ރާއްޖޭގައި އުފައްދާ ފަންނީ އުފެއްދުންތަކާއި ބޭރުން އެތެރެކުރާ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ތަފާތު އުމުރުފުރާތަކާ އެކަށޭނެ ގޮތުން އެ އުފެއްދުންތައް ގިންތިކޮށް ދަރަޖަކުރުމާ ގުޅޭ ބިލެއް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން "ފަންނީ އުފެއްދުންތައް ގިންތިކުރުމާއި ދަރަޖަކުރުމުގެ ޤާނޫނު"ގެ ނަމުގައި މަޖިލީހަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދެވެ. މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ ބިލާމެދު ބަހުސްކުރަން ފަށާފައިވެއެވެ.
މި ބިލުމުގެ މަޤުޞަދެއްކަމަށް ބުނެފައިވަނީ ފަންނީ އުފެއްދުންތައް އާންމުކުރުމުގެ ކުރިން ތަފާތު އުމުރުފުރާތަކަށް އެކަށޭނެ ގޮތަށް ގިންތި ކުރެވޭ އުފެއްދުންތަކެއް ކަމަށް ކަށަވަރުކުރުމަށްޓަކައި ގިންތިކުރުމާއި ދަރަޖަކުރުމުގެ ނިޒާމެއް ޤާއިމުކުރުން ކަމަށެވެ.
މި ބިލު ޤާނޫނަކަށް ވުމުން ރާއްޖޭގައި އުފައްދާ ނުވަތަ އެތެރެކުރާ ފިލްމާއި ސައުންޑާއި ރެކޯޑިންތަކާއި ފޮޓޯ އަދި ކުރެހުން ފަދަ ފަންނީ އުފެއްދުންތައް އާންމުކުރެވޭނީ އެ އުފެއްދުންތައް ގިންތިކުރުމަށްފަހުގައެވެ. އެހެންނަމަވެސް އަމިއްލަ ބޭނުމަށް އުފައްދާ އުފެއްދުންތަކާއި، ފަތުރުވެރިން އެތެރެކުރާ އުފެއްދުމާއި ޑައުލޯންޑުކުރާ އުފެއްދުންތައް އިސްތިސްނާވާނެއެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި ފަންނީ އުފެއްދުންތައް ގިންތިކުރުމުގައި ހުރިހާ އުމުރުފުރައެއްގެ މީހުންނާ ގުޅޭ ނުވަތަ ވަކި އުމުރުފުރާތަކަށް ޚާއްޞަވާ އުފެއްދުންތައް ވަކިން ގިންތިކުރެވޭނެއެވެ. އަދި ގިންތިކުރުމުގައި އާންމު އިޖުތިމާއީ މިންގަނޑުތަކާއި ޖިންސީ ކަންކަމާއި އަނިޔާވެރިކަން އެކުލެވޭ މިންވަރަށް ރިޢާޔަތްކުރަންވާނެކަމަށް ބިލުގައި ބުނެއެވެ.
ގިންތިކޮށްފައިވާ އުފެއްދުންތަކަށް އުނިއިތުރު ގެނެސްފިނަމަ ގެންނަ އުނިއިތުރެއްގެ ކުޑަ ބޮޑުމިނަށް ރިއާޔަތްކޮށް 500 ރުފިޔާއާއި 5،000 ރުފިޔާއާ ދެމެދުގެ އަދަދަސކުން ޖޫރިމަނާކުރެވޭނެ ކަމަށާއި، އަދި ކުށް ތަކުރާރުވާ ކޮންމެ ފަހަރަކު އިތުރަށް 1،000 ރުފިޔާއިން ޖޫރިމަނާކުރެވޭނެކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.