Monday 20th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އަލީ ރިޒާ

ރިޒާގެ މައްޗަށް އުފުލި ދައުވާގައި ހެކިބަސްދޭން ތިބި ބިދޭސީން ފައްޔާޒުގެ ނުފޫޒުން ޑީޕޯޓުކޮށްދެނީ

ބޮޑުފިނޮޅުގައި ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތަށް ބިދޭސީ މަސައްކަތްތެރިންތަކެއް ހިއުމަން ޓްރެފިކްކުރި ކަމަށް ތުހުމަތުވެ ދައުލަތުން ދައުވާކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއާ ދެކޮޅަށް ހެކިބަސްދޭން ތިބި ބިދޭސީންތަކެއް ޑީޕޯޓުކޮށްލަން ނިންމައިފިއެވެ.

"ދިޔަރެސް"އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލަކު ވިދާޅުވީ މި މައްސަލާގައި ދައުވާކޮށްފައިވަނިކޮށް އެ ދައުވާ އަނބުރާ ގެންނަން މިހާރު ޕީޖީ އޮފީހުން ތައްޔާރުވަމުން އަންނަ ކަމަށެވެ. ދައުވާ އަނބުރާ ގެންނަނީ އެ މައްސަލައިގައި ހެކިވެރިންގެ ގޮތުގައި ހިމެނޭ ބިދޭސީ މަސައްކަތްތެރިން ރާއްޖެއިން ޑީޕޯޓުކުރަން ނިންމާފައިވާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޕީޖީ އޮފީހުގެ ވަކީލު ވިދާޅުވި ގޮތުގައި އަލީ ރިޒާގެ މައްޗަށް އުފުލާފައިވާ އިންސާނީ ވަގުފާރުކުރުމުގެ ކުށުގެ ދައުވާގައި ދައުލަތުގެ ފަރާތުން އޭނާއާ ދެކޮޅަށް ހުށަހެޅި އަސާސީ ހެކިންނަކީ ބޮޑުފިނޮޅުގައި މަސައްކަތްކުރި ބިދޭސީ މަސައްކަތްތެރިންނެވެ. އެ މަސައްކަތްތެރިން ޑީޕޯޓުކުރަން އުޅެނީ ޕީޖީއާއި ފުލުހުންނަަށްވެސް އެނގިގެން ކަމަށް އޭނާ ބުންޏެވެ.

މުސާރަ ނުދީ ބިދޭސީ މަސައްކަތްތެރިން ލައްވައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރުމާ ގުޅިގެން އެ ރަށުގައި ތިބި މަސައްކަތްތެރިންވަނީ ހަޅުތާލުކޮށް ރަށުގައި ހުރި ބައެއް މުދަލަށް ގެއްލުން ދީފައެވެ.

މި މައްސަލާގައި ހައްޔަރުކުރި 11 ބިދޭސީން ޖަލުގައި އެއް އަހަރާ ހަތް މަހާއި 24 ދުވަސް ހޭދަކޮށްފައިވަނިކޮށް، ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުގައި އެ މީހުންގެ މައްޗަށް ކުރިމިނަލް ކޯޓުންވަނީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި ފުލުހަކަށް ހަމަލާދިނުމުގެ ތުހުމަތުގައި އެކެއްގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ހުށަހަޅައި އެ ކުށް ސާބިތުވެ އޭނާގެ މައްޗަށް ހަ މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އިއްވިއެވެ.

މި އެންމެންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްތަކުގެ މުއްދަތަށްވުރެ ގިނަ މުއްދަތެއް ޖަލުގައި ހޭދަކޮށްފައިވާތީ އެ އެންމެންވަނީ މިނިވަންވެފައެވެ. އެގޮތުން ކުރިމިނަލް ކޯޓުގެ ޤާޟީ ނިންމަވާފައިވަނީ ބިދޭސީން ޖަލުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން އުނިކުރުމުން އިތުރަށް ތަންފީޒުކުރާނެ މުއްދަތެއް ހުކުން ބާކީ ނޯންނާނެ ކަމަށެވެ.

މި މީހުން ދޫކޮށްލުމާއެކު ޕްރޮސިކިއުޓާ ޖެނެރަލް އަދި ފުލުހުންނަށްވެސް އެނގިގެން އެ މީހުން ރާއްޖެއިން ބޭރަށް ފޮނުވައިލަން ނިންމާފައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ ނުފޫޒުންކަމަށް ޕީޖީގެ ވަކީލު ވިދާޅުވިއެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މައްސަލައަށް ފައްޔާޒު ނުފޫޒު ފޯރުއްވަނީ އެމްޑީޕީގެ ޗެއާޕާސަންކަމަށް އިންތިޚާބުވެވަޑައިގަތުމަށް ފައްޔާޒު ކުރައްވާ ކެމްޕޭނުގައި އަލީ ރިޒާ ވެދެއްވާ އެހީތެރިކަމުގެ މުޤާބިލުގައެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގައި ފައްޔާޒުގެ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމީ ޖަލްސާ ބާއްވާފައިވަނީ މިލަންދޫގައެވެ. އެ ޖަލްސާގައި ރިޒާ ވާހަކަފުޅުދައްކަވައި ވަރަށް ބޮޑަށް ފައްޔާޒަށް ތާރީފުކުރެއްވިއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ހޯދުމަށް ފުލުހުންގެ މީޑިއާ އޮފިޝަލާ "ދިޔަރެސް"އިން ސުވާލުކުރި ނަމަވެސް އެއްވެސް ޖަވާބެއް ނުދެއްވައެވެ. އަދި މި ލިޔުން ޝާއިއުކުރުމާ ހަމައަށް މި މައްސަލާގައި "ދިޔަރެސް"އިން ދެންނެވި ސުވާލަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލުވެސް ޖަވާބުނުދެއްވައެވެ.

މި ލިއުމާއި ގުޅޭ