ލީކުވެފައިވާ، އުތުރުތިލަފަޅުގައި އިންޑިއާއިން ތަރައްޤީކުރަމުންދާ އަސްކަރީ މަރުކަޒުގެ ކުރެހުންތަކަކީ މިހާރުގެ ކުރެހުންތަކެއް ނޫން ކަމަށް މިނިސްޓްރީ އޮފް ޑިފެންސްއިން ބުނެފިއެވެ.
މި ކުރެހުންތަކަކީ އިންޑިއާއިން ދިވެހި ސަރުކާރަށް ފޮނުވި ޓާމްސް އޮފް ރިފަރެންސްގައި ހިމެނޭ ކުރެހުންތަކެވެ. އެ ޓާމްސް އޮފް ރިފަރެންސް "ދިޔަރެސް"އަށް ލިބުމާ ގުޅިގެން މި ނޫހުންވާނީ އެ ކުރެހުންތައް އާންމުކޮށްފައެވެ.
އެ ކުރެހުންތަކުގެ އިތުރަށް އެ ޓާމްސް އޮފް ރިފަރެންސްގައި ހިމެނޭ ބައެއް އިތުރު ބައެއް މައުލޫމާތު "ދިޔަރެސް"އިން އާންމުކޮށްފައިވާނެއެވެ. އިންޑިއާއިން ދިވެހި ސަރުކާރަށް ފޮނުވި ޓާމްސް އޮފް ރިފަރެންސްގައި ބުނެފައިވަނީ އުތުރުތިލަފަޅުގައި ކަނޑުގެ އަސްކަރިއްޔާގެ މަރުކަޒެއްގެ ހުރިހާ ސިފަތަަކެއް ހުރެއެވެ. އެ ޓާމްސް އޮފް ރިފަރެންސްއިން "ދިޔަރެސް"އަށް ލިބިފައިވާ ސަފުހާތަކުގައި އެއިން ބައެއް ފެސިލިޓީތަކުގެ ތަފުސީލުތައް ހިމަނާފައިވެއެވެ.
"ދިޔަރެސް"އިން ހާމަކުރި ކުރެހުންތަކަކީ މިހާރުގެ ކުރެހުންތަކެއް ނޫންކަމަށް ޑިފެންސް މިނިސްޓްރީން ބުނި ނަމަވެސް މިހާރުގެ ކުރެހުންތައް ޑިފެންސް މިނިސްޓްރީން ހާމަކޮށްފައިނުވެއެވެ.