Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިމިނަލް ކޯޓު

ޖިނާއީ ދައުވާ ނުކުރާނެ ކަމަށް ސަރުކާރުން ބުނި: އައްމަޓީ

ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި މައްސަލާގައި ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)ގެ މައްޗަށް ޖިނާއީ ދައުވާ ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން ކަމަށް އޭނާ ކްރިމިނަލް ކޯޓުގައި ބުނެފިއެވެ.

ފްލެޓް އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު ފްލެޓް އަޅައިނުދީ އަދި ފައިސާއަށް ޚިޔާނާތްތެރިވިކަމަށް ބުނެ އައްމަޓީގެ މައްޗަށް ޚިޔާނާތުގެ 42 ދައުވާއެއް ދައުލަތުން ކުރެއެވެ.

އެ މައްސަލާގައި އޭނާ ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފަހު ކްރިމިނަލް ކޯޓުން މިއަދު ވަނީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލައިފައެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އައްމަޓީ ބުނީ ފްލެޓް އެޅުމަށްޓަކައި ސީލައިފާއި އެޗްޑީސީއާ އެކު ހެދި އެއްބަސްވުމާ ޚިލާފްވީ އެޗްޑީސީން ކަމަށާއި އޭރު ސީލައިފުން ފައިސާ ނެގި މީހުންގެ ތެރެއިން ފައިސާ ނުދެވި ހުރި މީހުންނަށް ފައިސާ ދިނުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތާއި ރައީސް އޮފީހުގެ އިސްވެރިން ހިމެނޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި އޭނާއާ ފޯނުން މަޝްވަރާކޮށް، އެއްބަސްވުމަކަށް އައި ކަމަށެވެ.

އައްމަޓީ ބުނިގޮތުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއާ ވެސް އޭނާ ގިނަ މެސެޖްތަކެއް ބަދަލުކޮށް، ވާހަކަތަކެއް ދައްކާފައިވެއެވެ. އޭނާ ބުނީ ރާއްޖެއިން ބޭރުގައި ހުއްޓާ ވެސް އެ މައްސަލައާ ގުޅިގެން އަލީ ޒާހިރުއާ ވާހަކަ ދެއްކިކަމަށެވެ.

މިކަމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ސުވާލުކުރައްވާފައިވަނީ ޖިނާއީ ދައުވާ ކުރުމާ ބެހޭގޮތުން އެ ބައްދަލުވުންތަކުގައި އެއްވެސް މަޝްވަރާއެއް ކުރެވުނުތޯއެވެ. ޖަވާބުގައި އައްމަޓީ ބުނީ އެ މައްސަލާގައި ޖިނާއީ އެއްވެސް ދައުވާއެއް ނުކުރާނެކަމަށް ރައީސް އޮފީހުން އޭރު ބުނިކަމަށެވެ.

މިކަމާއިގުޅިގެން ދައުލަތުން ބުނީ ރައީސް އޮފީހުން މަޝްވަރާކުރީ އާންމުންގެ ފައިސާ ހިމެނޭ ކަމަކަށްވާތީ އެ މީހުން މަސްލަހަތު ހިމާޔަތް ކުރުމަށް ކަމަށެވެ. ދައުލަތުން ބުނިގޮތުގައި އެ މަޝްވަރާތަކާއި ޖިނާއީ ދައުވާތަކާ ގުޅުމެއް ނެތެވެ. އަދި އައްމަޓީއަށް ދައުވާކުރީ ފުލުހުންގެ ތަހުގީގަށް ފަހު ހެކި ލިބުމުން ކަމަށްވެސް ދައުލަތުން ބުނެފައިވެއެވެ.

މީގެއިތުރުން އައްމަޓީގެ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ ސީލައިފްގެ އެއްބަސްވުން އެޗްޑީސީން ބާތިލްކުރީ ގޯސްކޮށް ކަމަށް ރައީސް އާއި އޭޖީ ރިފްއަތާއި އިތުރު ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވާ ރައީސް އޮފީހުގެ ކޮމެޓީއަކުން މިދިޔަ އަހަރު ނިންމުމަށް ފަހު އެޗްޑީސީއަށް އެކަން އަންގާފައި އެބައޮތް ކަމަށާއި އެގޮތަށް އެންގީ ގާނޫނީ ލަފާ ވެސް ހޯދުމަށް ފަހު ކަމަށް ރައީސް އޮފީހުން އޭރު ބުނިކަމަށެވެ.

މިކަމާއިގުޅިގެން ދައުލަތުން ބުނީ އެ ސިޓީ އަކީ ސީލައިފާ އެކު ރައީސް އޮފީހުން ކުރި މަޝްވަރާތަކަށް ފަހު އެޗްޑީސީން ދެކޭ ގޮތް ހާމަކުރަން އެދި ރައީސް އޮފީހުން ފޮނުވި ސިޓީއެއްކަމަށާއި އެ ސިޓީއާ ގުޅިގެން އެޗްޑީސީން ތައްޔާރުކުރި ރިޕޯޓެއްގައި، އެޗްޑީސީގެ އެއްވެސް ގޯހެއް ނެތްކަން ސަބަބާ އެކު ބުނެދީފައި އެބައޮތް ކަމަށެވެ. ދައުލަތުން ބުނީ ފުލުހުންގެ ތަހުގީގުގެ ތެރެއިން ވެސް އެކަންކަން ވަރަށް ރަނގަޅަށް ބެލި ކަމަށެވެ.

މީގެއިތުރުން މިއަދުގެ އަޑުއެހުމުގައި ކުންފުންޏަކުން ހިންގި މުއާމަލާތަކާ ގުޅިގެން ކުންފުނީގެ ޑިރެކްޓަރުގެ މައްޗަށް ފަރުދީ ގޮތުން ދައުވާ ކުރެވޭނެ ކަމާ މެދުވެސް ބަހުސްކޮށްފައިވެއެވެ. މިކަމާއިގުޅިގެން ނިހާޔަތު ވިދާޅުވީ ކުންފުންޏަކުން ހިންގާ މުއާމަލާތަކާ ގުޅިގެން ޑިރެކްޓަރަކު ފަރުދީ ގޮތުން ޒިންމާ ކުރުވޭނީ ކުންފުނީގެ ޝަހްސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަން ސާބިތުވުމުންކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށާއި އެހެންވެ، އައްމަޓީގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނީ ސިވިލް ކޯޓުގައި އެކަން ސާބިތުވުމުން ކަމަށެވެ.

މިކަމާއިގުޅިގެން ދައުލަތުން ބުނީ އެކަން ސާބިތުކުރަން ސިވިލް ކޯޓަށް ދިއުން ލާޒިމް ނޫން ކަމަށާއި އެ މައްސަލާގެ ތެރެއިން ކްރިމިނަލް ކޯޓަށް ވެސް އެކަން ކުރެވޭނެ ކަމަށެވެ. ދައުލަތުން ބުނިގޮތުގައި އެކަން ނުކުރެވޭނެ ކަމަށް ގާނޫނުގައި ނެތެވެ.

އޭގެއިތުރަށް ނިހާޔަތު ވިދާޅުވީ ބުކިން ފީ ނެގުމުގައި އައްމަޓީގެ އިތުރުން ކުންފުނީގެ ފަރާތުން އެހެން ބަޔަކު ވެސް ބައިވެރިވި ކަމަށްވާއިރު އެއިން އެއްވެސް ބަޔަކަށް އަދި ކުންފުނީގެ މައްޗަށް ވެސް ދައުވާ ކުރުމެއް ނެތި ހަމައެކަނި އައްމަޓީއަށް ދައުވާ ކުރުމަކީ ތަފާތު ކުރުމެއް ކަމަށެވެ. ނިހާޔަތު ވިދާޅުވީ އައްމަޓީ އޭރު ކަންކަން ކުރަމުން ދިޔައީ އެ މަޝްރޫއުއާ ގުޅިގެން ކުންފުނީގެ ބޯޑުން ދީފައިވާ ހުއްދައެއްގެ ދަށުން ކަމަށް ވާއިރު، އެ ހުއްދަ އަނބުރާ ގެންގޮސްފައި ވެސް ނެތް ކަމަށެވެ.

މި މައްސަލައާ ގުޅިގެން ގާޒީ ނިންމެވީ އެ މައްސަލަ މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެކަމަކު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އައްމަޓީގެ ފަރާތުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކެއް ހުށަހަޅާފައިވާތީ އެއާ މެދު ގޮތެއް ނިންމަން އަންނަ މެއި މަހު އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ