Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިނގެރޭސި އެމްޕަޔާ

އިނގިރޭސި އެމްޕަޔާގެ އަނިޔާވެރި ތާރީޚު: ފޮރުވާފައިވާ ހަގީގަތްތައް އެމެރިކާގެ މުއައްރިޚެއްގެ ގަލަމުން

އިނގިރޭސީން ދައުވާކުރާ ގޮތުގައި އިނގިރޭސި އިމްބްރާތޯރިޔާ (އެމްޕަޔާ)އަކީ ތަހުޒީބުގެ އަލިކަމެއް ނެތް، ޤާނޫނުގެ ހުކޫމަތުގެ ހިލަމެއްނުވާ މުޖުތަމަޢުތަކަށް، މިނިވަންކަމާއި ޤާނޫނުގެ ވެރިކަމާއި، ތަހުޒީބުގެ އަލިކަން ގެނެސްދިން ހަޟާރަތެކެވެ. އެ މިނިވަންކަމާއި ޤާނޫނުގެ ވެރިކަމާއި ތަހުޒީބުގެ އަލިކަން ގެނެސްދިނުމުގެ ތެރޭގައި އެ ޤައުމުތަކާއި މުޖުތަމައުތަކަށް ލިބުނު ގެއްލުމާއި އެ ޤައުމުތަކުގެ ވަސީލަތްތައް ނާޖާއިޒު ގޮތުގައި ބޭނުންކުރި ކުރުމަކީ އެއީ ހަވާސާގައި ހިނގި ކުދިކުދި ކަންކަމެވެ.

ނަމަވެސް އެމެރިކާގެ ހަވާޑް ޔުނިވާސިޓީގެ މުއައްރިޚު ކެރޮލައިން އެލްކިންސްގެ އައު ފޮތް "ލެގަސީ އޮފް ވައެލެންސް"އަކީ އިނގިރޭސީން މިހައިތަނަށް ދައްކަން ބޭނުންނުވި އެތައް ވާހަކައެއްގެ މައްޗަށް އެކުލެވޭ އިލްމީ ގޮތެކެވެ. އެ ފޮތުގައި ބުނެފައިވަނީ އަނިޔާވެރިކަމާއި ކުޝޫނަތްތެރިކަމަކީ (ވައެލެންސް) އިނގިރޭސި އިމްބްރާތޯރިއާގެ ހިތް ކަމަށެވެ. އެ ކުޝޫނަތްތެރިކަމަަކީ ބާރުވެރި މީހުން ނިކަމެތީންގެ މައްޗަށް ހިންގި ކުޝޫނަތާއި އަނިޔާއެވެ. ބާރުގެ ބޭނުންކޮށްގެން ގަދަބަދަވިކަމުން އަނިޔާވެރިކަން އިސްކޮށްގެން ކަންކަން ކުރުމަކީ އިނގިރޭސި އިމްރާތޯރިއާގެ އަސާސީ ސިފައެއްކަމަށް އޭނާ ލިޔުއްވައެވެ.

ކެރޮލައިންގެ ފޮތް ފައްޓަވަނީ 18 ވަނަ ޤަރުނުގައި އިންޑިއާގައި އޮތް އިނގިރޭސި އިމްބްރާތޯރިއާއިންނެވެ. އެ ހިސާބުން ފަށައިގެން މި ޒަމާނަށް އައިސް ހެންސްލޯޕް ޕާކްގައި ހުރި ސަރުކާރުގެ ސިއްރު ފެސިލިޓީއެއްގެ ތެރެއިން ފެނުނު އިސްތިއުމާރުގެ ޒަމާނުގެ ލިޔުންތަކާ ހަމަށް އޭނާ ދަތުރުކުރައްވައެވެ. ނަމަވެސް ފޮތުގެ މައިގަނޑު ސަމާލުކަން ހުއްޓިފައި އޮތީ، 19 ވަނަ ޤަރުނުގައި އިނގިރޭސި އިމްބްރާތޯރިއާ އޮތް ހާލަތުގެ މައްޗަށެވެ.

ލިޔުންތެރިޔާ ފުރަތަމަ ލިޔުއްވި ފޮިތް "އިމްޕީރިއަލް ރެކަނިން"އަކީ އިސްތިއުމާރާ ދެކޮޅަށް ކެންޔާގައި މަސައްކަތްކުރި މީހުންނަށް އިނގިރޭސި އިސްތިއުމާރުން ދިން އަނިޔާތައް ހާމަކޮށްފިން ފޮތެކެވެ. އެ ފޮތްވީ ގިނަ ބައެއްގެ މަޤުބޫލުކަން ލިބުނު ފޮތަކަށެވެ. އެ ފޮތުން ކެރޮލައިންއަށް ޕްލިޓްޒާ އިނާމުވެސް ލިބިވަޑައިގަތެވެ. އޭނާގެ ދެވަނަ ފޮތުގައިވެސް ބޭނުންކުރެއްވީ ފުރަތަމަ ފޮތުގައި ބޭނުންކުރެއްވި އޮނިގަނޑެވެ. ނަމަވެސް މިފަހަރު އެ އޮނިގަނޑު މުޅި ދުނިޔެއަށް ފަތުރައިލައްވައި ފުޅާކުރެއްވީއެވެ.

މި ފޮތުން ފެންނަ ގޮތުގައި އިންޑިއާއިން ފަލަސްޠީނުން އަދި އިރުމަތީ އެފުރިކާއާއި އެއަށްވުރެ ދުރުންވެސް ފެންނަން އޮތީ އިމްބްރާތޯރިއާގެ އަނިޔާވެރިކަމެވެ. 1900 - 1902 ގައިބ ބޮއާ ކުޑަކުދިން ކޮންސެންޓްރޭޝަން ކޭމްޕުތަކުގައި ބަންދުކުރުމާއި، 1919 ވަނަ އަހަރު އަމްރިޓްސާރުގައި ހިންގި ޤަތުލު އާންމާއި، 1950 ގައި ކެންޔާގައި މީހުންނަށް ދިން ލާއިންސާނީ އަނިޔާއަކީ ހަމައެކަނި ވަކިވަކިން ހިނގި އަނިޔާވެރި އަމަލުތަކެއް ނޫނެވެ. އިނގިރޭސި އިމްރާތޯރިޔާގެ ހިޔަނި އެޅުނު ކޮންމެ ފަސްގަނޑެއްގައިމެ އަނިޔާވެރިކަމުގެ އާހު އިހުސާސްކުރަންނުޖެހި ނުދެއެވެ.

އިނގިރޭސި އަސްކަރިއްޔާގައި ހިމެނޭ ރޯޔަލް އައިރިޝް ކޮންސްޓަލްބަރީގައި ތަމްރީނުކުރި ޑަގްލަސް ޑަފްއަކީ އެއިރު އަޔާލޭންޑުގެ މިނިވަންކަމަށް ހަނގުރާމަކުރި މީހުންނާ ދެކޮޅަށް އަނިޔާވެރި އުކުޅުތައް ބޭނުންކުރަން ދަސްކުރި މީހެކެވެ. އޭނާ ފަލަސްޠީނަށް ފޮނުވައިލުމުން އެ ޤައުމުގައިވެސް އެ އުކުޅުތައް އަރަބި ޤައުމީން (ނެޝަނަލިސްޓްސް)އާ ދެކޮޅަށް ބޭނުންކުރިއެވެ. އަމްރިޓްސާރުގައި މުޒާހަރާކުރި ބައެއް ޤަތުލުކޮށް ބިމާހަމަކޮށްލަން ޖެނެރަލް ރެޖިނާލްޑް ޑްޔާ 1919 ވަނަ އަހަރު އަމުރުކުރީ އިންޑިއާ މީހުންގެ ހިތްވަރު އެލުވައިލާ އަނިޔާވެރިކަމުގެ ކުރިމަތީ ކުޑަކަކޫޖައްސުވާށެވެ.

އުންސުރު ނުވަތަ ނަސްލާ ގުޅުންހުރި މަފުހޫމުތައް އިނގިރޭސި އިސްތިއުމާރުން ބޭނުންކުރީ އިސްތިއުމާރުގެ ދަށުގައި ތިބި މީހުންނަކީ "ތުއްތު ކުދިން"ގެ ދަރަޖައަށް ވައްޓައިލުމަށެވެ. އިނގިރޭސި އިސްތިއުމާރާ ފަލަސްޠީނުގައި ދެކޮޅުހެދި އަރަބިންނަކީ "ނޯޓީ ބޯއީސް" ނުވަތަ ބަސްނާހާ ކުދިންގެ ގޮތުގައި އިނގިރޭސި ސަރުކާރުން ކަނޑައެޅިއެވެ. އާޚިރުގައި ބަސްނާހާ ކުދިންނަށް ދިން އަދަބަކީ ބަހަކަށް އަރުވައި އެ ބަސް މައިނެއްގެ މަތިން ދުއްވައިލުމެވެ. ބަސް ގޮވައި އެ ބަހުގައި ތިބި މީހުންގެ ހަށިތައް ކުދިކުދިވެ ބުރަބުރައިގެންދިޔައެވެ. ފަހުން ބުރަބުރައިގެންގޮސް ވިއްސިވިހާލިވެފައިހުރި ހަށިތައް އެއްކޮށް ވަޅުލާން އެ ސަރަހައްދުގައި ހުރި އަވަށްތަކުގެ އަރަބިންނަށް މަޖުބޫރުކުރުވީއެވެ.

ކެރޮލައިންގެ ފޮތުގައި ސިފަކުރެއްވި ގޮތުގައި 20 ވަނަ ޤަރުނުގައި އިސްތިއުމާރު ނިމުމަކަށް އައިއިރުވެސް އިނގިރޭސި ވެރިން އިމްބްރާތޯރިއާ ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރިއެވެ. އެގޮތުން 1951 އިން 1964 ވަނަ އަހަރާދެމެދު އޮތް އިނގިރޭސި ސަރުކާރުން ކެންޔާގައި މައުމައު އިންޤިލާބީންނަށް ބޮޑެތި އަނިޔާތައް ދިނެވެ.

ކެރޮލައިންގެ ފޮތުގައި އޭނާ ފާހަގަކުރެއްވި ގޮތުގައި ޒަމާނީ އިމްބްރާތޯރިއާތަކަކީ ހަމައެކަނި އަނިޔާވެރިކަމާއި ކުޝޫނަތަށް ބަރޯސާވެގެން ހިންގޭ ކަންކަމެއް ނޫނެވެ. ނަމަވެސް އެ އިމްބްރާތޯރިއާތައް ކާމިޔާބުކަމާއެކު ދެމެހެއްޓުމަށް އިސްތިއުމާރުގެ ދަށުގައިވާ ޤައުމުތަކުން އެހީތެރިންނާއި މަދަދުވެރިންނަށް ބޭނުންވެއެވެ. އާންމު ސިއްހަތާއި ތައުލީމުގެ ނިޒާމުތައް ޤާއިމުކުރުމަކީ އިސްތިއުމާރުގެ ދަށުގައިވާ ގައުމަތަކުން މަދަދުވެރިން ހޯދުން ފަސޭހަކޮށްދޭ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ މުއައްރިޚު ކެރޮލައިން އެލްކިންސްގެ މި ފޮތަކީ ކިޔައިލުން ލާޒިމު ފޮތެކެވެ. ހުޅަނގުގެ ތާރީޚަށް ބެލުމެއް ނެތި، އަދި އިސްތިއުމާރުގެ ފަލްސަފާއާއި ފިކުރުތަކާމެދު ވިސްނުމެއް ނެތި ހުޅަނގުގެ ސަގާފަތަށް ދީލައިލާ މީހުންނަށް މިފަދަ ފޮތްތައް ބަލައި ދިރާސާކުރުމުން އަލިކަމުގެ ކަންޏެއް ނަމަވެސް ފޯރުން އެކަށީގެންވާތީއެވެ.

މި ލިއުމާއި ގުޅޭ