Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

އުތުރުތިލަފަޅުގެ މިލްކުވެރިކަން ދިވެހި ދައުލަތަށް އޮތީ ރައީސްގެ ގޮނޑީގެ މިލްކުވެރިކަން އޮތް ގޮތަށް: ރައީސް ޔާމިން

އިންޑިއާ އަސްކަރިއްޔާގެ އެހީތެރިކަމާއެކު ތަރައްޤީކުރަން ނިންމާފައިވާ އުތުރުތިލަފަޅުގެ މިލްކުވެރިކަން ދިވެހި ދައުލަތަށް އޮތީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިކޮޅުގެ މިލްކުވެރިކަން ދިވެހި ދައުލަތަށް އޮތް ގޮތަށް ކަމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ އިސްނެންގެވުމަށް އިދިކޮޅު އިއްތިހާދުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތަށް ތާއީދު ހޯއްދެވުމުގެ ގޮތުން ޅ.ނައިފަރަށް ވަޑައިގެން އެ ރަށުގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ އުތުރުތިފަޅަކީ ދިވެހި ސިފައިންގެ ބާރު ހިނގާ ގޮތަށް ދިވެހި ސަރުކާރުގެ ބަސް ހިނގާ ގޮތަށް އޮތް ތަނެއް ނޫން ކަމަށް ކަމުގައެވެ. އަދި މިއަދުވެސް ތަކުރާރުކޮށް ވިދާޅުވާން އޮތީ އުތުރުތިލަފަޅަކީ އެތަނުގެ މައްޗަށް ދިވެހި ދައުލަތުގެ ބާރު ހިނގާ ތަނެއް ނޫން ކަމަށް ކަމުގައިވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އިމާރާތްކުރުމާއި ހިންގުމާއި އެހުރިހައި ކަމެއް އެ އޮތީ އިންޑިއާ އަސްކަރިއްޔާއަށް ދޫކޮށްލާފައި،" އުތުރުތިލަފަޅުގެ މައްޗަށް ދިވެހި ދައުލަތުގެ ބާރު ނުހިނގާނެކަން ހާމަކުރައްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

އުތުރުތިލަފަޅުގައި ތަރައްޤީކުރާ ކަނޑުގެ އަސްކަރީ ބަނދަރަށް އިންޑިއާގެ އުޅަނދުފަހަރު އަންނަން ހުއްދައެއް ނަގަންނުޖެހޭނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މީގެ ކުރިން އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި އޮތީ އެތަނަށް އަންނަ އުޅަނދު ރާއްޖެއަށް އަންނާނީ ޑިޕްލޮމެޓިކް ކްލިއަރެންސް ނަގައިގެން ބަނދަރުކުރުމުގެ ހުއްދަ ހޯދައިގެން ކަމަށް ކަމުގައިވީ ނަމަވެސް އެއީ އެކަން އޮތް ގޮތް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

"އެއީ ޚާއްޞަ އެގްރީމެންޓެއް. ޚާއްޞަ އިމްތިޔާޒުތަކެއް ދީފައި އެއޮތީ. އާންމު އުސޫލަކީ ރާއްޖެއަށް ބޭރުގެ މަނަވަރެއް، ބޭރުގެ ބޯޓެއް އަންނަންޏާ އެ ވިދާޅުވާ ގޮތަށް ޑިޕްލޮމެޓިކް ކްލިއަރޭންސް ނަގަންޖެހޭނެ. އަދި ނަގަންވާ ހުއްދަތައް ނަގަންޖެހޭނެ. މި ހުއްދަތައް މިހުރީ އިސްވެ އެގްރީމެންޓެއްގެ ތެރެއިން މި މީހުންނަށް [އިންޑިއާއަށް] ދީފައި. އެހެންވީމާ މި އެއްބަސްވުމުގެ ދަށުން ހުއްދައެއް ނަގަން ނުޖެހޭނެ. ހަމަ އިންފޯމް ކުރަންޖެހެނީ. އަދިވެސް އެ އިބާރާތް އޮތީ އިންފޯމްކުރާ ގޮތަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އަދި މިއަދު ވެރިކަމުގައި ތިބީ އިންޑިއާއަށް އަޅުވެތިވެފައިވާ ބައެއްކަމަށް ވިދާޅުވެ ރައީސް ޔާމީން ސުވާލުކުރެއްވީ އިންޑިއާއިން ކަމެއް ކުރުމަށް އެ ޤައުމުގެ ދަށުވެފައި ތިބި ބައެއްގެ ކިބައިން ހުއްދަ ނަގާނެތޯއެވެ. އަދި އެފަދަ ވާހަކައަކީ ބޯގޯސް ވާހަކައެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އުތުރުތިލަފަޅަށް ދިވެހި ދައުލަތުގެ ބާރު ނުހިނގާ ކަމަށް ވިދާޅުވުމުން ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އުތުރުތިލަފަޅަކީ ދިވެހި ދައުލަތުގެ ސައްތައިން ސައްތަ މިލްކުވެރިކަން އޮންނަ ތަނެއް ކަމަށް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ޑިފެންސްގެ އެ ވާހަކައާ އެއްބަސްވެވަޑައިގަންނަވާ ކަމަށާއި ޝައްކެއްވެސް ނެތް ގޮތުގައި އުތުރުތިލަފަޅަކީ ދިވެހި ދައުލަތުގެ މިލްކެއް ކަމަށާއި އެއީ ރައީސް އޮފީހުގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ ގޮނޑިކޮޅަކީވެސް ދިވެހި ދައުލަތުގެ މިލްކެއް ކަމުގައިވާ ފަދައިން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކަމަކު ގޮނޑީގައި އިށީންނަ މީހާއަކަށް އަމިއްލައެއް ކަމެއްް ކުރުމުގެ ސިޔާދަތީ ބާރެއް ނެތް. އެހެންނަމަވެސް ތެދެއްމެ އެ ގޮނޑިއަކީ ދިވެހި ސަރުކާރުގެ ގޮނޑިއެއް. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު. އެކަމަކު އެއަށް ބާރު ނުހިނގާ ވާހަކަ އަޅުގަނޑު މި ދަންނަވަނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

އިތުރު މިސާލެއް ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޑިއާގެ ޖީއެމްއާރަށް ދީފައިވެސް އެއާޕޯޓުގެ މިލްކުވެރިކަން އޮތީ ދިވެހި ދައުލަތަށް ކަމުގައި އެއިރުވެސް ބުނި ކަމަށާއި، ނަމަވެސް އެއްބަސްވުމުގެ ފުރަތަމަ ފަންސަވީސް އަހަރަށް އަދި އޭގެ ފަހުން ދިހަ ފަނަރަ އަހަރަށް، ނުވަތަ ޖީއެމްއާރުން އެއާޕޯޓުގައި ތިބިހައި ދުވަހަކަށް އެތަނުގެ މައްޗަށް ހިނގާނީ އެ ކުންފުނީގެ ބާރު ކަމަށެވެ.

ހަމައެފަދައިން އުތުރުތިލަފަޅުގެ މިލްކުވެރިކަން ދިވެހި ދައުލަތަށް އޮތް ނަމަވެސް އެތަނުގެ މައްޗަށް ހިނގާނީ އިންޑިއާގެ ބާރުކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި އެތަނުގެ މައްޗަށް ދިވެހި ސިފައިންނާއި ދިވެހި ސަރުކާރާއި ދައުލަތުގެ ބާރު ނުހިނގާނެ ކަމަށްވެސް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ