Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތާރީޚު

ޤަދީމީ ލިޔުންތައް ދެނެގަތުމަށް އެހީތެރިވާނެ އާޓިފިޝަލް އިންޓެލިޖެންސްއެއް އުފައްދައިފި

ޤަދީމީ ގުރީސްގެ ލިޔުމަކުން މަދުވާ ބައެއް ދެނެގަނެ، އެ ލިޔުން ނިސްބަތްވާ ތާރީޚު ދެނެގަތުމުގައި އެހީތެރިވި އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްއެއް ދިރާސާކުރާ ފަރާތްތަކުން އުފައްދައިފިއެވެ. މިއާއެކު މާޒީ ދެނެގަތުމުގައި މެޝިން ލާނިންގެ އެހީތެރިކަން އަންނަނީ އިތުރުވަމުންނެވެ.

ދިރާސީ މަޖައްލާ ނޭޗާގައި ބާހިސުންގެ ގުރޫޕަކުން ލިޔެ ޝާއިއުކުރި ކަރުދާހެއްގައި ބުނެފައިވަނީ ޤަދީމީ ގުރީކުގެ ލިޔުމެއްގައި މަދުވާ ބައިތައް ފުރިހަމަކޮށް، އެ ލިޔުން ނިސްބަތްވާ ތާރީޚާއި ތަން ދެނެގަނެވޭނެ އާޓިފިޝަލް އިންޓެލިޖެންސްއެއް އުފައްދާފައިވާކަމަށެވެ.

ގުރީސްގެ ލެޖެންޑަރީ ރަސްކަލެއް ކަމުގައިވާ އޮޑީސެސް ނިސްބަތްވެވަޑައިގަންނަވާ ރަށް ކަމުގައިވާ އިތަކާގެ ނަން ދީފައިވާ މޮޑެލްއަކީ ލިޔުންތައް އަލުން މަރާމާތުކޮށް ބިނާކުރުމަށް ތަމްރީނުކޮށްފައިވާ ފުން ނިއުރަލް ނެޓްވޯކް އާކިޓެކްޗާއެކެވެ. އަދި އެ އާކިޓެކްޗާއިން އެ ލިޔުންތަކުގެ ޖިއޮގްރަފިކަލް (ސަރަހައްދީ) ސިފަތަކާއި ކްރޮނޮޖިކަލް (ތާރީޚީ) ސިފަތައް ދެނެގަނެވެއެވެ.

މި ދިރާސާގައި އިތިކާއަށް ފޯރުކޮށްދީފައިވަނީ އެކި ސަރަހައްދުން އެއްކޮށްފައިވާ 63،000 އެއްހައި ޤަދީމީ ގުރީސް ލިޔުމެވެ. އެ ލިޔުންތައް ދިނުމުން އެ ލިޔުންތަކުގެ މެދުގައި ހުރި ޕެޓާންތައް ކަޝްފުކޮށް ބަސްތަކާއި އަކުރުތައް ތަކުރާރުވާ ގޮތްވެސް ދެނެގަނެވެ. އަދި ބަސްތަކާއި އިބާރާތްތަކުގެ މެދުުގައި އޮތް ގުޅުމާއި އެ އިބާރާތްތަކާއި ބަސްތައް ނިސްބަތްވާ ތާރީޚާއި ތަންތަން ދެނެގަނެއެވެ.

ގެއްލުންވެފައިވާ ލިޔުންތަކުން ގެއްލިފައިވާ ބައިތައް އަނބުރާ އިއާދަކުރުމުގައި 63 އިންސައްތަ ފަހަރު އެ މޮޑެލް ކާމިޔާބެވެ. އަދި ޤަދީމީ ދުނިޔޭގެ 84 ސަރަހައްދަކާ ލިޔުންތައް ގުޅުވުމުގައި އެ މޮޑެލް 71 އިންސައްތަ ކާމިޔާބު ހާސިލުކުރިއެވެ.

މި ދިރާސާގައި އިސްކޮށް އުޅުއްވި ޑރ.ޔަނިސް އަސައެލް ވިދާޅުވީ މައިކްރޮސްކޯޕާއި ޓެލެސްކޯޕުގެ ސަބަބުން ސައެންސްވެރިންނަށް މަސައްކަތް ފަސޭހަވި ފަދައިން އިތިކާއާއެކު ތާރީޚީ ލިޔުންތައް ދިރާސާކުރާ އިލްމުވެރިންނަށް އެ މީހުންގެ މަސައްކަތް ފަސޭހަވެ، މަސައްކަތުގެ ނަތީޖާގެ އިތުބާރު ބޮޑުކުރެވޭނެ ކަމަށެވެ.

މި މޮޑެލް ބިނާކުރި ދާރިސުން ވިދާޅުވާ ގޮތުގައި އިތިކާއަކީ ޤަދީމީ ކޮންމެ ބަހަކުން ލިޔެފައިހުރި ލިޔުންތައް ދިރާސާކުރުމަށްވެސް ބޭނުންކުރެވިދާނެ މޮޑެލްއެކެވެ. ޕަޕީރަސް ކަރުދާހުގައި ލިޔެފައިވާ ލިޔުންތައް ދިރާސާކުރުމަށްވެސް މި މޮޑެލް ބޭނުންކުރެވިދާނެ ކަމަށާއި، އެކަމުގެ ސަބަބުން ޤަދީމީ ބައެއް ޝާިއރުންގެ ޅެންތައް ދިރާސާކުރުމަށް ފުރުސަތު ލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށް މި މޮޑެލް އުފެއްދި ބާހިސުން ވިދާޅުވެއެވެ.

އިތިކާ ފަދަ އާޓިފިޝަލް އިންޓެލިޖެންސް މޮޑެލްތަކަކީ ކުރިއަށް އެޅޭ މުހިއްމު ފިޔަވަޅުތަކެއް ކަމަށްވީ ނަމަވެސް މިއިން އެއްވެސް މޮޑެލްއަކީ އިންސާނުންގެ ތަޖުރިބާއާއި ޤާބިލުކަމާ ނުލައި އަމިއްލައަށް އޭގެ ޒާތުގައި މަސައްކަތް ކުރެވޭހައި ތަރައްޤީވެފައިވާ މޮޑެލްތަކެއް ނޫނެވެ.

މި ލިއުމާއި ގުޅޭ