އަހްމަދު ޝިޔާމު ލިޔުއްވި "ތިރީސް ކުރުވާހަކަ" ފޮތް މިއަދު ނެރެފި އެވެ.
އެ ފޮތުގައި ޝިޔާމްގެ ޒުވާން ދުވަސްވަރު ދިމާވެފައިވާ އެކިއެކި ކަންކަމުގެ ހަގީގީ ވާހަކަތަކާއި ރަޙުމަތްތެރިންނަށް ދިމާވެފައިވާ ބައެއް ކަންކަމުގެ ވާހަކަތަކުގެ އިތުރުން ހިޔާލީ ވާހަކަތައް ހިމަނާފައިވެ އެވެ.
އެ ފޮތުގައި ލިޔެފައިވާ ކޮންމެ ހިޔާލީ ވާހަކައެއްވެސް އުފެދިގެން އައިސްފައިވަނީ ޝިޔާމް ވިދާޅުވި ގޮތުގައި ވަކި ކަމަކާ ގުޅިގެން ނުވަތަ އެކި ތަންތަނުން ފެންނަ މީހުންނާއި ކަންކަމުން ހިޔާލު ނަގައިގެންނެވެ.
"މީގަ ހުންނާނެ ވާހަކަތަކަކީ އާންމުކޮށް އަހަރެމެންގެ ކުރީގެ ދިރިއުޅުމުގައި ދިމާވެފައި ހުރި ކަންކަމާއި އޭރުގެ ހާލަތާއި ރަށްރަށުން މާލެ އައިސް ކިޔަވަން ތިބޭ ކުދިންނަށް ދިމާވާ ކަންކަމުގެ އިތުރުން މާލޭގެ މިހާރުގެ ދިރިއުޅުމުގެ ހާލަތާއި އަދި ހަމަ ލޯބީގެ ހަގީގީ ވާހަކަތަކާއި ހާދިސާތައްވެސް ހުންނާނެ. މިއީ ވާހަކަ އުފެދިގެން އަންނަ ގޮތް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ޝިޔާމް ވިދާޅުވި އެވެ.
ލިޔުންތެރިޔާ ޝިޔާމް ގެ "ތިރީސް ކުރުވާހަކަ" ފޮތް---
"ތިރީސް ވާހަކަ" ނޮވެލްޓީ އާއި އަޝްރަފީ ބުކްޝޮޕުން މާދަމާ މެންދުރުފަހުން ގަންނަން ލިބެން ހުންނާނެ އެވެ. އޭގެ އިތުރުން 100 ރުފިޔާއަށް ވިއްކާ އެ ފޮތް 7791727 ނަންބަރަށް ގުޅައިގެން ވެސް މިހާރު އޯޑަރު ކުރެވޭނެ އެވެ.
ފޮތަކަށް އެއްކޮށްލާފައިވާ ޝިޔާމްގެ ކުރުވާހަކަތައް މިދިޔަ އަހަރުގެ ރޯދަ މަހު މާލޭގައި ނުކުންނު ދުވަހު ނޫހަކުން އެކި ދުވަސްތައް މަތިން ޝާއިއުކޮށްފައިވެ އެވެ.
ލިޔުންތެރިޔާ ޝިޔާމް ގެ "ތިރީސް ކުރުވާހަކަ" ފޮތް---
ލިޔުންތެރިކަމާއި ނޫސް ވެރިކަމުގެ ދާއިރާއަށް ޝިޔާމް ވެންނެވީ މީގެ 35 އަހަރު ކުރިން 1980 ގެ މެދުތެރޭގެ އަހަރު ތަކުގަ އެވެ. ވާހަކަ ލިޔުމުގެ ޝައުގުވެރިކަން އުފެދުނީ ޝިޔާމް ވިދާޅުވި ގޮތުގައިއިބްރާހިމް ހުސެން މަނިކާއި، މަޑުލު މުހައްމަދު ވަހީދުގެ ކުރުވާހަކަތަކަށް ދެވުނު ހިފެހެއްޓުމެއް ނެތް ޝައުގު ވެރިކަމުގެ ތެރެއިންނެވެ.
ޝިޔާމް އެންމެ ފުރަތަމަ ލިޔުނު ވާހަކަ، "އިބްރާހީމްގެ ހުވަފެން" ފޮތެއްގެ ސިފައިގައި ބާޒާރަށް ނެރުނީ 2017 ވަނަ އަހަރު އެވެ. އެ ވާހަކައަށް ފަސް އަހަރު ފަހުން، އަލުން "ތިރީސް ކުރުވާހަކަ" އިގެ ނަމުގައި ނެރުނު ފޮތަކީ ޝިޔާމްގެ ދެވަނަ ވާހަކަ ފޮތެވެ.
މީގެ 35 އަހަރު ކުރިން ޝިޔަމް ފުރަތަމަ ލިޔުއްވަން ފެއްޓެވީ އެކި ނޫސްތަކަށެވެ. އެގޮތުން "ހަވީރު" ނޫހުގެ ޒުވާނުގެ ސޮފުހާ ތައްޔާރު ކުރައްވަން ފެއްޓެވި އެވެ. އޭގެ ފަހުން "އާފަތިސް" އަށާއި "ފުރަދާނަ" ނޫހަށް ލިޔުއްވުމުގެ އިތުރުން "ފިޔެސް" މަޖައްލާގެ އެޑިޓަރުކަމާއި މަސްއޫލު ވެރިކަން ޝިޔާމް ވަނީ ކުރައްވާފަ އެވެ. އަދި ލިޔުންތެރިންގެ ގުޅުމުގެ އޮންލައިންނަށް ވެސް ޝިޔާމް ލިޔުއްވަ އެވެ.
އޭގެ އިތުރުން ސިނަމާލެ ބްރިޖާ ގުޅޭ ގޮތުން މިހާތަނަށް ލިޔެވުނު ހަމަ އެކަނި ފޮތުގެ އެއް މުސައްނިފަކީ ވެސް ޝިޔާމެވެ. އަދި އެމްޓީސީސީ ކާމިޔާބު 40 އަހަރު ގެ ފޮތް ލިޔުއްވީ ވެސް ޝިޔާމެވެ.