Sunday 7th Mar 2021
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެޑަމް ފަޒްނާ

މެޑަމް ފަޒްނާ މެރަތަން ފުރިހަމަކުރެއްވުމަށް ކުރެއްވި އުނދަގޫ ދަތުރު

ފަސްޓްލޭޑި މެޑަމް ފަޒްނާ މެރަތަންއެއް ފުރިހަމަކުރެއްވުން ވެގެންދިޔައީ ނޫސްތަކުގެ ފަލަ ސުރުޚީއަށް އެރި ކަމަކަށެވެ. އަމުދުން އެކަމަނާއަކީ މުޅި ދުނިޔޭގައިވެސް މެރަތަންއެއް ފުރިހަމަކުރެއްވި ދެވަނަ ފަސްޓްލޭޑީއެވެ. އެހެންވީމާ އެއީ ތާރީޚީ ކަމެކެވެ. ގިނަ ބައެއްގެ ޝައުޤުވެރިކަން ހުއްޓުނު ކަމެއްވެސްމެއެވެ. އެހެންކަމުން އެފަދަ ކާމިޔާބެއް ޙާޞިލުކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ވާހަކަ އޮޅުންފިލުވަން ގިނަ ބަޔަކު ބޭނުންވާނެއެވެ.
އެވާހަކަތައް މެޑަމް ފަޒުނާވަނީ އެކަމަނާގެ ފޭސްބުކް ޕޭޖުގައި ހިއްސާކުރައްވާފައެވެ. އެކަމަނާ ވިދާޅުވެފައިވަނީ އެކަމަށް މަސައްކަތްކުރާ ޓީމަކާއެކު، އަމިއްލަ މަސައްކަތުން އެމީހަކު އެދޭ ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނެ ކަމުގައެވެ. އަދި ކަމެއް ޙާޞިލުކުރުމަށް މަސައްކަތްކުރާއިރު ގިނަ ހުރަސްތަކެއް ކުރިމަތިވާނެ ކަމުގައާއި މަސައްކަތްކުރާ ވަފާތެރި ރަނގަޅު ޓީމެއް އޮތްނަމަ، އެދަތިތައް ގިރާކުރެވޭނެ ކަމުގައިވެސް މެޑަމް ވިދާޅުވިއެވެ.
ފަޒްނާ ވިދާޅުވި ގޮތުގައި އެކަމަނާ އެންމެ ފުރަތަމަ މެރަތަނެއްގައި ބައިވެރިވެވަޑައިގަތުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވީ ނިމުނު 2019ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. އެމަހުގައި އެވާހަކަ ހިއްސާކުރައްވާފައިވަނީ ފިޓްނަސް އިންސްޓަރަކްޓަރުން ކަމުގައިވާ މިސްތޮއާއި ޒިނާނުއާއެވެ. އަދި އެދެބޭފުޅުންގެ އެހީތެރިކަމާއެކު، އެކަމަނާ އެންމެ ފުރަތަމަ ތައްޔާރުވެވަޑައިގަތީ 2019ވަނަ އަހަރުގައި އޮތް މެރެތަނެއްގެ ދެބައިކުޅަ އެއްބައި ފުރިހަމަކުރެއްވުމަށް ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. އަދި އެކަމަނާ ވިދާޅުވި ގޮތުގައި އެއަހަރުގެ އޭޕްރީލް މަހުގައި އޮތް މެރަތަނެއްގެ ދެބައިކުޅަ އެއްބައި ފުރިހަމަަކުރެއްވިއެވެ.
އެކަމަނާ މިއަހަރު ފުރިހަމަކުރެއްވި މެރަތަން ފުރިހަމަކުރެއްވުމަށްޓަކައި ތަމްރީނުތައް ފާއިތުވި އަހަރުގެމޭމަހުގައި ފެއްޓެވިއެވެ. އަދި އެކަމަނާ ބޭރަށް ކުރައްވަން ޖެހިވަޑައިގެންނެވި ދަތުރުތަކުގެ ސަބަބުން އެކަމަނާގެ ތަމްރީނުތަކަށް ބުރެލެއް އެރިޔަނުދެއްވާ ކަމުގައި މެޑަމް ވިދާޅުވިއެވެ. އެގޮތުން މޮރީޝިއަސަށް ވަޑައިގެން ތަމްރީނުތައް ކުރިއަށް ގެންދެވުމުގެ ތެރޭގައި ފަޔަށް ލިބިވަޑައިގެންނެވި އަނިޔާއެއްގެ ވާހަކަވެސް މެޑަމް ހިއްސާކުރެއްވިއެވެ.
ކަކުލުގައި ވޭނެއް އިހުސާސެއް ކުރެއްވޭތީ ހަފުތާއަކަށް ތަމްރީނުތައް މެދުކަނޑުއްވައިލެއްވުމަށްފަހު، އަލުން ފެއްޓެވުމުންވެސް ތަދު އިޙުސާސުކުރެއްވޭތީ އެކަމަނާގެ އިންސްޓްރަކްޓަރު ޒަނީނުގެ ލަފާގެ މަތިން ޑޮކްޓަރަށް ދެއްކެވިއެވެ. ޑޮކްޓަރަށް ދެއްކެވުމުން އެކަމަނާގެ ކަކޫފުޅަށް އަނިޔާއެއް ލިބިފައިވާކަން އެނގިވަޑައިގެން 3-4 ހަފުތާއަށް ތަމްރީނު މެދުކަނޑުއްވައިލައްވަން ޖެހިވަޑައިގެންނެވި ކަމުގައިވެސް އެކަމަނާ ލިޔުއްވިއެވެ. އެމުއްދަތުގައި ޒިނާނު ހިތްވަރުދެއްވިކަން ފާހަގަކުރެއްވިއެވެ.
އަދި 2019ވަނަ އަހަރުގެ ސެޕްޓެންބަރުގައި 1.5 މޭލުގެ ދުވުމުގެ ޓެސްޓެ ހެއްދެވުމަށްފަހު އިތުރު ޚާއްޞަ ތަމްރީނުތަކެއް ފެއްޓެވި ކަމުގައިވެސް ފަޒްނާ ވިދާޅުވިއެވެ. އަދި ނޮވެންބަރު މަހުގައި 1.5 މޭލުގެ އިތުރު ޓެސްޓެއް ހެއްދެވި ކަމުގައާއި އެޓެސްޓުން އެކަށީގެންވާ މިންވަރުގެ ކުރިއެރުމެއް ފެނިވަޑައިގެންނެވި ކަމުގައިވެސް މެޑަމް ފަޒްނާ ވިދާޅުވިއެވެ. އަދި އެކަމަނާގެ ޓުރެއިނަރު މިސްތޮގެ އެދިވަޑައިގަތުމުގެ މަތިން އައު އަމާޒެއް ކަނޑައަޅުއްވައި 4 ގަނޑިއިރާއި 59 މިނިޓުން މެރަތަން ފުރިހަމަކުރެއްވުމަށް މަސައްކަތް ފެއްޓެވި ކަމުގައިވެސް ފަޒްނާ ވިދާޅުވިއެވެ. އެކަން ހަވާލުކުރެވުނީ ޝަންނައާއި ކަމުގައާއި އަދި ޝަންނަގެ އަމިއްލަ ތަމްރީނުތައް ދޫކުރުމަށްފަހު އެކަމަނާގެ ތަމްރީނުތަކަށް އެހީތެރިވި ކަމުގައިވެސް މެޑަމް ވިދާޅުވިއެވެ. އެގޮތުން 26 ކިލޯމީޓަރު ތަމްރީނުތަކާއި، 32 ކިލޯމީޓަރުގެ ތަމްރީނުތައް ކާމިޔާބު ކަމާއެކު ފުރިހަމަކުރެއްވި ކަމުގައިވެސް މެޑަމް ވިދާޅުވިއެވެ.
ޑިސެންބަރު މަހުގައި ދެވަނަ ހާލްފަ މެރަތަން ފުރިހަމަކުރެއްވީ ތައިލޭންޑުގައެވެ. ޗިއަންގމައިގައި އޮތް ދުވުމުގައި އެކަމަނާ ކުރިން މެރެތަނެއްގެ ދެބައިކުޅަ އެއްބައި ފުރިހަމަކުރެއްވި ވަގުތަށްވުރެ ހަލުއިކޮށް ފުރިހަމަކުރެއްވިއެވެ.
ނަމަވެސް ލާމުގައި އެކަމަނާ ބައިވެރިވެވަޑައިގަންނަވާ މެރަތަން އޮތް މަހުގެ ތެރޭގައި ރޯގާއެއް ޖެހިވަޑައިގެން، ހަށިގަނޑުގެ މަސްތަކުގައި އެކަށީގެންވާ މިންވަރަށް އޮކްސިޖަން ނުހުންނަ ކަމުގައި އިހުސާސްކުރެއްވިގެން ޑޮކްޓަރަށް ދެއްކެވިއެވެ. އެގޮތުން އައިޖީއެމްއެޗްގެ ކާޑިއޮލޮޖީ މަރުކަޒަށް ދައްކަވައި އެކަމަނާގެ ހާލުކޮޅު ރަނގަޅުކަން ޔަޤީންކުރެއްވިއެވެ. އަދި އެކަމަނާގެ ފުއްޕާމޭގެ ޓެސްޓުތަކެއް ހެއްދެވި ކަމުގައާއި އެޓެސްޓުތަކަށްފަހުގައި އިންހޭލަރެއް ބޭނުންކުރެއްވުމަށް ޑޮކްޓަރު ލަފާދެއްވި ކަމުގައިވެސް ފަޒުނާ ވިދާޅުވިއެވެ.
އަދި ލާމުގެ މެރަތަން ފައްޓަވައިގެން ވަކި ހިސާބަކަށް ވަޑައިގެންނެވުނުތަނާ ނޭވާ ކޮޅުންލައި، ދުވެވަޑައިގަތުން ހުއްޓަވައިލައްވަން ޖެހިވަޑައިގަންނަވަން ޖެހުނުކަމުގައާއި، އެހާލަތުގައި އިންހޭލަރު ބޭނުންކުރަން ހަދާންކޮށްދެއްވީ އެކަމަނާއަށް ތަމްރީނުގައި އެހީތެރިކަން ދިން ޝަންނައެވެ. އަދި އެވަގުތު މިސްތޮ އެހިސާބުގައި ހުރެ އެކަމަނާއަށް އިރުޝާދުދިން ކަމުގައާއި، މަޑުމަޑުން ހުރިހާ ކަމެއް ހަމަޖެހިވަޑައިގެން އެކަމަނާ ދުވެވަޑައިގަންނަވަން ފެއްޓެވި ކަމުގައިވެސް އެކަމަނާ ވިދާޅުވިއެވެ. އަދި އެވަގުތުގައި މަޑުމަޑުން ހިންގެވި ކަމުގައާއި އަކުނިވަޔަށް ދަމައިގެން އެކަމުގެ އުދަގޫވެސް ތަހައްމަލުކުރެއްވި ކަމުގައި ވިދާޅުވިއެވެ. ނަމަވެސް ފަހުން އިންސްޓްރަކްޓަރުންގެ އިރުޝާދުގެ ދަށުން ދުވެވަޑައިގެންނެވި ކަމުގައާއި އަދި ފަހުން އަކުނިވައަށް ދެމުމުގެ ތުރާލެއްވެސް ކުރިމަތިވެވަޑައިނުގެން ދުވެވަޑައިގަންނަވައި މެރެތަން ފުރިހަމަކުރެއްވި ކަމުގައި ވިދާޅުވިއެވެ.
އެކަމަނާގެ މިދަތުރުގެ ވާހަކަތައް ހިއްސާކުރައްވަމުން ވިދާޅުވީ އެކަމަނާއަށް އެންމެ ބޮޑަށް އިންސްޓްރަކްޓަރުންގެ ގޮތުގައި އެހީތެރިވެލެއްވި ޝަންނައާއި، މިސްތޮއާއި، ޒިނާނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އައިޖީއެމްއެޗުގެ ފިޒިއޮތެރަޕިސްޓު ޑރ.އޮގަސްޓައިނާއި، ކާރޑިއޮލޮޖީ ސެންޓަރުގެ ޑޮކްޓަރުންނާއި ފުއްޕާމޭ ޑިޕާޓުމެންޓުގެ ޑޮކްޓަރުންނާއި މުވައްޒިފުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އޭގެ އިތުރުން ދިވެހި ބޭހުގެ ފަރުވާއާއި އަޔުރވެޑިކް މަސާޖު ދެއްވި ދިޔާނާއަށްވެސް ޝުކުރު އަދާކުރެއްވިއެވެ.
އަދި އެކަމަނާގެ ތަމްރީނުތަކުގެ ތެރޭގައި އެކަމަނާގެ ސެކިއުރިޓީގައި ތިއްބަވާ އޮފިސަރުންނަށްވެސް ޝުކުރުއަދާކުރެއްވިއެވެ. އަދި ޚާރިޖީވަޒީރާއި، މޮރިޝިސްއާއި، ޖަޕާނާއި، ސްރީލަންކާއާއި ތައިލޭންޑުގެ ޗިއަންމައި ޝަހަރުގެ ފަރާތުން ބޭރަށް ކުރެއްވި ދަތުރުފުޅުތަކުގައި އެކަމަނާގެ ތަމްރީނު ކުރިއަށްގެންދެއްވޭނެ އިންތިޒާމުތައް ހަމަޖައްސައިދީފައިވާތީ ޝުކުރު އަދާކުރައްވާފައިވެއެވެ،
އޭގެ އިތުރުން މުލިއާގެ މުވައްޒަފުންނާއި، ރައީސް އޮފީހުގެ ފޮޓޯގުރާފަރުންނާއި ފުލުހުންނާއި އެމްއެންޑީއެފުގެ އޮފިސަރުންނަށް އެކަމަނާ ޝުކުރު އަދާކުރެއްވިއެވެ. އަދި ލާމު އަތޮޅުގެ މުޖުތަމަޢަށްވެސް އަކަމަނާވަނީ ޝުކުރު އަދާކުރައްވާފައިވެއެވެ.
އަދި ލާމު އަތޮޅަށް ވަޑައިގެން އެކަމަނާއާއެކު އެކަމަނާގެ އުފާފުޅުގައި ބައިވެރިވެވަޑައިގެން ދެއްވީތީ ޢާއިލާއާއި އެކުވެރިންނަށް ޝުކުރު އަދާކުރެއްވިއެވެ. ލާމު މެރެތަންއަށް ރައީސް ޞާލިޙުވެސް ވަޑައިގެންނެވިއެވެ.
މި ލިއުމާއި ގުޅޭ