Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޔާމީން

ޕީޕީއެމް ސަރުކާރެއްގައި އިންޑިއާއާއެކު ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ބާތިލުކުރާނަން: ޔާމީން

ޕީޕީއެމްގެ ސަރުކާރެއްގައި އިތުރު އެއްވެސް ދިރާސާއެއް ނެތި އިންޑިއާއާއެކު ރާއްޖެއިން ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ބާތިލުކުރައްވާނެ ކަމަށް އިދިކޮޅު އިއްތިހާދުގެ ލީޑަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެގެން ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ގޮވައިލާ އިދިކޮޅު އިއްތިހާދުން، އެމަނިކުފާނުގެ އިސްނެންގެވުމަށް ފަށާފައިވާ "އިންޑިއާ އައުޓް" ހަރަކާތަށް ތާއީދު ހޯއްދެވުމަށް ޅ.ނައިފަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާއާ އެކު ވެފައިވާ އެއްވެސް އެގްރީމެންޓެއް އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާކަމަށާއި އިންޑިއާއިން ރާއްޖެއަށް ހިތްދަތިކަން ގެނެސް ރާއްޖޭގެ އެތެރޭގެ ހިނގުމާއި ބޭރުގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލްކުރަމުން އަންނަ ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ މިއަދުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ އެކި މުއައްސަސާތަކުގެ އެކި މަގާމްތަކަށް އަންނަންވާ މީހުންނާއި ދިވެހިންގެ ހާލަތު އޮންނަން ވާނެ ގޮތާއި މި ހުރިހާ ކަމެއްގައި ފަހުބަސް ބުނާ ބަޔަކަށް އިންޑިއާ ވެފައިވާކަމަށާއި އެ ސަބަބަށްޓަކައި އިންޑިއާއާއެކު ސަގާފީ އެގްރީމެންޓެއް އޮތަސް ޖެހޭނީ ބާތިލްކުރަންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ރާއްޖެއިން އިންޑިއާއާ އެކީ ކުރާނެ މަސައްކަތެއް ނެތްކަމަށާއި އެމީހުންގެ ވަސީލަތެއް ވެސް މިއަދު ދިވެހިން ބޭނުން ނުވާކަމަށެވެ.

"އެއީ ދިވެހިރާއްޖެއަށް މިހާ ހިތްދަތިކަން ގެނެސް ދިވެހިރާއްޖޭގެ އެތެރޭގެ ހިންގުމާއި ބޭރުގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރުމާއި މަގާމުތަކަށް އަންނަންވާ މީހުންނާއި ދިވެހީންގެ ހާލަތު އޮންނަންވާނެ ގޮތާއި މި ހުރިހާ ކަމެއްގައި ފަހުބަސް ބުނާ ބަޔަކަށް އިންޑިއާ މީހުން ބޭނުންވީމަ އެއީ 'ފުރުއްޕާ' ކަމެއް ނޫނޭ އަބަދުވެސް އަޅުގަނޑުމެން މި ދަނީ ބުނަމުން." ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެއިން އިންޑިއާއާއެކު އެއްބަސްވުންތައް ހަދާފައިވަނީ އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދުތަކަށް ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތި ރާއްޖެ ސަރަހައްދަށް ވަދެވޭނެ ގޮތަށްކަމަށާއި ދިވެހި ސަރުކާރަށް ހަމައެކަނި އިންޑިއާގެ އުޅަނދެއް ރާއްޖެ އަންނަކަން އަންގާލުމުން ފުދޭ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއީ މަކަރުން ފުރިގެންވާ އެއްބަސްވުންތަކެއް ކަމަށެވެ.

މި ލިއުމާއި ގުޅޭ